ވާހަކަ

ހީނލާގޮތުން

(28 ފެބްރުއަރީ 2021 އާ ގުޅޭ)

"ކީއްވެ މަންމަ ކިޔަނީ؟ ތީ ސާރާގެ މަމީއެއްނޫނެއްނު، ސާރާއަށް އެނގޭ މަމީއެއް ނުހުންނާނެކަން... މަމީ މަރުވީއެއްނު... މާމަ ބުނި މަރުވާކުދިން ދެން ނާންނާނެއޭ." ހިމޭނުން އިނދެފައި ސާރާ ދެއްކި ވާހަކަތަކުން ނޯޔާގެ މޫނުގައިވި ހިނިތުންވުން ފަނޑުވެގެންދިޔައެވެ. އެކުޑަކުޑަ ސިކުނޑީގައި ފޮރުވަމުން އަންނަނީ ކޮންކޮން ޚިޔާލެއް ކަމެއްވެސް ނޯޔާއަށް ދެނެގަންނާކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ.

އެ ސުވާލަށް ޖަވާބު ދޭނޭ ގޮތެއް ކުޑަކޮށް ވެސް ނޯޔާއަށް ނޭނގުނެވެ. ތަޤްދީރުގެ ގަލަމުން ދުނިޔޭގެ ޤާނޫނު ލިޔެވަމުންދާކަން ވިސްނޭ ވަރަށްވުރެ ސާރާގެ ސިކުނޑިއާއި އެކުއްޖާގެ ބުއްދި ޅައެވެ. ތިލަކޮށް ބަޔާންކުރަން ބޭނުންވިޔަސް އެއީ ލުއި މައުޟޫޢުއެއް ނޫނެވެ. ދޫ ނުކުޅެދުނު ހިނދު ސާރާގެ ދެއަތްތިލައިގަ ނޯޔާއަށް ހިފާލެވުނެވެ. ސޯފާއިން ތެދުވެލި ގޮތަށް އެކުއްޖާގެ ކުރިމަތީ ދެ ކަކޫ ޖަހާލިއެވެ. އެ ކުޑަ ދެއަތް ގެނެސް ތުންފަތާ ކައިރިކޮށްލުމާއެކު ލޯބިން ބޮސްދިނެވެ.

"ހުރިހާ ކުދީންނަކީ ކޮންމެވެސް ދުވަހަކުން މަރުވާނެ ކުދީން، ހަމައެކަނި މުސްކުޅިވުމުންނެއްނޫން މަރުވަނީ... އަހަރެމެންނަކީ މުސްލިމުން، ﷲ އެންގެވި ގޮތަށް އުޅޭ ކުދީން... ރަނގަޅު ގޮތުގައި ބަސް އަހައިގެން އުޅޭ ކުދީން، އެކުދީންނަށް މަރުވުމަށްފަހު ދެރަގޮތެއް މެދުވެރިނުވޭ، އެކުދީން ވާނީ ސުވަރުގޭގެ ކުދީންނަށް، ސުވަރުގޭގައި ކޮންމެ ކުއްޖަކު ހުންނާނީ އުފަލުން، އެކުއްޖަކު އެންމެ ލޯބިވާ ކުއްޖަކާއެކު، އެންމެ މީރު އެއްޗެހި ކައިގެން، އެންމެ ރީތި ހެދުން ލައިގެން... ޤުރުއާނަކީ ﷲގެ ބަސްފުޅު، އެ ޤުރުއާނުގައި ސުވަރުގޭގެ ވާހަކައާއި އެތަނުގައި ކުދީން އުޅޭނެ އުފާވެރިކަމުގެ ވާހަކަ އޮވޭ، މިރޭ ނަމާދުކޮށްގެން ވާނެ މަންމައާއެކު ކިޔަވާލަން، އޭރުން މަންމަ ކިޔާދޭނަން އެ ޤުރުއާނުގައި ހުރި ވާހަކަތައް، އެނގޭތަ؟ މަމީއާއި ސާރާއާއި މި މަންމަގެ ފުރާނަ އެޅުއްވީ މާތް ﷲ، މަރުވުމަކީ ނިދާލުން ކަހަލަ ކަމެއް، ނިދޭގޮތް މިންވަރު ކުރައްވަނީ ﷲ، އަދި އެއަށްފަހު އަލުން ހޭލެވެނީ ﷲގެ އިޒްނައާއެކު... މަރުވުމަކީ އެފަދަ ކަމެއް، ނިދާފައި ހޭލެވުން ކަހަލަ، މަރުގެ ނިދިން ހޭލެވުމުން ސުވަރުގެއަށް ވަންނަން ފުރުޞަތު ލިބޭނީ މިހާރު މި ދުނިޔޭގައި ރަނގަޅަށް އުޅުނު ކުދީންނަށް، އަހަރެމެންގެ ފުރާނައިގެ ވެރިފަރާތަކީ އަހަރެމެން އުފެއްދެވި ރަސްކަލާނގެ، އެއީ ﷲ... މަމީ ވެސް ސާރާއާއި މަލްކޮއާއި އަނުމް ބޭބީ ދޫކޮށްލާފައި ދާން ބޭނުމެއްނުވާނެ، އެކަމަކު މި ދުނިޔޭގައި މަމީ ހުންނަންވީ ވަގުތު ކަނޑައެޅުއްވީ ﷲ، އެހެންވެ މިހާރު އެ މަމީ އެވަނީ ﷲގެ ބެލުމުގެ ދަށުގައި، އަދި މިގޭގައި ތިބި އެ މަމީގެ ތިން ކުދީން ﷲ ހަވާލުކުރެއްވީ މި މަންމައަށް، މި މަންމައަކީ ރަނގަޅު ކުއްޖެއްތޯ، ސާރާއާއި ހުރިހާ ކުދީންދެކެ މި މަންމަ ލޯބިވޭތޯ، ތި ކުދީން ދެރަކުރޭތޯ... ﷲ ބައްލަވާނެ، ހުރިހާ ކުދީން އުޅޭގޮތް ﷲ ބަލައްވާވޮޑިގެންވޭ، ރަނގަޅަށް އުޅޭ ކުދީންނާއި ގޯސްކޮށް އުޅޭ ކުދީން ވެސް، ސިއްރުން ގޯސްކަންތައް ކުރި ނަމަވެސް ﷲއަށް ސިއްރުވެގެން ނުވޭ، ހިތްތަކަށް އަރާ ކަންކަން ވެސް ﷲ ދެނެވޮޑިގެންވޭ، އެހެންވެ ސިއްރުން ވެސް ގޯސްކަމެއް ކުރަންނުވަނީ... ތީ ވަރަށް ބަސްއަހާ ކުއްޖެއް، ބަސްއަހައިގެން ރަނގަޅަށް އުޅޭ ކުދީން އެދޭ ކަންކަން ﷲ ފުއްދަވާދެއްވާނެ، މަންމަ ވެސް ބޭނުންވަނީ ބަސްއަހާ ކުއްޖަކަށްވާން، ﷲ ލޯބިވާ ކުއްޖަކަށްވާން... އޭރުން ސުވަރުގެއަށް ވަދެވޭނީ، ސާރާގެ މާމަ ﷲ އަށް ދެންނެވީ މިގޭގައި ތިބި ތިންކުދީންގެ މަމީ މަރުވެއްޖޭ، އެހެންވީމަ އެފަދަ މަމީއެއް އެކުދީންނަށް ﷲ ދެއްވާންދޭވެ... ކޮންމެ ދަރިފުޅަކަށް ހުރިހާ ކަމެއްކޮށްދޭން ހުންނަ ކުއްޖަކީ މަންމައެއްނު... ހުރިހާކަމެއް އެންމެ ރަނގަޅަށް ކޮށްދޭނީ އަބަދުވެސް މަންމަ، އެހެންވެ ތި ތިންކުދީންނަށް ހުރިހާކަމެއް ކޮށްދޭން މި މަންމަ އައީ... މިހާރު މީ ހުރިހާ ކުދީންގެ މަންމައެއް، ހުރިހާ ކުދީންދެކެ މި މަންމަ ވަރަށް ލޯބިވޭ، މި މަންމަގެ ބަނޑުންނެއްނޫން ތި ކުދީން ނުކުތީ، އެކަމަކު ތީ ﷲ މި މަންމައަށް ދެއްވި ލޯބި ދަރިފުޅުންތަކެއް، ސާރާ ކަމެއް ބޭނުންވެއްޖެނަމަ މަންމަ ގާތު ބުނައްޗޭ، މަންމަ އެކަން ކޮށްދޭނަން އިނގޭ."

ނޯޔާ ވާހަކަދެއްކީ ސާރާގެ ދެ ލޮލާއި މޫނަށް ފަރުވާތެރިކަމާއެކު ބަލަން އިނދެއެވެ. އެކުއްޖާ ފެންކަޅިވާން ފެށުމުން ނޯޔާ ނުހަނު ކަންބޮޑުވިއެވެ. ތުންފިއްތާލައި ނޯޔާގެ އަތުގެ ތެރެއިން ދެއަތް ނަގައި ސާރާ ދެ ލޯ ފުހެލީ ރޮވެން ފެށުމުންނެވެ. އަވަސްއަވަހަށް ނޯޔާ ތެދުވެ ސޯފާގައި އިށީދެއްޖެއެވެ. ސާރާ ގެނެސް އެ މޭގައި ފޮރުވާލުމާއެކު ބުރަކަށީގައި ފިރުމާލިއެވެ.

"ސާރާ ވަރަށް މިސްވޭ މަމީ... މަމީގެ ފޮޓޯ ޑެޑީ ފޮރުވީ، ސާރާއަށް އެނގޭ މަމީ ހުންނަނީ ކިހިނެއްކަން، ސާރާ ބޭނުން... މަމީ އަދި ބަލާލަން." ނޯޔާގެ މޭގައި މޫނު ޖައްސާލައިގެން އިނދެ ރޮވެމުންދިޔަ ސާރާ ބުނެލިއެވެ. އެކުއްޖާގެ ވާހަކައާ މެދު ނޯޔާއަށް ވިސްނާލެވުނެވެ. މައިރާ ހުންނަ ގޮތެއް ނޯޔާއަކަށް ވެސް ނޭނގެއެވެ. އެއްވެސް ކޮޓަރިއެއްގެ ތެރެއިން މައިރާގެ ފޮޓޯއެއް ނޯޔާ ނުދެކެއެވެ. މަލްސާއަށްވުރެ ބޮޑަށް ސާރާ އޭނާގެ މަންމަ ހަނދާން ހުންނާތީ އެ މަންމަގެ ތަސްވީރެއް ވިޔަސް ބަލާލެވެން އޮތުމަކީ އެކުއްޖާއަށް ލިބޭނެ ހިތްހަމަޖެހުމަކަށް ވެދާނޭ ނޯޔާގެ ހިތަށް އެރިއެވެ.

"ބައްޕައާއި މަލްކޮ އަންނައިރު ސާރާ ރޯން އިނީމަ ކަމަކުނުދާނެ، އޭރުން އެކުދީން ހީކުރާނީ މަންމައޭ ސާރާ ރޮއްވާލީ... ނޫންތަ؟ އަވަހަށް ލޯ ފުހެލާ، މިގަޑީގަ މަޑުކުރާކަށް ބައްޕައަށް ވަގުތެއްނުވާނެ، ކައިގެން އޮފީހަށް ދާނީ، އެހެންވީމަ ނިމިގެން އަންނަންދެން މަޑުކޮށްލާ، އޭރުން ސާރާގެ ވާހަކަ ބައްޕަ އަޑުއަހާނެ، އައީމަ ބައްޕަ ގާތު ސާރާ ބުނޭ މަމީގެ ފޮޓޯ ބަލާލަން ބޭނުމޭ... ސާރާ ހަނދާންވެޔޭ މަމީ މަތިން، މަމީ ހުންނަ ގޮތް ސާރާއަށް އެނގޭކަން، އަދި ސާރާއަށް ފޮޓޯތައް ފެންނާނެހެން ބަހައްޓާދިނުމަށް... އިނގޭ." ސާރާގެ ދެ ލޮލާއި ކޯތާފަތް ނޯޔާ ފުހެދެމުން ނުހަނު އޯގާތެރި އަޑަކުން ވާހަކަދެއްކިއެވެ. ސާރާ އެވަރުކަމެއް ޚިއްޞާ ކުރުމުން ވެސް ނޯޔާއަށް ބަޔާންކުރަން ނޭނގޭހާ ހިތްހަމަޖެހުން ލިބުނެވެ. ދެމެދުގައި އޮތް ދުރުކަން ނެތިގެންދާނޭ ފާލަމެއް އެޅިއްޖެކަމުގެ އިޙްސާސް ކުރެވުނެވެ. އެ ފާލަމަކީ އެ ދެއަތްކަމުގައި ވިޔަސް އޭނާ އެ ބުރަ އުފުލުމުގައި ދެއަތް ދަމާލައިފިއެވެ. ދުރުވުމަށްވުރެ ގާތްވުމުގެ ނިޔަތުގައެވެ.

"ޑެޑީ ދެރަވާނެ." ނޯޔާއަށް ބަލާލަމުން ސާރާ ބުންޏެވެ. ހައިރާންވީ އެވަރުގެ ކުއްޖަކު އެހާ ފުން ވިސްނުމެއް ވިސްނާކަން އެނގުމުންނެވެ. ކޮންމެ ޢަމަލަކީ އެކަމާ ނަތީޖާއެއް ގުޅިފައިވާ ކަމެކެވެ. އެކަން ކުރުމުން ނުކުންނާނޭ ނަތީޖާއާމެދު އެހާ ކުޑައިރު ވިސްނުމަކީ އެ އުމުރު ކުދީންގެ މެދުގައި އާންމުކޮށް ފެންނާނެ ކަމެއްނޫންކަން ނޯޔާއަށް އެނގެއެވެ. އެހެންވިޔަސް ހިތުގައި ތަފާތު ލޯތްބެއް އެކުއްޖާގެ މައްޗަށް ނޯޔާގެ ވިއެވެ. އެ ދަރިފުޅު ހެޔޮ މަގުން ބޮޑުކުރެވިއްޖެނަމަ ރިވެތި އަޚްލާޤުގެ ނަމޫނާއަކަށް ވާނޭ ނޯޔާގެ ހިތާއި ޟަމީރު އެއްބަސްވިއެވެ.

"އެއީ ހުރިހާ ކުދީންގެ ބައްޕަ، އެހެންވީމަ ބައްޕަ ވަރަށް ހިތްވަރުގަދަ ވާނެ." ނޯޔާ ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. އެ ހިނިތުންވުން އެ ކުޑަ ހިތަށް ހިތްވަރަކަށްވާން އެދެވުނެވެ. ޔަގީންނުވެފައި އިން ފަދައަކުން ސާރާ ބަލަން އިނީއެވެ. އިހުނަށްވުރެ ނޯޔާ ހިނިތުންވުން ފުޅާކޮށްލިއެވެ. ގުދުވެލައި ސާރާގެ ބޮލުގައި ބޮސްދީފިއެވެ. ދެން އަލުން އެ މަޢުޞޫމް މޫނަށް ބަލާލަމުން އޭނާ މައުޟޫޢު ބަދަލުކޮށްލައިފިއެވެ. އަނެއްކާ ވެސް "ކެރިއާ ޑޭ"ގައި ސާރާ ޚިޔާރު ކުރާ ގޮތެއް އޮޅުން ފިލާތޯ އުޅުނެވެ. އެ ވާހަކަ ކުރިއަށް ނުގެންދެވެނީސް އެބައިގެ މައި ދޮރުގެ ތަޅު ހުޅުވާލި އަޑު އިވުނެވެ. ދޮރު ހުޅުވެންވާއިރަށް މަލްސާގެ އަޑު އިވިއްޖެއެވެ. އަސްލަންއާ ބޮޑު ވާހަކައެއްގައި އެކުއްޖާ ހުރި ކަހަލައެވެ. ވާހަކަދެއްކުން ހަލުވިވެފައި ބާރުކަން އިވިއިވި ހުއްޓެވެ.

"މަލް..." އެކުއްޖާ ވަދެގެން އަންނަން ފެށުމުން ނޯޔާ ގޮވާލިއެވެ. އެހިނދު ވަގުތުން މަޑުޖެހިލިއެވެ.

"މަލް ފޮގެޓްވީ..." އަނގަމަތީ އަތްއަޅާލައި ހީނގަންނަމުން މަލްސާ ބުނެލިއެވެ. ދެން ދުވެފައި އެނބުރި ދޮރުކައިރިއަށް ގޮސް ނިކަން އަވަހަށް ސަލާމް ގޮވާލައިފިއެވެ. ނޯޔާ ސަލާމް ބަލައިގަނެ އަވަހަށް އަންނާށޭ ބުނެލީ ލޯބިންނެވެ. ގެއަށް ވަންނައިރު ސަލާމް ގޮވުމުގެ އާދަ ނޯޔާ އެ ދެބެންނަށް ދަސްކޮށްދޭން މަސައްކުރަނީއެވެ. އެ މަންޒަރު ބަލަން ހުރި އަސްލަން ހިނިއައީ މަލްސާ އުޅުނު ގޮތް ފެނިފައެވެ. ގެއަށް ވައިސޫރިއެއްހެން ވަދެގެން އައުމަކީ އެކުއްޖާ އާދަވެފައި ހުންނަ ގޮތެވެ. ދޮރު ވެސް ކޮށްޕާލައި ހުޅުވާލާ ގޮތަށް ބަހައްޓާނީއެވެ. ކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދޭނެއެވެ. އެހެންވިޔަސް އެކުއްޖާ ނޯޔާގެ ތަރުބިއްޔަތަށް މަޑުމަޑުން ވިޔަސް ހޭނޭތަން ފެނެއެވެ. ދުލުން ފާޅުނުކުރި ނަމަވެސް ހިތުގެ އަޑިން ނޯޔާގެ އެފަދަ އާދަތަކަށް އަސްލަންއަށް ރުހެވެއެވެ. ޚާއްޞަކޮށް ފަތިހާ ފޮޅެލި ތާޒާ މަލެއް ފަދައިން އެ މޫނު ފުރަތަމަ ފެނިލާ ހިނދު ހިނިތުންވުމަކުން އެކުރާ ސަލާމަށް އަސްލަންގެ ހިތް ވެސް އާދަވަމުން ދާކަން ޚުދު އޭނާއަށް އެނގެއެވެ. ހަމައެއާއެކު ގެއަށް އައިސް ވަނުމުން އެ އަލިމޫނާއި ފިނިފެންމަލެއްގެ ފިޔަފަދަ ލޭފަވެތި ތުންފަތުން ފަނޑުނުވާ ހީނލުމެއް ހަދިޔާ ކުރެއެވެ. އޭނާގެ އިންތިޒާރުގައި އެ އަންހެންކުއްޖާ އިންކަން އަންގާލާ ފަދަ ރަމްޒެއް ކަހަލައެވެ. ދެމެދުގައި ވާހަކަތަކެއް ނުދެއްކުނަސް ޢަމަލުތަކުގައި ގާތްކަން ވާކަން އަސްލަންއަށް އިޙްސާސް ކުރެވެއެވެ.

"މި އަންނަނީ، ކާން ނަގާފަ އެހެރީ..." އަސްލަންއަށް ނޯޔާ ބުނެލިއެވެ. އަދި އޭނާ އަވަސްވެލީ މަލްސާގެ ޔުނީފޯމް ބަދަލު ކުރުމަށެވެ. ބައްޕައާއެކު ކާން އަރަން އެކުދީން ވެސް ތިބެނީ ބޭނުންވެފައެވެ. އެއީ ވެސް ނޯޔާގެ މަސައްކަތެވެ. އަސްލަން އެކަމަށް ފަރުވާތެރިވާން ފެށީ ނޯޔާގެ ސަބަބުންނެވެ. ކާންތައްޔާރުކޮށްފައި ނޯޔާ ބަހައްޓާއިރު މަލްސާ ގޮވައިގެން ގެއަށް ވަދެފައި ނުކައި ދާން އަސްލަންއަށް ވެސް ނުކެރެނީއެވެ. މިފަދަ ތަރުތީބު ކަމެއް ޚުދު އަސްލަންގެ ދިރިއުޅުމުގައި މީގެ ކުރިއަކުން ނުވެއެވެ. ޚާއްޞަކޮށް މައިރާ ވަކިވިފަހުން ދިރިއުޅުމުގެ އުސޫލުތައް ވަނީ އޮޅުންބޮޅުން ވެފައެވެ. އާދަތަކުގެ ހަމަވަނީ ގެއްލިފައެވެ.

"އެއީ މައްސަލައެއްނޫން، ހަނދާންނެތިދާނެ... ބޫޓު ކަބަޑު ކައިރީ ރީތިކޮށް ބަހައްޓާނީ އިނގޭ." ނޯޔާ އެތެރެއަށް ވަދެގެން ދަމުން މަލްސާގެ ބޮލުގައި އަތް ޖައްސާލިއެވެ. އެކުއްޖާ އަމިއްލައަށް ބޫޓު ބާލައި އެ ލާން ހުންނަ ކަބަޑު ކައިރީ ބެހެއްޓީ ފަރުވާތެރިކަމާއެކުއެވެ.

ނޯޔާ އެނބުރި އައިސް ސިޓިންރޫމުގައި ހުރެ މަލްސާގެ ޔުނީފޯމް ބަދަލުކޮށްލިއެވެ. ކޮޓަރިން ހިފައިގެން އައި ޓީޝާޓު ކޮޅާއި ހަރުވާޅު ލައްވައި ސޯފާގައި ބޭލުވި ޔުނީފޯމް އަޅުވާލިއެވެ. ދެން ނޯޔާ އަވަސްވެލީ ކާމޭޒު ކައިރިއަށެވެ. އޭރު ސާރާ އައިސް ކާމޭޒު ކައިރީ އަސްލަންއާއެކު އިނީ އިށީނދެއެވެ. މަލްސާ ދެއަތް ދޮވެގެން ދުވެފައި އައިސް ގޮނޑިއަށް އެރިއެވެ. ނޯޔާއަށް އެކުއްޖާ ބަލާލީ އަވަހަށް ކާއެއްޗެހި އަޅައިދޭށޭ ބުނާ ފަދައިންނެވެ. އެކުއްޖާގެ އެ ހުންނަ ކެތްތެރިކަން ކުޑަކަން ފެނި ނޯޔާ ހިނިއައެވެ. މީހެއްގެ ހިތް ލޯބިން އުތުރި އަރާނޭކަން ގައިމެވެ.

* * * * *

ޔަޝާ ނުރުހުނަސް އެކުވެރިޔާއާ ބައްދަލުނުކޮށް ނުހުރެވުނެވެ. ނޯޔާ އާދޭސް ކުރުމުގެ ކުރީން ވެސް އޭނާ ހުރީ އެކުވެރިޔާއާ ބައްދަލުކުރަން ނިންމައިގެންނެވެ. ހަވީރު އަންނާނޭކަން ނޯޔާ ގާތު ބުނެފައި އޮތުމުން ޔަޝާ އުޅުނީ ތައްޔާރުވާށެވެ. ގެއިން ނުކުންނަން އައި ވަގުތު ޓީވީ ބަލަން އިން ބައްޕަ ސުވާލު ކުރިއެވެ. ނޯޔާ ކައިރިއަށްކަން ދަނީ ބުނުމުން އިތުރު ސުވާލެއް ނުކުރިއެވެ. އޮޅުވާލަން ބޭނުންވާނަމަ އެއީ ރަނގަޅު އުޒުރަކަށްވާނޭ ޔަޝާގެ ލާނެތް ސިކުނޑި ބުނެލިއެވެ. ނޯޔާއޭ ބުނާ ހިސާބުން ބައްޕަ އޭނާއަށް އެ އިތުބާރު ކުރަނީ ދެ ލޯ މަރައިގެން ހުރެ ވިއްޔާއެވެ.

ޓެކްސީ މަޑުކޮށްލުމުން އެއިން ފައިބާ މަގުގެ އަނެއްފަރާތުގައި ހުރި ގެއަށް ޔަޝާ ބަލާލިއެވެ. މީގެ ކުރީން އޭނާ ނޯޔާއާ ބައްދަލުކުރަން އައިސް އުޅުނީ އެގެއަށެވެ. އެކަމަކު މިހާރު ވަންނަން މިޖެހުނީ އެހެންގެއަކަށެވެ. ކޫސަނި ޚިޔާލުތަކުން ޔަޝާއަށް ތުންކޮޅު ހަދާލެވުނެވެ. ދެން އެނބުރި ރޯޝަނީވިލާގެ ދޮރޯށި ހުޅުވަން ނޯޔާއަށް ގުޅާލިއެވެ. މަދު ސުކުންތުކޮޅެއްގެ ތެރޭ އެގޭ ދޮރޯށި ހުޅުވުނެވެ. އެތެރެއަށް ވަދެގެން އައިސް ލިފްޓު އަންނަން ދެން މަޑުކޮށްލައިގެން ހުއްޓެވެ.

* * * * *

ނޯޔާގެ ގާތް އެކުވެރިއެއް ކަމަށްވާ ޔަޝާ އަންނަކަން އެނގުމުން އަސްލަން ބެލީ އެ ދެ އަންހެން ކުދީންނަށް ވަގުތު ދިނުމަށެވެ. އެހެންވެ ކުދީން ގޮވައިގެން އޭނާ ފޭބީ މަންމަގެ ބަޔަށެވެ. ހަވީރު ސަބީނާ ނޫޅޭނެކަން އެނގޭއިރު ވެސް މެއެވެ. އެ ދެމަފިރިންގެ ވަލީމާގައި ޔަޝާ ބައިވެރިވިކަން ނޯޔާ ބުންޏަސް އަސްލަންއަކަށް އެއީ ކާކުކަމެއް ނަގައެއް ނުގަނެވުނެވެ. އެމީހުންގެ ދިރިއުޅުމުގެ ހާލަތުގެ ވާހަކަ ނޯޔާ ދައްކަފާނެކަމާމެދު އަސްލަންއަށް ވިސްނެން ފެށުނެވެ. އެއީ މީހަކާ ޚިއްޞާކުރުމަށް އަސްލަން ނޭދޭ ކަމެކެވެ. އޭނާގެ އަނތްބެއްގެ ގޮތުގައި ހުރެ ނޯޔާ ވެސް އެކަހަލަ ވާހަކަ ކިތަންމެ ގާތް މީހެއްގެ ގާތުގައި ވިޔަސް ދެއްކުމަށް އޭނާ އެއްގޮތަކަށް ވެސް ނޭދެއެވެ. އޭނާއަށް ވަގުތު ބޭނުންވާނޭކަން ނޯޔާ ޤަބޫލުކޮށްފިނަމަ އެކަހަލަ ވިޔާނުދާ ވާހަކައެއް މީހެއްގެ ގާތުގައި ނުދައްކާނެއޭ އަސްލަންގެ ޟަމީރު ބުނެއެވެ. އެހެންވިޔަސް އޭނާ ވަނީ ހިތް އަވަސްވެފައެވެ. އެ ދެއަންހެން ކުދީންގެ ދެމެދުގައި ޚިއްޞާ ކުރާނީ ކޮންކަހަލަ ވާހަކަތަކެއްކަން ނޭނގޭތީއެވެ.

"ނަމާދު ވަގުތައް އަންނާނަންތަ؟" ދޮރުމަތީ ހުރި ނޯޔާ އަހާލިއެވެ. އެއާއެކު އަސްލަން ބޯޖަހާލިއެވެ.

ލިފްޓުން ނުކުތް ޔަޝާއާއި އަސްލަންއާއި އޭނާގެ ތިން ކުދީން ބައްދަލުވިއެވެ. އެމީހުން ޔަޝާ ނުކުތުމުން ލިފްޓަށް އެރީއެވެ. އަނގަޔަކުން ނުބުނެއެވެ. ދޮރުމަތީ ހުރި ނޯޔާއަށް ޔަޝާ ފެނުމުން ނުހަނު ބޮޑަށް ހިނިތުންވެލިއެވެ. އެ އެކުވެރިޔާ ދުށުމަށް އޭނާ ބޭނުންވެފައި ހުރިވަރުންނެވެ.

"އަހަރެން އަންނާތީ އަވަހަށް ފޮނުވާލީތަ؟" ލޮލުން ލިފްޓާ ދިމާއަށް އިޝާރާތްކޮށްލި ގޮތަށް ޔަޝާ ބުނެލިއެވެ.

"ތީ ފުރޭތައެއްތަ، ފެންނައިރަށް ބިރުން ފިލަން." ނޯޔާގެ ޠަބީޢަތާއި އުޅުން ކުއްލިއަކަށް ބަދަލުވެލިއެވެ. ގޭތެރެއިން އަސްލަންއާއި ކުދީންގެ ކުރިމަތީ ފެންނައިރު ހުންނަ ހަރުގޮތެއް މިހާރަކު ނެތެވެ. އެކުވެރިޔާގެ އަތުގައި ހިފާ ދަމާލަމުން އަވަހަށް އެތެރެއަށް ވައްދާ ދޮރު ލައްޕައިފިއެވެ.

"އަހަރެން ބަވާލަފާނެތީ ނޯޔާ އޭނަ ފޮނުވާލަފާނެ ވިއްޔާ." ޔަޝާ ބުންޏެވެ.

"ހިނގާ ސައިބޯން، މަންމަ އަތުން ހެދިކާ ގެނެސްފަ ހުންނާނެ، ސައިތަ ކޮފީތަ ހަދައިދޭންވީ، އެގޭގަ ގޮތަށް ކޮފީ މެޝިނެއް މިގެއަކު އަދިނެތް އިނގޭ، އެކަމަކު އަހަރެންގެ އަތުން ގިރާދޭ ކޮފީ މެޝިނަކަށްވުރެ މާ މީރުވާނެ އިނގޭ." ކާމޭޒުދޮށުގައި އެކުވެރިޔާ ބައިންދަމުން ނޯޔާ ވާހަކަދެއްކިއެވެ. ޔަޝާ އަންނައިރު ހުންނާނީ އާދައިގެ މަތިން ބަނޑުހައިވެފަކަން އޭނާއަށް އެނގޭތީއެވެ.

"ނޯޔާ ބޯއެއްޗެއް މަށަށް ވެސް އޯކޭ." ޔަޝާ ބުނެލިއެވެ. އޭނާގެ ނަޒަރު ސުފުރާ މައްޗަށް ހިންގާލާފައި ސައި ހަދަން އުޅުނު ނޯޔާއަށް ބަލާލިއެވެ.

"ނޯކިރީ ކުރާ މީހަކަށް ދޯ އޭނާ ނޯޔާ ހެދީ." ޔަޝާ ބުނެލިއެވެ. ފުރަގަސް ދީގެން ހުއްޓެއް ކަމަކު ނޯޔާއަށް އެބަސްތަކުން ހިތަށް އަސަރު ކުރިއެވެ. ފިނިނޭވާއެއް ދޫކޮށްލައި ހޫނުފެން އެޅި ދެ ޖޯޑު ހިފައިގެން އޭނާ އެނބުރިލިއެވެ.

"ވަޓް ޑޫ ޔޫ މީން..." ޔަޝާ މާނަ ކުރީ ކިހިނެއްކަން ނޯޔާއަށް ނޭނގޭކަމަށް ހެދުނެވެ.

"މިގޭގަ ކައްކާ ގޭތެރެ ސާފުކޮށް ކުދީން ބަލާ މީހަކަށް." ޔަޝާގެ އެއްވެސް ޖެހިލުމެއް ނެތެވެ. އެއީ އޭނާގެ ގޮތެވެ. ހަމައެއާއެކު ހިތަށް އަރާ އެއްޗެއް ނުބުނެވޭނަމަ ނޯޔާއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަކަށް ނުވީހެވެ. ޔަޝާގެ އެ ޠަބީޢަތަކީ ނޯޔާއަށް ނޭނގޭ ކަމެއްނޫނެވެ. ލުއި ގޮތަކަށް ނޯޔާ ހީނލިއެވެ. ޔަޝާ ކޮށްލީ ސަމާސާއެކޭ އެއްފަދަކޮށެވެ.

"ގާލް، ލިސެން... ގޭތެރެ ބެލެހެއްޓުމާއި ކުދީން ބެލުމަކީ ވެސް ވަޒީފާއެއް، ކޮންމެހެން ގެއިން ބޭރަށް ގޮސް ބޮޑު ގޮނޑީގަ އިނދެގެން ކަމެއް ކުރީމައެއްނޫން ވަޒީފާއަކަށް ވަނީ، އެ ގޮނޑި ހޫނުކޮށްފައި އައުމަށްވުރެ ގޭތެރޭގައި ހުންނަ އަންހެނެއްގެ މަސައްކަތް ބުރަވެފައި ޒިންމާތައް ބޮޑު... އުޖޫރައިގެ ގޮތުގައި އެ ލިބޭ ހިތްހަމަޖެހުން ފައިސާއަކުން އަގެއްނުކުރެވޭނެ.

"ނޯޔާ.... ޑޯންޓް... ކިތަންމެ މަތި އޮމާން ކުރިޔަސް އަހަރެން ދަންނަ، އަހަރެންގެ ބެސްޓީއަކީ މިކަހަލަ ލައިފެއް ބޭނުންވާނެ އަންހެނެއްނޫން، އޭނާއަކީ ތަޢުލީމީ އަންހެނެއް، ވަޒީފާގެ މައިދާނަށް ފިރިހެނުންނެކޭ އެއްސަފުގައި ގޮންޖަހާލަން ނުކުންނަން ތައްޔާރަށް ހުރި އަންހެނެއް... ކިޔަވާ މޮޅު މީހަކަށްވެ، މީހުންނަ ދަންނަ ނަމަކަށްވުމުގެ ހުވަފެން ދުށް އަންހެނެއް... ނައު ލުކް އެޓް ޔޫ... އައި ކާންޓް އީވަން ލުކް، އެ ހުރިހާ ޑްރީމްސްތަކައްވީ ކިހިނެއް؟ ލިޔެގެން އުޅުނު ގޯލްސްތަކަށްވީ ކިހިނެއް؟ ބޯއިފްރެންޑާއި ލޯތްބާއި... މަޖާކުރުމަށް ފުރުޞަތު ދޭނީ އެ ހުރިހާ ކަމެއް ހާސިލުވީމައޭ ބުނި ނޯޔާ ކޮބާ؟ ލޯބިވެގެން ނޫނީ ކައިވެންޏެއް ނުކުރާނަމޭ ބުނި ހަނދާން އަހަރެން ނުނެތޭ، ކުއްލިއަކަށް ނުވެސް އެނގޭ އެއްވެސް ލޯތްބެއް ގާތްކަމެއްނެތް މެޗުއާޑް މީހަކާ ކައިވެނިކުރީ، އެވެސް ތިން ދަރީންގެ ދޮންމަންމައަކަށް ތިވީ..." ޔަޝާގެ ނުރުހުމުގެ ފަތުގައި މޮޅިވެރިކަންވާތީ ނޯޔާ ދުށްޓެވެ. އޭނާގެ ނަޒަރުގައި ނޯޔާގެ ނިންމީ މޮޔައީއެވެ. (ނުނިމޭ)