ކޮލޮމްބޯ (މާޗް 1) – ލަންކާއަށް ހޭންޑް ސެނިޓައިޒާ އެތެރެކޮށް ނުވަތަ އުފައްދައި ވިޔަފާރި ކުރެވޭނީ "ނެޝަނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރީޓީ" (އެންއެމްއާރްއޭ) ގައި ރެޖިސްޓްރީ ކޮށްގެން ކަމަށް "ކޮންޒިއުމާ އެފެއާޒް އޮތޯރިޓީ" (ސީއޭއޭ) އިން ކަނޑައަޅައިފި އެވެ.
ކޮންޒިއުމާ އެފެއާޒް އޮތޯރިޓީއިން ފެބްރުއަރީ 25 ގައި އާންމުކުރި ގަވާއިދު ބުނަނީ، ހޭންޑް ސެނިޓައިޒާ އެތެރެކޮށް ނުވަތަ އުފައްދައި އަދި ހޯލްސޭލް / ރީޓޭލް ކުރުމުގައި، ނެޝަނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރީޓީ" އިން ހުއްދަދިން ރެޖިސްޓްރޭޝަން ނަމްބަރު ޕެކިންގައި ނުވަތަ އަޅާފައި ހުންނަ އެއްޗެއްގައި ސާފުކޮށް ފެންނަން ހުންނަންވާނެ ކަމަށެވެ.
"ސީއޭއޭ" އިން ދޭ އިރުޝާދަކީ ހޭންޑް ސެނިޓައިޒާއާ ގުޅުން ހުރި އެއްވެސް މުއާމަލާތެއް، އެއީ ވިޔަފާރި ކަމަށްވި ނަމަވެސް ނުވަތަ ޕްރޮމޯޝަނެއް، މާކެޓިން ސްޓަންޓެއް ނުވަތަ މިފަދައިން އާންމުންނާ ގުޅުންހުރި އެއްވެސް މުއާމަލާތެއް "އެންއެމްއާރްއޭ" އިން ހުއްދަ ހޯދައިގެން ނޫނީ ނުކުރުމެވެ.
ލަންކާގައި ހޭންޑް ސެނިޓައިޒާއަށް މިފަދަ ގަވާއިދެއް ހަނދަން ޖެހުނީ ފެންވަރު ދަށް އުފެއްދުންތައް އާންމުވެ ރައްޔިތުންގެ ސިއްހަތަށް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވިފައި ވާތީ ކަމަށް ނޫސްތަކުން ބުނެ އެވެ. ސިއްހީ އިދާރާތަކުން ބުނާ ގޮތުން މިފަދަ އުފެއްދުންތައް އާންމުނާ ހަމައަށް މިހާރު ވެސް ވަނީ ފޯރާފަ އެވެ. އަދި ހޭންޑް ސެނިޓައިޒާގެ ނަމުގައި ފޭކްއުފެއްދުންތައް ވަކިވަކި ފަރުދުން ވިއްކާކަން ވެސް އިދާރާތަކަށް ވަނީ އެނގިފަ އެވެ.
ލަންކާގައި މިގަވާއިދަށް އަމަލު ކުރަން ފަށާނީ އޭޕްރީލް އެކަކުން ފެށިގެންނެވެ. މިއަމުރާ ޚިލާފުވާ މީހުންނަށް ހަރުކަށި ފިޔަވަޅުއެޅޭނެ ކަމަށް ވެސް ކޮންޒިއުމާ އެފެއާޒް އޮތޯރިޓީން ބުނެ އެވެ.
ދުނިޔެއަށް ފެތުރިގެންފައިވަ ކޮވިޑް ބަލިމަޑުކަމާ ހެދި ހޭންޑް ސެނިޓައިޒާ ވެފައި ވަނީ ކޮންމެހެން ވެސް ހޯދަންޖެހޭ އެއްޗަކަށެވެ. ގޭބިސީތަކުގައި ދުވަހު ކޮއްތަށް ވުރެ މުހިންމުު އެއްޗަކަށް ހޭންޑް ސެނިޓައިޒާ ވަނީވެފަ އެވެ.