ލެޖިސްލޭޓިވް އެޖެންޑާ

ބިލްތައް ނުލިބޭތީ މަޖިލީހުގެ މަސައްކަތް މަޑުޖެހިއްޖެ: ނަޝީދު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހޭ ބިލްތައް އެ މަޖިލީހަށް ނުލިބޭތީ މަސައްކަތްތައް ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ކޮންމެ ދައުރެއް ފަށާއިރު ވެސް އެ ދައުރަކަށް ސަރުކާރުން ފޮނުވާނެ ބިލްތައް މަޖިލީހަށް ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ފޮނުވަ އެވެ. އެ ލިސްޓު ސަރުކާރުން ފޮނުވި ނަމަވެސް އޭގައި ހިމެނޭ ބިލުތައް ނުލިބޭތީ ރައީސް ނަޝީދު މިއަދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

"މަޖިލީހުގެ މެމްބަރުންނާއި ކޮމެޓީތަކުގެ އިސްނެގުމުގެ ދަށުން ބައެއް ބިލްގެ ތަސައްވަރުތައް އެކުލަވާލެވި އަދި ސިޔާސީ ޕާޓީތަކުން ވެސް ބިލްތަކުގެ ތަސައްވަރުތައް އެކުލަވާލެވި އެ މަސައްކަތްތައް ހިނގަމުން އެބަދޭ. ނަަމަވެސް ގިނައިން ބޭނުންވެފައިވާ ބިލަކީ ފައިސާއާ ވެސް ގުޅޭ ބިލް ކަަމަށް ވާތީވެ ސަރުކާރުން މަޖިލީހަށް އެ ބިލްތައް ލިބުމަކީ ބޭނުންތެރި ކަމެއް" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން އެޓާނީ ޖެނެރަލްއާ މަޝްވަރާ ކުރުމަށް ފަހު ވީހާވެސް އަވަހަށް މަޖިލީހަށް ގެނެވެން ހުރި ބިލްތައް ފޮނުވަން އެދިވަޑައިގަންނަވާނެކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.

މި ދައުރުގައި މަޖިލީހަށް ފޮނުވަން 33 ބިލެއް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި އާ 15 ބިލެއް ހިމެނޭއިރު ކޮވިޑް ވެކްސިން ދިނުމުގެ އުސޫލުތައް ކަނޑައެޅުމާއި އަބުރާ ބެހުމުން ލިބޭ ގެއްލުންތަކުގެ ބަދަލު ނަގައިދިނުމާ ބެހޭ ބިލެއް ވެސް ހިމެނެ އެވެ.