ލައިފްސްޓައިލް

ދަނާނީރް: ފަސް ސިކުންތުން މަޝްހޫރުވި 'ޕާވްރީ ގާލް"

ޕާކިސްތާނުގެ 19 އަހަރުގެ ޒުވާން އަންހެންކުއްޖެއް ކަމަށްވާ ދަނާނީރް މުބީން ސޯޝަލް މީޑިއާގައި އެންމެ ދުވަހަކުން ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބިފައި ވެއެވެ. އެއީ އޭނާ އިންޓަނެޓުގައި ޝެއާކުރި އެންމެ ފަސް ސިކުންތުގެ ވީޑިއޯ ކްލިޕެއް ވައިރަލް ވެގެންނެވެ. އެ ވީޑިއޯގައި އޭނާ ކިޔާ ތިން ޖުމްލައިގެ ޑައިލޯގް މިހާރު ދުނިޔޭގެ އެކި ބައްރުތަކުގައިވާ ގިނަ ގައުމުތަކެއްގެ މީހުން އެކި ރާގު ރާގަށް ކިޔައި ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން އެބަދެ އެވެ.

މިއީ ޕާކިސްތާނު ޒުވާނެއްގެ ވީޑިއޯ ކްލިޕެއް ނަމަވެސް އިންޑިއާ މީހުންނަށް ވެސް މި ވީޑިއޯ ކްލިޕް ވަރަށް ކަމުގޮސް ފިލްމީ ތަރިންނާއި އެހެނިހެން ފަންނުތަކުގައި އަރާ ތިބި މީހުން ވެސް މިހާރު މި ވީޑިއޯ ކްލިޕްގައި ކިޔާ ޑައިލޯގްތައް އެމީހުން ބޭނުން ގޮތްގޮތަށް ބަދަލު ކޮށްގެން ޝެއާކުރަމުން އެބަދެ އެވެ.

ދަނާނީރްގެ ވީޑީއޯ އަދި އެެކި މީހުން އޭނާގެ ޑައިލޯގްތަކަށް ހަދާފައިވާ ވީޑިއޯ ކްލިޕްތަކުގެ ތެރެއިން ބައެއް ކްލިޕް

ޕާކިސްތާނުގެ ފަރުބަދަމަތީގެ ރަށެއް ކަމަށްވާ ނަތައިގަލީގައި ދިރިއުޅޭ ދަނާނީރް މި ވީޑިއޯ އިންސްޓަގްރާމްގައި ޝެއާކުރީ އެކުވެރިންގެ ގްރޫޕަކާއެކު މަގުމަތީގައި އުޅެމުން މަޖަލަކަށެވެ.

އޭނާ ވީޑިއޯ ކުރަމުންދިޔަ ޑިވައިސް ކޮޅުކޮޅަށް ހޫރަމުން މި ވީޑީއޯގައި ދަނާނީރް އުރުދޫ ބަހުން ބުނަނީ "ޔޭ ހަމާރީ ކާރް ހޭ. ޔޭ ހަމް ހޭ. އައުރް ޔަހާނ ހަމާރީ ޕާވްރީ ހޯރަހީހޭ" އެވެ. (މިއީ އަހަރެމެންގެ ކާރެވެ. މިއީ އަހަރެމެންނެވެ. އަދި މިތާ އަހަރެން ޕާޓީ ކުރަނީ އެވެ.) މި ވީޑިއޯ ކްލިޕްގައި ދަނާނީރް ވާހަކަ ދައްކަނީ ހުޅަނގުގެ މީހުން ވާހަކަ ދައްކާ ސްޓައިލަކަށެވެ. އަދި އޭނާ އުރުދޫ ބަސްތައް ޕްރޮނައުންސްކޮށްފައިވަނީ ވެސް އިނގިރޭސިން ވާޙަކަ ދައްކާ ސްޓައިލަށެވެ. އެހެންވެ ޕާޓީ އަށް ވެސް އޭނާ ކިޔަނީ "ޕާވްރީ" އެވެ.

މި ވީޑިއޯ ކްލިޕް ސޯޝަލް މީޑިއާއަށް ދޫކޮށްލިތާ މާ ގިނައިރެއް ނުވެ ވައިރަލްވެ އިންޑިއާ އާއި ޕާކިސްތާނު މީހުންނަށް މާ ކަމުދާ އެއްޗަކަށް ވިއެވެ. އަދި މި ވީޑިއޯގައި ބުނާ ޖުމްލަތައް ގޮތް ގޮތަށް ބަދަލުކޮށްގެން އެކި މީހުން އެކި ގޮތްގޮތަށް ކިޔާ ސޯޝަލް މީޑިއާ އަށް ލާން ފެށި އެވެ.

ދަނާނީރް ބުނި ގޮތުގައި އެއީ ހަމަ އާދައިގެ ގޮތަކަށް އޭނާ ޝެއާ ކޮށްލި ވީޑިއޯ އެކެވެ. އެންމެ ކުރިން އެ ވީޑިއޯ އަޕްލޯޑު ކުރާހިތެއް ވެސް އޭނާ ނުވި އެވެ. ނަމަވެސް ފަހުން ޝެއާ ކޮށްލަން ހިތަށް އަރައިގެން ކޮށްލީ އެވެ. އޭނާގެ ވީޑިއޯ ލިބުނު ތަރުހީބު ފެނިފައި ހައިރާންވެ އަންތަރީސްވީ ކަމަށް ދަނާނީރް ބުންޏެވެ. އަދި މިއީ ސޯޝަލް މީޑިއާގެ ބާރުގަދަކަން ހުރި މިންވަރު ކަމަށް އޭނާ ބުންޏެވެ.

މިހާރު ގިނަ މީހުން ދަނާނީރު ދަންނަނީ "ޕާވްރީ ގާލް"ގެ ނަމުންނެވެ. "ޕާވްރީ" މި މޮނޮލޯގް މިހާރު އިންޑިއާ މިހުން އެކި ކަންކަމަށް ހޭލުންތެރި ކުރުވުން އެ ގައުމުގެ ފުލުހުން ވެސް ބޭނުން ކުރަމުން އެބަދެ އެވެ. އަދި ދިއްލީ ކޮމިޝަން އޮފް ވިމެން އިން ކުރިޔަށް ގެންދާ އަންހެނުން ހޭލުންތެރިކުރުވުމުގެ ކެމްޕެއިނެއްގައި ވެސް މި މޮނޮލޯގް ބޭނުން ކުރެ އެވެ.

އަދި ސްނޯ ފައިބާ އުސްފަރުބަދަތަކުގެ މަތީގައި ތިބި އިންޑިޔާ ސިފައިން ވެސް މި މޮނޮލޯގް ބަދަލުކޮށްގެން ކިޔާ ވީޑިއޯ ކޮށްފައި ވެއެވެ.

"މިއީ އަހަރެމެންނަށް. މިއީ އަހަރެމެންގެ ބަޑިއެވެ. އަދި އަހަރެމެން މިތަން ޕެޓްރޯލް ކުރަނީ އެވެ." ދެ ސިފައިންގެ ވިޑިއޯ ކްލިޕެއްގައި ކިޔާފައި ވެއެވެ.

ބޮލީވުޑް ތަރިންގެ ތެރެއިން ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި މި ނޫންވެސް ގިނަ އަދަދެއްގެ ތަރިން މި މޮނޮލޯގް އެކި ގޮތްގޮތަށް ބަދަލުކޮށްގެން ކިޔާފައި ސޯޝަލް މީޑިއާގައި ވަނީ ޝެއާކޮށްފަ އެވެ.

އަދި އިންޑިޔާގެ ސިޔާސީ މީހުން ވެސް އެކި ސިޔާސީ ރެލީތަކުގައި މިހާރު މި މޮނޮލޯގް ބޭނުން ކުރެ އެވެ.

ދަނާނީރް ބުނީ އޭނާގެ މި ކުޑަ ވީޑިއޯ ކްލިޕް ބޯޑަރުގެ އަނެއް ފަރާތުގައި ތިބި އަވަށްޓެރިންނަށް ވެސް ކަމުދިޔައީތީ އުފާކުރާ ކަމަށެވެ. މިފަދަ ގޮތަކުން ނަމަވެސް ދެ ގައުމުގެ ދެމެދު އަލުން ސުލްހަ ވެވުމަކީ ދަނާނީރްގެ އުންމީދެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ އަތުގައި ވެސް ނިއުކްލިއާ ހަތިޔާރު އެބަހުއްޓެވެ. އަދި 1947ގައި ވަކި ދެ ގައުމުގެ ގޮތުގައި މި ދެ ގައުމަށް މިނިވަންކަން ލިބުނީއްސުރެ މިހާތަނަށް ދެ ގައުމުގެ މެދުގައި ތިން ހަނގުރާމަ ހިނގާފައި ވެއެވެ.

ދަނާނީރް ބުނީ ވީޑިއޯ ވައިރަލްވީ ފަހުން އެކި ކަހަލަ އެކްޓިން އާއި މޮޑެލްކުރުމުގެ ފުރުސަތުތައް ވެސް އޭނާއަށް ލިބެން ފަށައިފި ކަމަށެވެ. އަދި ބައެއް އިޝްތިހާރުތައް ކުޅުމުގެ ފުރުސަތުވެސް ލިބެމުންދާ ކަމަށެވެ. ނަމަވެސް ދަނާނީރްގެ ޝައުގުހުރީ މުޅިން އެހެން ދިމާލަކަށެވެ. އޭނާ ބޭނުންވަނީ ޕާކިސްތާނުގެ ޚާރިޖީ ދާއިރާއަށް ޚިދުމަތް ކުރެވޭނެ ކަހަލަ ރޮނގަކުން ކިޔަވައިގެން އެ ދާއިރާއިން ގައުމަށް ޚިދުމަތް ކުރާށެވެ.