ސޫޖިތު ސިރްކާރްގެ "ވިކީ ޑޯނާ"އިން ބޮލީވުޑަށް ތައާރަފްވި އަޔުޝްމާން ކުރާނާއަށް ލިބެމުންދިޔަ ކާމިޔާބީގެ ސިލްސިލާއަށް ނިމުން އަތުވެއްޖެ އެވެ. އަދި މިފަހުން ރިލީޒްކުރި އޭނާގެ ހަތަރު ފިލްމެއް ވިދިވިދިގެން ވަނީ ފްލޮޕް ވެފަ އެވެ.
ފުރަތަމަ ފިލްމު "ވިކީ ޑޯނާ" އިން ވެސް ގިނަ ބަޔަކު އަޔުޝްމާން ފާހަގަ ކުރި އެވެ. އެއަށްފަހު ދެން އައީ އޭނާގެ އެންމެ ރަން ޒަމާނެވެ. އެ ދުވަސްތަކުގައި "ބަރޭލީ ކީ ބަރްފީ"، "ޝުބް މަންގަލް ސާވްދާން"، "އަންދާދުން"، "ބަދާއީ ހޯ"، "އާޓިކަލް 15" އަދި "ޑްރީމް ގާލް" ރިލީޒްކޮށް ބޮޑު ކާމިޔާބެއް އޭނާ ހޯދިއެވެ.
މިހާ ގިނަ ފިލްމުތަކެއް ޖެހިޖެހިގެން ކާމިޔާބުވުމާއެކު ބޮލީވުޑްގައި އެންމެ ވިކޭ އެއް ތަރިއަށް އަޔުޝްމާން ވިއެވެ. ނަމަވެސް ކޮވިޑް ޕެންޑެމިކް އަށް ބަންދުކޮށްފައި ސިނަމާތައް ހުޅުވިފަހުން އަޔުޝްމާންގެ އެއްވެސް ފިލްމަކަށް އެކަށީގެންވާ ކާމިޔާބެއް ލިބިފައެއް ނުވެ އެވެ.
އޭނާގެ ފަހުގެ ފިލްމުތަކުގެ ތެރެއިން "ޗަންދީގަޅް ކަރޭ އަޝިގީ"، "އަނޭކް"، "ޑޮކްޓަރު ޖީ"، އަދި މިދިޔަ ހަފުތާގައި ރިލީޒްކުރި "އެން އެކްޝަން ހީރޯ" އަށް ބެލުންތެރިން ދީފައިވަނީ ފިނި ތަރުހީބެކެވެ. ނަމަވެސް ކްރިޓިކްސް އާއި ފިލްމު ބެލި އެންމެން ވެސް ބުނަނީ މި ފިލްމުތަކަކީ ބޮލީވުޑްގެ އާދައިގެ ފިލްމުތަކާ ތަފާތު ވަރަށް މޮޅު ފިލްމުތަކެއް ކަމަށެވެ. ނަމަވެސް ފިލްމު ބަލަން އެކަށީގެންވާ ވަރަށް ސިނަމާތަކަށް ނުވަންނާތީ ފިލްމުތައް ފްލޮޕްވީއެވެ.
އަޔުޝްމާންގެ ފިލްމުތަކަށް ހަގީގަތުގައި މިވަނީ ކިހިނެއް ހެއްޔެވެ؟ އެ އެކްޓަރެއްގެ ފިލްމުތައް ބަލަން މީހުން އެންމެ ޝައުގުވެރިވީ އެކްޓަރުގެ ފިލްމުބަލަން މިހާރު މީހުން ނުދަނީ ކީއްވެ ހެއްޔެވެ؟
ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ބުނި ގޮތުގައި އެކްޓަރުންނަށް މިކަހަލަ މައްސަލަތައް ދިމާވަނީ އަބަދު އެއްކަހަލަ ފިލްމުތަކެއް ކުޅޭތީ ކަމަށެވެ. ނަމަވެސް އަޔުޝްމާން އަށް ވެގެން އުޅެނީ މިހެން ނޫންކަމަށް ތަރަން ބުންޏެވެ.
"އަޔުޝްމާންގެ ކޮންމެ ފިލްމެއްގެ ވެސް ވާހަކަ ވަރަށް ބޮޑަށް އެހެން ވާހަކަތަކާ ތަފާތު. އޭނަ ކުރިން ކުޅުނު ފިލްމުތައް ވެސް ޑްރާމާގެ ގޮތުން އެއް ފިލްމާއި އަނެއް ފިލްމު ހާސްބައި ތަފާތު. މިފަހަކުން ކުޅުނު ހަތަރު ފިލްމަކީ ވެސް އެއް ފިލްމާއި އަނެއް ފިލްމު ވަރަށް ބޮޑަށް ތަފާތު ފިލްމުތަކެއް،" ޓްރޭޑް އެނަލިސްޓް ބުންޏެވެ.
އަޔުޝްމާންގެ ފިލްމީ ކެރިއަރަށް މިހާ ބޮޑު ވެއްޓުމެއް އަންނަން ޖެހުނު ދެ ސަބަބެއް ޓްރޭޑް އެނަލިސްޓް ފާހަގަ ކުރި އެވެ. އެއް ސަބަބެއް ކަމަށް އޭނާ ބުނީ ކުރިން އަޔުޝްމާންގެ ފިލްމުތައް ބަލަމުން އައި އޯޑިއަންސް ލޮކްޑައުން ތެރޭގައި މި ކަހަލަ އޯޓީޓީ ފިލްމުތައް ބަލަން ފެށުމެވެ.
އަޔުޝްމާން ކުޅޭ ކަހަލަ ގިނަ ފިލްމުތަކެއް މިހާރު އޯޓީޓީ ޕްލެޓްފޯމްތަކުން ބަލާލެވެން ހުރިކަން ތަރަން ފާހަގަ ކުރި އެވެ.
ދެވަނަ ސަބަބެއް ކަމަށް ތަރަން އާދާޝް ބުނީ އަޔުޝްމާންގެ ހަތަރު ފިލްމު މާ ގާތްގާތުގައި ރިލީޒްކުރުމެވެ.
"އެއް ޒަމާނެއްގައި އަމީތާބުގެ ހަތަރު ފަސް ފިލްމު އެއް އަހަރު ތެރޭ ނުކުތަސް ބެލުންތެރިން އުފަލުން އެ ފިލްމުތައް ބަލަން ވަދޭ. ނަމަވެސް މިޒަމާނުގައި އެގޮތް ވަނީ މުޅިން ބަދަލުވެފައި. މިހާރު ދެ ފިލްމެއް ވަރު މާ ގާތްގާތުގައި ރިލީޒްކޮށްފިނަމަ އެ އެކްޓަރެއްގެ ފިލްމު ބަލަން ބެލުންތެރިން ފޫހިވޭ. މިޒަމާނުގައި ރަނގަޅުވާނީ އަހަރަކު ފިލްމެއް ނުވަތަ ދެ އަހަރުން އެއް އަހަރު ފިލްމެއް ކުޅުނިއްޔާ،" ތަރަން ބުންޏެވެ.
އޯޓީޓީގެ ފިލްމުތަކާ ހެދި އަޔުޝްމާންގެ ފިލްމު ބަލާ އޯޑިއަންސް ގެއްލުނަސް ޕެންޑެމިކްގެ ކުރިއްސުރެ އަޔުޝްމާންގެ ފިލްމުތަކަށް ބެލުންތެރިން ދޭ ތަރުހީބު ކުޑަ ވާން ފަށައިފިކަން ތަރަން ފާހަގަ ކުރި އެވެ.
"ޕެންޑެމިކް ފެށެން ގާތް ވެފައި އޮއްވާ އަޔުޝްމާންގެ 'ޝުބް މަންގަލް ޒިޔާދާ ސަވްދާން ރިލީޒްކުރީ. އެ ފިލްމު އެހާ ރަނގަޅަކަށް ނުހިނގި. އެހެންއޮއްވާ ލޮކްޑައުން އައިމަ ގޭގެ ތިބެގެން އޯޓީޓީ ފިލްމުތައް ބެލުމަށް މީހުން ސަމާލުކަން އިތުރުވީ،" ޓްރޭޑް އެނަލިސްޓް ބުންޏެވެ.
ސީނިއާ ޓްރޭޑް އެނަލިސްޓް އަމޯދް މެހެރާ ފާހަގަކުރި ގޮތުގައި އަޔުޝްމާންގެ ފިލްމުތައް ޕްރޮމޯޝަން ކުރާލެއް ކުޑަވުމީ ވެސް ފިލްމު ބަލަން މީހުން ސިނަމާތަކަށް ނުދާ ސަބަބެކެވެ.