ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"ޕޮޒިޓިވް މީހަކާ ދިމާވިޔަސް ސިއްރު ކުރަނީ"

ކޮންޓްރެކްޓް ޓްރޭސިންއަށް ރަނގަޅު މައުލޫމާތު ނުދޭ މައްސަލަ ބޮޑުވެފައިވާ ކަމަށާ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ޕޮޒިޓިވް ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވަމުންދާއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮންޓްރެކްޓް ޓްރޭސިންއަށް ރަނގަޅަށް މައުލޫމާތު ނުދިނުން ކަމަށެވެ.

ޕޮޒިޓިވްވާ މީހުންގެ މައުލޫމާތު ހޯދާއިރު އޭނާއާ ބައްދަލުވީ މީހުންގެ މައުލޫމާތު ނުދީ ހިފަހައްޓާ ކަމަށާ އެކަމުގެ ސަބަބުން ބައެއް މީހުން ފުރާނައަށް ނުރައްކާވާ ހާލަތަކަށް ހުށައެޅިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަޒްލާ ވިދާޅުވީ ބަލިޖެހި ދެނެނުގަނެވި ހުރުމަކީ އެމީހެއްގެ ހާލަތު ކުއްލިއަކަށް ގޯސްވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށާ ހާއްސަކޮށް ހައިރިސްކު މީހަކަށް ބަލި ޖެހި ނޭންގި ހުރެއްޖެނަމަ އެއީ އެމީހެއްގެ ފުރާނައަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

ކޮންޓްރެކްޓް ޓްރޭސިންއަށް ރަނގަޅު މައުލޫމާތު ނުދޭނަމަ އެފަދަ އެތަށް ކަމެއް ދިމާވުމުގެ ފުރުސަތު އޮންނާނެތީ އެފަދައިން މަސައްކަތް ނުކުރުމަށް ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

"ޕޮޒިޓިވް ކޭސްއަކާ ކޮންޓެކްޓްވީ ކަމަށް އެއްގޮތަކަށްވެސް އެއްބަސްނުވެ ދެތިން ދުވަސް ފަހުން އެބަ ޕޮޒިޓިވްވޭ. މަސައްކަތުގެ މާހައުލުގައިވެސް އެކަކު ޕޮޒިޓިވްވަމުން އަނެކަކު ޕޮޒިޓިވްވަމުން ވަރަށް ބައިވަރު މީހުން އެބަ ޕޮޒިޓިވްވޭ. ގޭގޭތެރޭ ގައި ރައްޓެހިންގެ ތެރޭގައިވެސް މިހެން އެބަވޭ. ބައެއް ބޭފުޅުން ފުރަބަންދު ކަރަންޓީނަށް ވަޑައިގަންނަވާ ހިސާބުން ގޭގެ މީހަކު ޕޮޒިޓިވްވިޔަސް އެ މައުލޫމާތު ހިއްސާނުކުރޭ،"

ނަޒްލާ ވިދާޅުވީ ރަނގަޅު މައުލޫމާތު އަވަހަށް ފޯރުކޮށްދިނުމަކީ ބަލިން އަރައިގަތުމަށް ކުރެވޭ މަސައްކަތަށް ވަރަށް މުހިންމު ކަމެއް ކަމަށާ އެއީ އެތަށް ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށްވެސް ވެވޭ އެހީތެރިކަމެއް ކަމަށެވެ.