އިސްލާމިކް މިނިސްޓްރީ

ނަމާދުގެ ޖަމާއަތުގައި ގައިދުރުކުރަން ނިންމައިފި

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ ގްރޭޓާ މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރާއިރު ގައިދުރުކޮށް ނަމާދުކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިހާލަތަށް ލުޔެއް ލިބެންދެން މިއަދު މެންދުރު ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރާއިރު ގައިދުރުކުރުމަށް ނިންމާފައިވާ ކަމަށްވެ. މިގޮތަށް ނިންމީ ފަތުވާ މަޖިލީހާ ދީނީ އިލްމުވެރީންނާއި މަޝްވަރާ ކުރުމަށްފަހުގައި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ގައިދުރުކުރުމަށް ނިންމީ މިހާލަތުގައި އެންމެ ބުއްދިވެރި ގޮތަކީ މިސްކިތް ބަންދު ކުރުން ނޫން ކަމަށް އިލްމުވެރިންނާއި ފަތުވާ މަޖިލީހުން ލަފާދެއްވާފައިވާތީ ކަމަށެވެ.

މިސްކިތްތަކުން ކާޕެޓު ނެގުމަށާއި، ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕް ލުމަށާއި، ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ކޮންމެހެން ބޭނުމެއް ޖެހިއްޖެ ހާލަތެއްގައި ނޫނީ އޭސީ ބޭނުންނުކުރުމަށް މިނިސްޓްރީން ވަނީ ސިޓީ ކައިންސިލަށް އަންގާފަ އެވެ.

މީގެއިތުރުން މިސްތިތަށް ނަމާދަށް ދާ މީހުން ގެއިން ވުޟޫ ކޮށްގެން މިސްކިތަށް އައުމަށާއި، އަމިއްލަ މުސައްލަ ގެންދިއުމާއި އެމީހެއްގެ މުސައްލައިގައި ނޫނީ ނަމާދު ނުކުރުމަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ. މީގެއިތުރުން ނަމާދަށް އަންނައިރު މާސްކު އެޅުމާއި ހައި ރިސްކް މީހުންނާއި ދުވަސްވީ މީހުން އަދި ބަލީގެ އަލާމާތްތައް ހުރި މީހުން މިސްކިތައް ނައުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިނިސްޓްރީން ވަނީ ބަންގި ދޭތާ ފަސް މިނެޓް ތެރޭ ނަމާދު ފެށުމަށް އިމާމުންނަށް އަންގާފަ އެވެ.