ބޮލީވުޑް

ސުނިލް ޝެޓީގެ ދަރިފުޅު އާހާން ބޮލީވުޑަށް ނުކުންނަނީ

ސުނިލް ޝެޓީގެ ދަރިފުޅު އާހާން ޝެޓީ ބޮލީވުޑަށް ނުކުންނާތީ އުފާ ކުރަނީ ހަމައެކަނި ސުނިލްގެ ފޭނުންނެއް ނުނެވެ. ބޮލީވުޑްގައި މަސައްކަތްކުރާ ސުނީލްގެ އެކުވެރި ގިނަ އެކްޓަރުން ވެސް މިހާރު އާހާން އަށް މަރުހަބާ ކިޔަމުން އެބަ ދެއެވެ.

އާހާންގެ ފުރަތަމަ ފިލްމު "ތަޅަޕް"ގެ ފުރަތަމަ ޕޯސްޓަރު ރިލީޒްކުރުމާއެކު އެންމެ ފުރަތަމަ ވެސް އޭނާއަށް މަރުހަބާ ކީ އެކްޓަރު އަކްޝޭ ކުމާރެވެ. އަކްޝޭ އާއި ސުނިލްގެ މެދުގައި ޒަމާނުއްސުރެ ގާތް ގުޅުމެއް އޮވެ އެވެ.

"އާހާން. މިއަދަކީ ކަލެޔަށް ވަރަށް ބޮޑު ދުވަހެއް. އަހަރެން ހަނދާން އެބަހުރި ކަލޭގެ ބައްޕަ ސުނިލް ޝެޓީގެ ފުރަތަމަ ފިލްމު 'ބާލްވާން'ގެ ޕޯސްޓަރު. މިއަދު މި ތައާރަފްކުރަނީ ކަލޭ. މި ޕޯސްޓަރު ޝެއާ މިކުރަނީ ވަރަށް ފަޙުރުވެރިވެ އުފަލާއެކު،" އަކްޝޭގެ މެސެޖުގައި ވެއެވެ.

"ތަޅަޕް"ގައި އާހާން އާއެކު ބަތަލާގެ ރޯލު ކުޅެނީ ތާރާ ސުތާރިއާ އެވެ.

މިލަން ލުތާރިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

މި ޕޯސްޓަރަށް ބަލާފައި ލަފާ ކުރެވެނީ ފިލްމުގައި އާހާން ކުޅޭނީ ވަރަށް 'ބާޣީ ލޯބިވެރިޔެއްގެ' ރޯލު ހެންނެވެ.
އެކްޓަރު ސަލްމާން ޚާން ވެސް އާހާން އަށް މަރުހަބާ ކިޔައި "ތަޅަޕް"ގެ ޕޯސްޓަރު ޝެއާ ކޮށްދީފައި ވެއެވެ. އަދި ޚުދް ސުނިލް ޝެޓީ ވެސް އޭނާގެ ދަރިފުޅު ޕްރޮމޯޓްކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އެބަ ދެއެވެ.
"ދަޅްކަން"ފަދަ ރީތި ފިލްމުތަކުގައި އެކްޓްކޮށްފައިވާ ސުނިލް އޭނާގެ ދަރިފުޅަށް ހަޔާތުގެ ވަރަށް މުހިއްމު ފިލާވަޅެއް ނަގައިދިނެވެ.

"ފެންޓަމް (ސުނިލް ދަރިފުޅަށް ލޯބިން ކިޔާ ނަން) މިއަދު ތި ނުކުތީ މުޅިން އާ ދަތުރަކަށް. އަބަދުވެސް ތެދުވެރިކަމާއި ހިތްތިރިކަން އަދި އޯގާތެރިކަމާއި އެހެން މީހުން ކޮށްދޭ ހެޔޮކަން ބަލައިގަނެ އެކަމަށް ޝުކުރުވެރިވާތި،" ސޯޝަލް މީޑިއާގައި ދަރިފުޅަށް ޚާއްސަކޮށް ސުނިލް ލިޔެފައިވާ މެސެޖެއްގައި ބުނެފައި ވެއެވެ.

ސުނިލްގެ އަންހެންދަރިފުޅު އަތިޔާ ޝެޓީ އަކީ ވެސް ފިލްމީ ތަރިއެކެވެ.