ފްރާންސްގެ ކުރީގެ ރައީސް، ނިކޮލާ ސަކޯޒީ ތިން އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ. އޭނާގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ ޖަލަށްލާން ހުކުމްކުރި ނަމަވެސް، ޖިސްމާނީ ގޮތުން ޖަލުގައި އެންމެ ދުވަހެއް ވެސް ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެ އެވެ.
ސަކޯޒީއަށް ކުރި ހުކުމްގައި ވަނީ ތިން އަހަރުގެ ތެރެއިން ދެ އަހަރު ސަސްޕެންޑް ކޮށްދީފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެހެން ކުށެއް ނުކުރައްވާ ނަމަ ކުށްވެރިނުވާ ގޮތަށް ވަނީ ކޯޓުން އިނާޔަތެއް ދެއްވާފަ އެވެ. ބާކީ އޮތް އަނެއް އަހަރު ގޭބަންދުގައި ނުވަތަ އޭނާ އުޅުއްވާ ގޮތް ބެލޭ ގޮތަށް ހަށިގަނޑުން ތަނެއްގައި ޓެގް އަޅުވާ ގޮތަށް ހަމަޖައްސާފަ އެވެ.
ސަކޯޒީގެ މައްޗަށް ސާބިތުވެފައި ވަނީ ކޮރަޕްޝަންގެ ދައުވާ އެވެ. އެއީ ފަނޑިޔާރަކަށް 2014 ގައި ރިޝްވަރު ދެއްވަން އުޅުއްވި މައްސަލަ އެވެ. ކޯޓްގައި ހިނގަމުންދިއަ މައްސަލައަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވައިފި ނަމަ ރަނގަޅު ވަޒިފާއެއް ދެއްވާނެ ކަމަށް ސަކޯޒީ ވަނީ ވިދާޅުވެފަ އެވެ.
ސަކޯޒީ މަސައްކަތް ކުރެއްވީ އޭނާގެ ވަކީލު، ތިއަރީ ހަޒޯގް މެދުވެރިކޮށް ފަނޑިޔާރު ގިލްބާޓް އަޒިބާޓްގެ ކިބައިން މައުލޫމަތު ހޯދާށެވެ. އެހެން ނަމަވެސް، ސަކޯޒީ ވަކީލާއެކު ފޯނުން ދެއްކި ވާހަކަ ވަނީ ފުލުހުން އަޑުއަހައި ރެކޯޑް ކޮށްފަ އެވެ.
ފުލުހުން ސާބިތު ކުރަން އުޅުނު މައްސަލައަކީ 2007 ވަނަ އަހަރު ރިޔާސި އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ސަކޯޒީ ފައިސާ ހޯއްދެވި ގޮތެވެ.
ސަކޯޒީގެ މައްޗަށް ކޯޓުގައި އުފުލައި ވަކާލާތުކޮށްފައި ވަނީ ފަނޑިޔާރު ގިލްބާޓްއަށް މޮނާކޮއިން ވަރަށް ރަނގަޅު ވަޒީފާއެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެ އޭނާގެ ކިބައިން ސިއްރު މައުލޫމާތުތައް ހޯދަން އުޅުނު މައްސަލަ އެވެ. މި މައްސަލާގައި ސަކޯޒީގެ އިތުރުން އޭނާގެ ވަކީލު އަދި ފަނޑިޔާރު ވެސް ވަނީ ކުށްވެރިވެފަ އެވެ.
ފްރާންސްގެ ރައިސްކަމާ ސަކޯޒީ ހަވާލުވަޑައިގަތީ މޭ 16، 2007 ގައި އެވެ. އަދި މޭ 15، 2012 އާ ހަމައަށް ވެރިކަމުގައި ހުންނެވި އެވެ. އޭނާގެ މައްޗަށް ވަނީ އަދި މިނޫން ކިތަންމެ މައްސަލައެއް ހުށަހެޅިފަ އެވެ. އެހުރިހާ މައްސަލައަކަށް ވެސް ސަކޯޒީ އިންކާރުކުރައްވަ އެވެ.