ދުނިޔެ

ލަވަކިޔުމުގެ ދާއިރާގައި އުޅުނު އައިއެސް ހަނގުރާމަވެރިޔާ މަރާލައިފި

Oct 31, 2015

ވޮޝިންޓަން، (ބީބީސީ) - ކުރީގެ ރެޕް ލަވަކިޔުންތެރިޔާ އަދި ފަހުން އައިއެސްގެ ހަނގުރާމަވެރިޔަކަށް ބަދަލުވި ޖަރުމަނު މީހާ އެމެރިކާގެ ވައިގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް އެމެރިކާގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޖަރުމަނުގެ ރައްޔިތެއް ކަމަށްވާ ޑެނިސް ކަސްޕާޓަކީ އެމެރިކާއިން ގްލޯބަލް ޓެރަރިސްޓެއްގެ ދަރަޖަ ދީފައިވާ ފަރާތެކެވެ. އޭނާއަކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް މަރުގެ އިންޒާރު ދީފައިވާ ފަރާތެއް ވެސް މެއެވެ.

ޑެނިސް އިސްލާމްވީ 2010 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާގެ މިއުޒިކް ކެރިއަރުގައި ބޭނުންކުރި ސްޓޭޖް ނަމަކީ "ޑޭސޯ ޑޯގް" އެވެ. 2006 ހިސާބުގައި އޭނާ އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ޑީއެމްއެކްސް އާއި އެކު ޓުއާ ވެސް ކުރިއެވެ.

އެމެރިކާއިން ބުނަނީ ޑެނިސް އަކީ އައިއެސް އިން އެމީހުންގެ އަސްކަރީ މަގާމުތަކަށް އެންމެ ބޭނުންވާ ކަހަލަ މީހެއް ކަމަށެވެ. އައިއެސް އިން ބޭނުންވަނީ ކުރިން އަމިއްލަ ގައުމުގެ ކުށުގެ މާހައުލުގައި ތަޖުރިބާ ހުރި ފަރާތްތައް ކަމަށް އެމެރިކާ ބުނެއެވެ. ޖަރުމަނުން ޑެނިސްގެ މަރު ޔަގީން ކޮށްދީފައެއް ނުވެއެވެ. ޑެނިސް މަރުވެފައިވާ ކަމަށް މިދިޔަ އަހަރުވެސް ހަބަރު ފެތުރުނެވެ. އެކަމަކު ފަހުން ވަނީ އެ ހަބަރު ރަނގަޅު ނޫންކަން އެނގިފައެވެ.

އައިއެސް އާއި ގުޅުމުގެ ކުރިން ޑެނިސް ވަނީ އިސްލާމްވިކަން އިއުލާނުކޮށް ރެޕް ކެރިއަރު ދޫކޮށްލާފައެވެ. އެއަށްފަހު އޭނާ ވަނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް ހުޅަންގުގެ ޒުވާނުންނަށާއި ހާއްސަކޮށް ޖަރުމަނު މީހުންނަށް އައިއެސް އަށް ދައުވަތު ދީފައެވެ.