ދުނިޔެ

200 މީހުން ގޮވައިގެން ދަތުރު ކުރި ރަޝިޔާގެ ފްލައިޓެއް ވެއްޓިއްޖެ

Oct 31, 2015

ރަޝިޔާގެ 200 މީހުން ގޮވައިގެން ދަތުރު ކުރި އެ ގައުމުގެ އެއާލައިނެއް މިސްރުގެ ސަންއާއަށް ވެއްޓިއްޖެ އެވެ.

މިސްރުގެ ރިސޯޓްރަށެއް ކަމަށްވާ، ޝަރުމުއްޝެއިހުން ރަޝިޔާގެ ޕީޓަސްބާގަށް ދަތުރު ފެށިތާ 23 މިނެޓް ތެރޭގައި ގެއްލިފައިވަނީ ރަޝިއާގެ އެއާލައިނެއް ކަމަށްވާ، މެޓްރޯ ޖެޓްގެ އެއާބަސް -321 މަރުކާގެ ބޯޓެކެވެ. މިސްރުގެ ބޮޑު ވަޒީރުގެ އޮފީހުން ބުނީ 217 ޕެސެންޖަރުންނާއި ހަތް ކްރޫއިން ތިބި އެ ބޯޓްގެ ބައެއް ބައިތައް ސަންއާގެ ހިސާބަކުން ފެނިފައިވާކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަށް އެމްބިއުލެންސާއި ފަޔަ ވެހިކަލްތަކާއި އެހެން ވެސް ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ޓީމްތައް މިހާރު ވަނީ މިސްރާބު ޖަހައިފަ އެވެ.

އެ ފްލައިޓްގައި ތިބި ގިނަ މީހުންނަނީ ރަޝިޔާގެ ޓޫރިސްޓުން ކަމަށްވެ އެވެ.

އެހެން ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބޯޓް އަދި ވެއްޓުނު ކަން ޔަގީނެއް ނޫނެވެ. އެހެން ނަމަވެސް ސައިޕްރަސްއާ ހަމައިން ބޯޓާ ވަނީ ގުޅުން ކެނޑިފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ވެއްޓިފައި ވަނީ ބޯޓް ދަތުރު ކުރުމަށް ހަމަޖެހިފައި އޮތް މިސްރާބު ބަދަލު ކުރުމަށް ބޯޓްގެ ޕައިލެޓް އެއާޓްރެފިކް ކޮންޓްރޯލްގައި އެދުނުތާ އިރުކޮޅެއްގެ ތެރޭގަ އެވެ. އަދި އޭނާ އެގޮތަށް އެދުނީ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި އެމެޖެންސީގައި ޖެއްސުމަށެވެ.

މެޓްރޯ އެއާލައިންގެ ބޯޓެއްގައި ހާދިސާއެއް ހިނގާފައި ވަނީ 2011 ވަނަ އަހަރު އެވެ. އެފަހަރު ރަޝިޔާގެ ސާގަތް އެއާޕޯޓުން ފުރަން ތައްޔާރުވެފައި އޮތް އެ ފްލައިޓްގައި އަލިފާން ރޯވެ، 40 މީހުންނަށް އަނިޔާވި އެވެ. އަލިފާން ހިފިތާ 40 މިނެޓްގެ ތެރޭގައި އެ ބޯޓްވަނީ އެކީ އަނދާ ހުލިވެފަ އެވެ.

ރަޝޔާގެ ތާރީހުގައި މިފަހަކުން ހިނގި އެންމެ ނުރައްކާތެރި އެއް ވައިގެ ހާދިސާ ހިނގާފައި ވަނީ 2013 ވަނަ އަހަރު އެވެ. އެއީ އެ ގައުމުގެ ތަތަރިސްތާން އެއާލައިންގެ ފްލައިޓެއް ކަޒާން އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓި 50 މީހަކު މަރުވުމެވެ.