އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕެއިންގެ ރޭގެ އޮންލައިން ބައްދަލްވުމުގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ހެލްތް މިނިސްޓަރު ކެރަފާ އަހުމަދު ނަސީމާ މުހާތަބުކޮށް ވާހަކަ ދެއްކެވީ ނަސީމަށް އެެއްވެސް އިހުތިރާމެއް ކުރުމެއްނެތި އެމަނިކުފާނު ލަދުގަންނަވާލުމުގެ ގޮތުން ކަމަަށް ބުނެ އެމްޑީޕީގެ ބައެއް ސަޕޯޓަރުންނާއި އެ ދެ ބޭފުޅުންގެ ބައެއް އާއިލީ ބޭފުޅުން ނަޝީދަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދާއި މިނިސްޓަރު ނަސީމަކީ އާއިލީ ބޭފުޅުންނެވެ.
ހަފްތާއަކު ހަތަރު ރޭ އޮންލައިންކޮށް ކުރިއަށް ގެންދާ އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލްވުންތައް ޗެެއާ ކުރައްވަނީ ރަައީސް ނަޝީދެވެ. އޮންލައިން އެ ބައްދަލްވުންތަކުގައި ކޮންމެ ރެއަކުހެން ޓެކްނިކަލް މައްސަލަތައް ދިމާވެއެވެ. ބައެއް ފަހަރު ކޮންޕިއުޓާ މިއުޓްވެފައި ހުރުމުގެ މައްސަލަތަކާއި އެ ނޫންވެސް ބައެެއް ކަންކަން ކުރިމަތިވެއެވެ. އެގޮތަށް ދިމާވާ ގިނަ ފަހަރުތަކުގައި ވަރަށް ސަމާސާކޮށް އެކަންކަން ރަނގަޅު ކޮށްލެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައެވެ. ނަމަވެސް ތަކުރާރުކޮށް އެފަދަ ބައެއް ކަންކަން ދިމާވުމުން ހިތްހަމަޖެހިވަޑައިނުގެންވެސް ނަޝީދު ވާހަކަފުޅު ދައްކަވައެވެ.
ކޮންމެ ރެއެއްގެ ބައްދަލްވުން ނިންމާލުމުގެ ކުރިން އެ ރެއެއް ހާއްސަކޮށްފައިވާ އަތޮޅުގެ ރަށްރަށް އެކި މިނިސްޓްރީތަކުން ކުރަން ރާއްވާފައިވާ ކަމުގެ ތަފްސީލް މިނިސްޓަރުން ދެއްވައެވެ. ރޭގެ ބައްދަލްވުމަކީ ރ އަތޮޅަށް ހާއްސަކުރި ބައްދަލްވުމެކެވެ.
ބައްދަލްވުން ނިންމާލުމުގެ ކުރިން ރ އަތޮޅަށް ސިއްހީ ދާއިރާއިން ހުރި ކަންކަމާ ގުޅޭ މައުލޫމާތު ދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަތުމުން ނަސީމު ވަނީ ވާހަކަފުޅު ދައްކަވަން ފައްޓަވާފައެވެ. ނަމަވެސް ނަސީމު ދެއްކެވި ވާހަކަފުޅު އަޑު އިވިވަޑައިނުގެންނެވުމުން "ނަސީމް ތިޔަ އިންނެވީ މިއުޓްވެފައި އިނގޭތޯ" ކަމަށް ނަޝީދު ވިދާޅުވެއެވެ.
ނަމަވެސް މައްސަލަ ހައްލު ނަސީމު ވާހަކަދައްކަވަން ފެއްޓެވުމުން ނަޝީދު ވަނީ އަދިވެސް މިއުޓްވެފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭރު ނަސީމު ވާހަކަފުޅު ދައްކަވާ އަަޑު ސާފުކޮށް އިވެއެވެ.
"މިއުޓެއް ނުވޭ އިނގޭތޯ. ތިކޮޅުން [އެމްޑީޕީ އޮފީސް] ކަނެކްޝަން ނުދެއްވަނީ،" ނަސީމް ވިދާޅުވިއެވެ.
އޭގެ ފަހުން ރައީސް ނަޝީދު ވަނީ މިއުޓްވުމުގެ މައްސަލަ ދިމަވަނީ އަނގޮޅިތީމް އާއި ނަސީމަށް ކަމަށް ވިދާޅުވެފައެވެ. އަދި ނަސީމަށް ފުުރުސަތު މެދުކަނޑާލުމަށްފަހު ނަޝީދު ވަނީ ހައުސިން މިނިސްޓަރު އަސްލަމަށް ފުރުސަތު ދެެއްވާފައެވެ.
"ދެން އަަޅުގަނޑު އެދެން ކޮންމެވެސް ބޭފުޅަކު ނަސީމަށް ގުޅުއްވާފައި މިކަން ހިނގާގޮތް ވިދާޅުވެ ދެެއްވުމަށް،" ނަސީމަށް ފަހުން ފުރުސަތު ދެެއްވާނެ ކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވިއެވެ.
ފަހުން ނަސީމަށް ފުރުސަތު ދެއްވުމުން ވާހަކަ ދައްކަވަން ފައްޓަވާ ނަސީމު ވަނީ އެމަނިކުފާނު އަޑު އިވިވަޑައިގަންނަވާތޯ ދެ ފަހަރަކު ސުވާލު ކުރައްވާފައެވެ. ނަސީމު ވަނީ ދެން ރެއަކުން އެފަދަ މައްސަލައެއް ނުޖެހޭނެ ކަމަަަށް އުންމީދު ކުރައްވާ ކަމަށާ އެހެން ވިދާޅުވީ ތަކުރާރުކޮށް އެކަން ދިމާވާތީ ކަމަށް ވިދާޅުވެފައެވެ.
އާންމުންގެ ފާޑުކިޔުން އައީ ދެން ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅާ އެމަނިކުފާނުގެ ރާގު ހުރި ގޮތަކަށެވެ.
"ނަސީމް ކުރިއަށް ގެންދެބައްލަވާ. ތިހެން ނާއްސަވަ ބައްލަވާ. އެއްސެވީމަ ލަސްވެގެން އެކޯ ވެގެންނޭ އަަޑުއިވެނީ. ދެން އަަޅުގަނޑުމެންވެސް ދެން ހަމަހަމަ ކޮންމެވެސް ވަރަކަށް ނަސީމް..." ނަޝީދު އެހާ ހިސާބަށް ވިދާޅުވުމުން އެމަނިކުފާނުގެ މައިކް މިއުޓްވެއެވެ.
ނަސީމްއާމެދު ރައީސް ނަަޝީދު އެގޮތަށް ވާހަކަދެއްކެވުމުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ އެއްވެސް މީހަކަަށް އިހުތިރާމު ކުރެއްވުން ނެތީތޯ ސުވާލު ކުރައްވާފައެވެ. އަދި ނަސީމު ފަދަ ހިދުމަތްތެރި ދޮށީ އުމުރުގެ ބޭފުޅަކަށް އެގޮތަށް ވާހަކަ ދެެެއްކުން ބަލައިނުގަނެވޭނެ ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.
"އަމިއްލަ ނަފްސު ނޫން މީހަކަށް އިހުތިރާމު ކުރުމެއް ނެތީތޯ،" އެމްޑީޕީގައި ވަރަށް ދުވަސްވީ އެ ޕާޓީގެ ވަރަށް އިސް ސަޕޯޓަރަކު ރައީސް ނަޝީދަށް ޓެގްކޮށް ލިޔެފައިވެއެވެ.
ނަސީމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅަކުވެސް ވަނީ ނަޝީދު ރޭ ނަސީމާ މުހާތަބު ކުރެއްވީ ވަރަށް ބޭއަދަބީކޮށް ކަމަަށް ވިދާޅުވެފައެވެ. އަދި ލައިވް ޓީވީގައި އެމްޑީޕީއަށް އެހާ ހިދުމަތްތެރި ބޭފުޅަކަށް ނިސްބަތްކޮށް ލަދުގަންނަވާލުމުގެ ގޮތުން އެފަދަ ވާހަކައެއް ދެއްކުން ވަރަށް ހުތުރު ކަމަަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.
އިދިކޮޅުގެ ސަޕޯޓަރުންވެސް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަަށް ފާޑުވިދާޅުވެފައެވެ.
"ހިތްތިރި ކަމަަށް ދެއްކިގެން އުޅުނަސް މިއީ [ރައީސް ނަޝީދު] ވަރަށް ރުންކުރު ބޭފުޅެއް،" އިދިކޮޅުގެ ސަޕޯޓަރަކު ލިޔެފައިވެއެވެ.
އިއްޔެ މަގާމުން ވަކިކުރި ކުރީގެ މިނިސްޓަރު މަލީހު ވިދާޅުވީ ތިމާގެ ބޮޑުބޭބޭފުޅާ މެދު މިގޮތަށް އަމަލު ކުރެއްވިއިރު ރައްޔިތުންނާމެދު އަމަލުކުރާނެ ގޮތް ވިސްނަން ޖެހޭ ކަމަަށެވެ.
ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ހުވަދޫ އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކާއެކު އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި އިންނަވަނިކޮށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ ބައެއް މެންބަރުން ފޯނު ކުރެއްވުމުން އެކަމުން ދޭހަވަނީ އެ ބައްދަލްވުންތައް ކުރިއަށްދާކަން ވެސް އެ މެންބަރުންނަށް އެނގިވަޑައި ނުގަންނެވުން ކަމަށް ވިދާޅުވެ ދާދި ފަހުން ރައީސް ވަނީ ވަރަަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.
އެމްޑީޕީގެ ރަނގަޅު ބޮޑެތި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ވެސް މެންބަރުން... އަޅުގަނޑު މިތަނުގައި މި ޕްރޮގްރާމް [ކެންޕެއިން ބައްދަލްވުން] ހިންގަން އިންދާ ފޯނު ކުރެއްވީމަ އޭގެ މާނައަކީ ތިޔަބޭފުޅުންނަށް އެނގިވަޑައިނުގަންނަވަނީ ނޫންތޯ މި ޕްރޮގްރާމް، ނުވެސް ބައްލަވަނީ ނޫންތޯ؟" ޝައުގުވެރިކޮށް އަދި ހެއްވާ ވާހަކަތަކާއެކު ރައީސް ނަޝީދު ލީޑުކުރައްވައިގެން ކުރިއަށް ގެންދަވާ ބައްދަލުވުންތަކުގެ ތެރެއިން އެރޭގެ ބައްދަލްވުމުގައި ވިދާޅުވިއެވެ.