އެކްސިޑެންޓް

12 ވަނަ ބުރިން ވެއްޓުނު ކުއްޖެއް ހިފުނީ ނަސީބުން!

އުސް އިމާރާތަކުން ކުޑަ ކުއްޖަކު ވެއްޓޭތަން ފެންނަ ކޮންމެ މީހެއްގެ ވެސް ހިތް ހުއްޓޭވަރު ވާނެ އެވެ. އިއްޔެ ޓުވިޓާގައި ދައުރުވީ މިފަދަ މަންޒަރެކެވެ. ވިއެޓްނާމްގެ ހަނޯއީގެ އުސް އިމާރާތެއްގެ 12 ވަނަ ބުރިން ވެއްޓިފައިވަނީ އެންމެ ދެ އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. މި ވީޑިއޯގެ އެންމެ ޚާއްސަ ކަމަކަށްވީ އެ މަންޒަރު ބަލަން ހުރި ޑެލިވަރީ ޑްރައިވަރަށް އެ ކުއްޖާ ހިފުނު ގޮތެވެ. މި ކުއްޖާ މަރުން ސަލާމަތްވީ މި މީހާގެ ސަބަބުން ކަމަށް ވާތީ ހަނޯއީގައި މިހާރު މި މީހާ އަކީ ހީރޯ އެކެވެ.

އެއީ މިދިޔަ އާދިއްތަ ދުވަހެވެ. ނުގުޔަން ނޮކް މަންހް، 31، އެ ދުވަހު އިނި އޭނާގެ ޓްރަކްގައި އިށީނދެގެންނެވެ. ޑެލިވަރީ ޕެކޭޖެއްގެ އިންތިޒާރުގަ އެވެ. ކުއްލިއަކަށް އޭނާއަށް ކުޑަ ކުއްޖަކު ރޯ އަޑު އިވުނެވެ.

ވިއެޓްނާމް ނޫހަކަށް ދިން އިންޓަވިއު އެއްގައި މަންހް ބުނީ އޭނާ ފުރަތަމަ ހީކުރީ ކުޑަ ކުއްޖަކު ބޮޑާހާކާފައި ރޮނީ ކަމަށެވެ. ނަމަވެސް ކޮންމެވެސް ނުބައެއް އުޅޭކަން އޭނާއަށް ވަރަށް އަވަހަށް އިހްސާސް ވިއެވެ.

ކުއްޖާ ރޯ ދިމާލަށް ބަލާލިއިރު އެ ކުއްޖާ އޮތީ 12 ވަނަ ބުރީގެ މަތީ ކުޑަ ދޮރެއްގައި ބޭރަށް އެލިފަ އެވެ. އޭރު ކުއްޖާ އޮތީ ކިރިޔަ ކިރިޔާ ނުވެއްޓި އެވެ. އެވަގުތު އެ މަންޒަރު ފެނުނު އެންމެން ބިރުން ހަޅޭއްލަވާ އަޑުގަދަކުރަން ފެށި އެވެ.

މަންހް ބުނި ގޮތުގައި ކުއްޖާ އެންމެ ރަނގަޅަށް ހިފިދާނެކަމަށް އޭނާއަށް ފެނުނީ ކުއްޖާ އެލިފައި އޮތް ދިމާލުގައި ހުރި ގާތްގަނޑަކަށް ދެ މީޓަރު އުހުގައި ޓައިލް ޖަހާފައިވާ ފުރާޅެއް މައްޗަށް އަރައިގެންނެވެ. ހާސް ވެފައި ހުރި ވަރުން އެ ފުރާޅު މައްޗަށް އޭނާއަށް އެރުނު ގޮތް ވެސް ނޭނގޭ ކަމަށް މަންހް ބުންޏެވެ.

"ހުރިހާ ކަމެއް ވެ ނިމުނީ އެންމެ މިނިޓެއްހާ އިރު ތެރޭގައި. އަހަންނަކަށް އެއްގޮތަކަށް ވެސް ނޭނގެ އެ ފުރާޅު މައްޗަށް އެރުނު ގޮތެއް. އަދި އަހަރެންނަށް އެ ކުޑަ އަންހެންކުއްޖާގެ ފުރާނަ ސަލާމަތްކުރެވުނު ގޮތެއް އެއްގޮތަކަށް ވެސް ނޭނގެ،" ވިއެޓްނާމުގެ ލޯކަލް މީޑީއާއަށް މަންހް ކިޔައިދީފައި ވެއެވެ.

މަންހް ބުނި ގޮތުގައި ކުއްޖާ ހިފަން އުޅުމުގެ ތެރޭގައި އޭނާގެ ފައި ފުރާޅުން ކައްސާލި އެވެ. ނަމަވެސް ވެއްޓެން އައި ކުއްޖާ އާ ދިމާލަށް ދެއަތް ދިއްކޮށްފައި އޭނާއަށް ފުންމައި ގަނެވުނު ގޮތެއް އެއްގޮތަކަށް ވެސް ނޭނގެ އެވެ. ދަގަނޑު ފުރާޅު މައްޗަށް އެ ކުއްޖާ ވެއްޓުނު ނުދިނުމަށެވެ. ނަސީބަކުން ކުއްޖާ ހިފުމުގައި މަންހް އަށް ކާމިޔާބުވީ އެވެ.

އެ ކުއްޖާ ވެއްޓިފައިވަނީ ގާތްގަނޑަކަށް 165 އުހުންނެވެ. މަންހް އަށް ކުއްޖާ ނުހިފުނު ނަމަ އޭނާ ވެއްޓުނީހީ ބިންމަތިން 10 ވަރަކަށް ފޫޓުގައި ހުރި ދަގަނޑު ފުރާޅެއް މައްޗަށެވެ. ކުއްޖާ ހިފުމުގެ ތެރޭގައި މަންހް ވެސް ކުއްޖާއާއެކު ބެލެންސް ކަޓައިގެން އެ ފުރާޅު މައްޗަށް ވެއްޓުނެވެ.

ނަސީބު ރަނގަޅުކަމުން ފުރާޅު ބަނޑިވެ މަންހްގެ އަތަށް އަނިޔާވުން ފިޔަވައި އިތުރު އެއްވެސް ގެއްލުމެއް ނުވެ އެވެ.
"އެ ކުއްޖާއަށް ބަލާލީމަ އަހަންނަށް ހީވީ ގޭގައިހުރި އަހަރެންގެ ދަރިފުޅޭ އެއީ. އެހާވެސް އަހަރެންގެ ދަރިފުޅާ އެ ކުއްޖާ ވައްތަރު. އަހަންނަށް ނޭނގެ އެވަގުތު ވެފައި ހުރި ގޮތެއް ބުނެދޭންވެސް. އަހަރެން މިހިރީ އޭ އަހަރެން މިހިރިއޭ އެހެން އަހަންނަށް އެ ކުއްޖާ ކައިރީ ބުނެވުނީ ހަމައެކަނި،" މަންހް ބުންޏެވެ.

ހަނޯއިގެ ނެޝަނަލް ޗިލްރަންސް ހޮސްޕިޓަލުގައި މިހާރު އެ ކުއްޖާއަށް ދަނީ ފަރުވާ ދެމުންނެވެ. ކުއްޖާގެ އުކުޅުވަޅު ކަށިގަނޑު ނެއްޓުން ފިޔަވައި އިތުރު ގެއްލުމެއް ނުވާ ކަމަށް އެ ކުއްޖާ ބެލި ޑޮކްޓަރުން ބުނެފައި ވެއެވެ. ކުއްޖާ ހިފުމުގެ ތެރޭގައި މަންހްގެ އަތަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެފައި ވެއެވެ.