ބޮލީވުޑް

ޝްރައްދާ އާއެކު ލޯބިވެރިޔާ ރޯހަން ވެސް ރާއްޖޭގައި

ދެބެންގެ ދެ ދަރި ޕްރިޔަންކް ޝަރުމާގެ ކައިވެނީގެ ހަފުލާއަކަށް ބަތަލާ ޝްރައްދާ ކަޕޫރު މިހާރު ހުރީ ރާއްޖޭގަ އެވެ. ޝްރައްދާ ރާއްޖޭގައި ނަގާފައިވާ ބައެއް ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި މީގެ ތެރެއިން ބައެއް ފޮޓޯތަކުގައި ޝްރައްދާ އާއެކު އޭނާގެ ލޯބިވެރިޔާ ރޯހަން ޝްރެސްތާ ވެސް ހުއްޓާ ވަނީ ފެނިފަ އެވެ.

ރޯހަން އަކީ ސެލެބްރިޓީ ފޮޓޮގްރާފަރެކެވެ. އަދި ކުޑައިރުއްސުރެ ޝްރައްދާ އާއި އޭނާގެ އާއިލާ އާ ގާތް ގުޅުމެއް އޮންނަ މީހެކެވެ.

ޝްރައްދާ އާއެކު ރޯހަން ފެނިފައިމިވަނީ ދެ މީހުން ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ކަމުގެ އަޑު ވެސް ގަދަވެފައި ވަނިކޮށެވެ. ނަމަވެސް ޝްރައްދާގެ ބައްޕަ ޝަކްތީ ކަޕޫރު ބުނެފައިވަނީ ޝްރައްދާ އެހާ އަވަހަކަށް ކައިވެނިކުރަން އުޅޭކަމެއް އެނގިފައި ނުވާ ކަމަށެވެ. އަދި ރޯހަންގެ ބައްޕަ އަކީ އޭނާގެ ގާތް އެކުވެރިޔެއް ކަމަށާއި އެހެންވެ ކުޑައިރުއްސުރެ އެމީހުންގެ އެކަކު އަނެކަކުގެ ގެޔަށް ޒިޔާރަތްކޮށް ވަރަށް އެކުވެރިކޮށް އުޅެމުން އަންނަ ކަމަށެވެ.

ރާއްޖޭގައި މިހާރު ކައިވެނި ޕާޓީ ބާއްވައިގެން އުޅޭނީ ޕްރިޔަންކް އަކީ ޝްރައްދާގެ ބޮޑުދައިތަ އަދި ކުރީގެ މަޝްހޫރު ފިލްމީ ބަތަލާ ޕަދްމިނީ ކޯލާޕޫރީގެ ދަރިފުޅެކެވެ. އޭނާގެ އަލަތު އަނބިމީހާ ޝަޒާ މޮރާނީ އަކީ ޕްރޮޑިއުސަރު ކަރީމް މޮރާނީގެ ދަރިއެކެވެ.

ޕްރިޔަންކް އާއި ޝަޒާގެ އާއިލާގެ ގިނަ ބަޔަކު މިވަގުތު ތިބީ އޮޒެން ލައިފް މާދޫ ގައެވެ. އަދި ކައިވެނީގެ އެކި އެކި ރަސްމިއްޔަތުގައި ފާއިތުވީ ދެ ތިން ދުވަހުއްސުރެ ވަރަށް ކުލަގަދަކޮށް އެމީހުން ގެންދަނީ ބާއްވަމުންނެވެ.

މި ކައިވެނީގެ ރަސްމިއްޔާތުތަކުގައި ޝްރައްދާގެ އިތުރުން އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާ އަދި ބޮލީވުޑް އެކްޓަރު ވަރުން ދަވަން ވެސް ބައިވެރިވެ އެވެ. އަދި ޕަދްމިނީގެ ބެސްޓް ފްރެންޑް ޕޫނަމް ދިލަން އާއި އޭނާގެ ދަރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވާން އެ ރަށަށް އައިސް އެބަ ތިއްބެވެ.