ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

700،000 ޑޯޒް ލިބޭނެ ތާރީހެއް އިނގޭނީ އަންނަ މަހު: އެޗްއީއޯސީ

އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިންގެ 700،000 ޑޯޒް ގަތުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ވެކްސިން ލިބޭނެ ތާރީހެއް އެނގޭނީ މި މަހު ފަހުކޮޅު ނޫނީ އަންނަ މަހު ކުރީކޮޅު ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ރާއްޖެއަށް ގެންނަން ނިންމައި، އެކަން ކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާއްސަ ގަރާރަކުން ދީފައިވަނީ ޑިސެންބަރު 31، 2020 ގައެވެ. ސަރުކާރުން ވަނީ 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ.

އެ އެއްބަސްވުމުގެ ތެރެއިން ރާއްޖެއަށް ވެކްސިން ލިބޭނީ ކިހާ ހިސާބަކުތޯ ދެންނެވުމުން ނަޒްލާ ވިދާޅުވީ ވެކްސިން ލިބޭނެ ތާރީހެއްވެސް ޔަގީންވާނީ މި މަހު ފަހުކޮޅު ނޫނީ އަންނަ މަހު ކަމަށެވެ.

"އެސްޓްރާޒެނެކާ ކުންފުނިން އަޅުގަނޑުމެން ގަންނަން ހަމަޖައްސާފައި ހުރި ޑޯޒްތަކުގެ އަޕްޑޭޓެއް މި މަހު ފަހުކޮޅު ނޫނީ މި އަންނަ މަހު އަޅުގަނޑުމެންނަށް ޑޭޓެއް ލިބޭނެ ކަމަށް އަންގާފައި އޮތީ،" ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން އާބާދީގެ 20 ޕަސަންޓަށް ހިލޭ ވެކްސިން ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ދެ ވައްތަރެއްގެ ވެކްސިން ލިބޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެއީ އެސްޓްރާޒެނެކާ އިން އުފެއްދި ވެކްސިނާއި ފައިޒާ ވެކްސިނެވެ. އެ ވެކްސިން ހޯދުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް ފޮނުވާފައިވާ ކަމަށާ ނަމަވެސް އެ ވެކްސިންވެސް ލިބޭނެ ތާރީހެއް އަދި މުޅީން ޔަގީން ނުވާ ކަމަށް ވިދާޅުވިއެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް މިދިޔަ ހަފްތާގައި ވަނީ 100،000 ސިރިންޖް ލިބިފައެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ވެކްސިން ކެންޕެއިން ފެށިފައިވާއިރު ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، އިތުރު 100،000 ޑޯޒް އިންޑިއާއިން ވަނީ ހަދިޔާކޮށްފައެވެ. މިހާތަނަށް 123،000 ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ހަމަޖެހިފައިވަނީ ބާރަ ހަފްތާ ފަހުންނެވެ.