ރ އަތޮޅަށް އިތުރު އެއާޕޯޓެއް މުހިންމު ކަމަށާ އެ އަތޮޅުގައި ދެން އަޅާ އެއާޕޯޓެއް ހަދާނީ ހުރިހާ ރަށަކަށް އެންމެ ރަނގަޅު ގޮތަކަށް ބެއްލެވުމަށް ފަހު ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކާއެކު ބާއްވަމުން ގެންދާ އޮންލައިން ސިލްސިލާ ބައްދަލްވުންތަކުގެ ތެރެއިން ރޭ ރ އަތޮޅުގެ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކަށް ހާއްސަކޮށްގެން ބޭއްވި ބައްދަލްވުމުގައި އަލިފުށީ ކެންޑިޑޭޓުންނާއި އިނގުރައިދޫ ކެންޕެއިން ޓީމުން ވަނީ އެ އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އެޅުމުގެ މުހިންމު ކަމާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.
ރ އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅުއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައިވެސް ވިދާޅުވެފައެވެ.
ކެންޕެއިން ޓީމުތަކާއި ކެންޑިޑޭޓުންގެ ވާހަކަތަކާއި ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ އަލިފުށި ސަރަހައްދުގައި އެއާޕޯޓެއް އޮތުން ވަރަށް މުހިންމު ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އިންތިހާބުގެ ތެރޭގައިވެސް އެކަމަށް ވައުދުވެވަޑައިގެންނެވީ އެ ސަބަބާއި ގުޅިގެން ކަމަށެވެ.
ރައީސް ވިދާޅުވީ ރ އަތޮޅުގެ ދެކުނުގެ ރަށްތަކަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް މުހިންމު ކަމަށާ ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެއާޕޯޓެއް އެޅުމަށް ނިންމި ނަމަވެސް އަދި އެއާޕޯޓް އޮންނާނެ ރަށެއް ނުވަތަ ވަކި ތަނެއް ފައިނަލް އަދި ނުވާ ކަމަށެވެ.
"ހުރިހާ ރަށަކަށް އެންމެ ރަނގަޅު ގޮތެއް އަޅުގަނޑުމެން ބަލާނަން،" ރައީސް ވިދާޅުވިއެވެ.
ރ. އަތޮޅުގައި މިހާރު އެއާޕޯޓެއް އޮތީ އިފުރުގައެވެ. އިފުރުގައި އެއާޕޯޓެއް އޮތް ނަމަވެސް އެ އަތޮޅުގެ ދެކުނުގައި ހުރި ރަށްތަކާއި އިފުރާ ވަރަށް ދުރެވެ. ރ. އިފުރުގައި ކޯސްޓްލައިން އިންވެސްޓްމަންޓުން ހަދާފައިވާ، އެއާޕޯޓް ހުޅުވީ މެއި 28، 2015 ގައި ރައީސް ޔާމީނެވެ. އެ އެެއާޕޯޓް މެނޭޖުކުރަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިންނެވެ.