ދުނިޔެ

ގްރެޖުއޭޝަން ތޮފި މުގާބޭއަށް ހެޔޮވަރު ނުވުމުން އޮފިޝަލަކު ސަސްޕެންޑްކޮށްފި

ހަރާރޭ، (ބީބީސީ) - ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭއަށް ހެޔޮވަރު ގްރެޑުއޭޝަން ކެޕެއް ދޭން ނޭނގުމުން ޔުނިވަސިޓީ އޮފް ޒިމްބާބްވޭގެ އޮފިޝަލަކު ސަސްޕެންޑް ކޮށްފިއެވެ.

ވީގޮތަކީ އެ ޔުނިވަސިޓީގައި މި އަހަރު އޮތް ގްރެޖުއޭޝަން ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވި މުގާބޭއަށް ޔުނިވާސިޓީން ދިން ތޮފި މާ ބާރުވީއެވެ.

އޮފިޝަލް ސަސްޕެންޑު ކުރަން ޔުނިވަސިޓީން ފޮނުވި ސިޓީގައި ބުނެފައި ވަނީ މިކަމުގެ ސަބަބުން ޔުނިވާސިޓީ ލަދުގަންނަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް މިކަމާ މުގާބޭ ކޯފާވެވަޑައިގެންނެވި ކަމެއް ސާފެއް ނުވެއެވެ. އަދި ރައީސްގެ އޮފީހުން މައްސަލަ ޖައްސާފައެއްވެސް ނުވެއެވެ.

ސަސްޕެންޑް ކުރި އޮފިޝަލް ވިދާޅުވަނީ އޭނާގެ މައްސަލައެއް ނޫން ކަމަށާއި މިދިޔަ އަހަރުގެ ގްރެޖުއޭޝަން ހަފްލާއަށް މުގާބޭ ވަޑައިގަތުމުން އެރުވުނު ތޮފި ވެސް ބާރު ކަމުން ރަނގަޅަށް ފިޓު ނުވާތީ މިއަހަރުގެ ސެރަމަނީ ބޭއްވުމުގެ ކުރިން އެކި ސައިޒުގެ ތޮފި ހިފައިގެން މުގާބޭގެ އަރިހަށް ހެޔޮވަރު ކުރަން ދިޔަ ކަމަށާއި އެކަމަކު ރައީސް އޮފީހުގެ ގާޑުން އެމީހުން ނުވައްދާ ފޮނުވާލީ ކަމަށެވެ.

ކޮންމެއަކަސް ތޮފި މުގާބޭގެ ސައިޒަށް ފިޓު ކުރެވޭ ގޮތެއް ނުވިއެވެ. ޖެހި ޖެހިގެން ދެ އަހަރު ވެސް ރައީސް މުގާބޭއަށް ޖެހިވަޑައިގެންނެވީ "އިލްމުގެ ތާކިހާ" ގަދަކަމުން އިސްތަށިފުޅަށް އޮރުވާށެވެ.