ދުނިޔެ

ނަވާލްނީ މައްސަލާގައި 7 ފަރުދަކަށް ދަތިކޮށްފި

ވޮޝިންޓަން -- ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީއަށް ވިހަ ދިން މައްސަލާގައި ރަޝިއާ ސަރުކާރުގެ ހަތް އޮފިޝަލަކަށް އަންގާރަ ދުވަހު އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

"އެލެކްސީ ނަވާލްނީއަށް އޮގަސްޓް 20، 2020 ގައި ސައިބިރިއާގައި ވިހަދީފައި ވަނީ ރަޝިއާގެ ފެޑެރަލް ސެކިޔުރިޓީ ސާވިސް (އެފްއެސްބީ) ގެ އޮފިޝަލުންކަން އިންޓެލިޖެންސްއަށް ވަނީ އެނގިފަ،" މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ކޮންފަރެންސް ކޯލެއްގައި ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެފްއެސްބީ އޮފިޝަލުން ބޭނުންކޮށްފައި ވަނީ މިލިޓަރީ ގްރޭޑް ނާވް އޭޖެންޓެއް ކަމަށާއި އެއީ ނޮވިޗޮކް ކަމަށެވެ.

އެމެރިކާއިން ވަނީ އެއްވެސް ޝަރުތަކާނުލައި އެލެކްސި ނަވާލްނީ ދޫކޮށް ރަޝިއާއަށް ގޮވާލާފަ އެވެ.

ރަޝިއާ ހަތަރު އޮފިޝަލަކަށް ފިޔަވަޅު

އެލެކްސީ ނަވާލްނީ ދެ އަހަރާ އަށް މަސް ދުވަހަށް ޖަލަށްލާން މޮސްކޯ ކޯޓަކުން ހުކުމްކުރި މައްސަލާގައި ޔޫރަޕިއަން ޔޫނިއަނުން ވަނީ ރަޝިއާގެ ހަތަރު އޮފިޝަލަކަށް ދަތިކުރުމުގެ ފިޔަވަޅުއަޅާފަ އެވެ. އީޔޫއިން ބުނީ އެމީހުންނާ ގުޅުންހުރި މުދަލެއް ޔޫރަޕް ގައުމެއްގައި ހުރިނަމަ ހިފަހައްޓާނެ ކަމަށާއި އެއިން މީހަކަށް ޔޫރަޕް ގައުމަކަށް ނޭރޭނެ ކަމަށެވެ.

އީޔޫއިން ދަތިކުރުުގެ ފިޔަވަޅުއެޅި ހަތަރު އޮފިޝަލުންނަކީ ޕްރޮސެކިއުޓާ ޖެނެރަލް އީގަރް ކްރަސްނޯފް، ނެޝަނަލް ގާޑްގެ ވެރިޔާ ވީކްތަރު ޒޮލޮތޯފް، ރަޝިއަން އިންވެސްޓިގޭޝަން ކޮމިޓީގެ ޗެއާމަން އެލެގްޒޭންދަރު ބަސްތަކިން އަދި ފެޑެރަލް ޕްރިޒަން ސާވިސްގް ޗީފް އެލްގްޒޭންދަރު ކަލަސްނިކޯފް އެވެ.

ޔޫރަޕިއަން ފޮރިން މިނިސްޓްރީން ވަނީ ލިސްޓްކުރެވިފައިވާ އޮފިޝަލުންނާ މުއާމަލާތުކުރުން ޔޫރަޕްގެ ކުންފުނިތަކަށް އަދި ވަކިވަކި ފަރުދުންނަށް ވެސް މަނާކޮށްފަ އެވެ.