ލައިފްސްޓައިލް

ފަރުވާ ކުޑަކަމުން ވީކަމެއްތަ؟

އިންޑިޔާގެ ބެންގަލޫރޫގައި މިދިޔަ ހަފުތާގައި ދިރިހުރި މީހަކު ޕޯސްޓްމޯޓަމް ނުހަދާ އޮއްވާ ހަނި ގޮތަކަށް ސަލާމަތް ވެއްޖެ އެވެ.

ކަރްނާޓަކާގައި ދިރިއުޅޭ 27 އަހަރުގެ ޒުވާން މި ފިރިހެންމީހާ އެކްސިޑެންޓެއްވެ ސިކުނޑި މަރުވި ކަމަށް ހޮސްޕިޓަލަކުން ނިންމި އެވެ. ޝަންކަރް ގޮމްބީ ނަމަކަށް ކިޔާ މި ޒުވާނާ މަރުވި ކަމަށް ކަނޑައެޅީ ބެލާގަވީ އޭރިއާގައި ހުރި ޕްރައިވެޓް ހޮސްޕިޓަލަކުންނެވެ. އެއީ ދެ ދުވަސް ވަންދެން އޮބްޒަވޭޝަންގައި އެ މީހާ ބޭއްވުމަށް ފަހުގަ އެވެ.

އެ މީހާ މަރުވީ ކަން ހޮސްޕިޓަލުން އާއިލާއަށް އަންގައި ޖަނާޒާގެ ކަންތައް ކުރުމަށް އޭނާގެ ހަށިގަނޑު ގެންދިއުމަށް އެދުނެވެ.

ހިންދުސްތާން ޓައިމްސްގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ގޮމްބީ އެކްސިޑެންޓްވީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. އޭގެ ދެ ދުވަސް ފަހުން މާޗް 1 ވަނަ ދުވަހު އޭނާ މަރުވީ ކަމަށް ނިންމީ ސިކުނޑި މަރުވެއްޖެ ކަމަށް ބުނެފަ އެވެ.

ޕޯސްޓްމޯޓަމް ހެދުމަށް ފަހު އާއިލާއާ ހަށިގަނޑު ހަވާލުކުރާނެތީ އާއިލާއިން ގޮމްބީގެ ޖަނާޒާގެ ކަންކަން ހަމަޖެއްސި އެވެ.

ގޮމްބީގެ ޕޯސްޓްމޯޓަމް ހަދަން ހަމަޖެހިފައިވާ ޑޮކްޓަރު އިންޑިޔާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ވިދާޅުވީ މީހެއްގެ ޕޯސްޓްމޯޓަމް ހެދުމަށް ހޮސްޕިޓަލަށް ދިއުމަށް އޭނާއަށް އެންގުމުން ކާރުގައި ހޮސްޕިޓަލަށް ދާން ނުކުމެ ދުއްވަމުން ދިޔައިރު މަގުމަތީގައި ހުރި ބޮޑެތި ބޯޑުތަކާއި ފޮތިގަނޑުތަކުގައި ގޮމްބީ މަރުވިކަން އިއުލާން ކޮށްފައިވާ މެސެޖުތަކެއް ހުއްޓާ ފެނުނެވެ.

ޑރ. އެސްއެސް ގަގަލީ ވިދާޅުވީ އެ ބެނާތަކުގައި ހުރި ފޮޓޯ ފެނިފައިވާތީ އޮޓޮޕްސީ ހަދަން ޖެހޭނީ އެމީހާގެ ކަން ޔަގީން ކުރެވުނެވެ. ނަމަވެސް އެ މީހާ މަރު ނުވު އޮވެދާނެ ކަމަކަށް އެއްގޮތަކަށް ވެސް ޚިޔާލަށް ވެސް ގެނެވިފައެއް ނުވެ އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި އޭނާ ހޮސްޕިޓަލަށް ދިޔައިރުވެސް ގޮމްބީ އޮތީ ވެންޓިލޭޓަރުގަ އެވެ. ގޮމްބީއަށް ފަރުވާ ދިން ޑޮކްޓަރުން އޭނާގެ އާއިލާގެ މީހުން ކައިރީގައި ބުނެފައިވަނީ ގޮމްބީގެ ސިކުނޑި މަރުވެފައިވާ ކަމަށާއި ވެންޓިލޭޓަރުން ނަގާއިރަށް އޭނާ ނޭވާލުން ހުއްޓޭނެ ކަމަށެވެ.

"ވެންޓިލޭޓަރުން ނެގުމާއެކު އޭނާ މަރުވީކަމަށް ރަސްމީކޮށް ނިންމާނެ ކަމަށް ޑޮކްޓަރުން ގޮމްބީގެ އާއިލާ ކައިރީ ބުނެފައި އޮތީ. އެހެންވެ އާއިލާއިން ޖަނާޒާއަށް ތައްޔާރުވި. އަދި ގޮމްބީގެ އެކުވެރިން އޭނާ މަރުވި ޚަބަރު ސޯޝަލް މީޑިއާގައި ޖެހި. އަހަރެން ހޮސްޕިޓަލަށް ދިޔައިރު ވެސް އެ ޚަބަރު އިވިގެން 1،000 އެއްހާ މީހުން ހޮސްޕިޓަލުގައި ބޭރަށް ޖަމާވެފައި އޮތް،" ޑރ. ގަގަލީ ވިދާޅުވި އެވެ.

އޭނާ ގޮސް ގޮމްބީގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ގެންދިއުމަށްޓަކައި ވެންޓިލޭޓަރު ހޮޅިތައް ނައްޓާލަން މަސައްކަތް ފެށި އެވެ. އެ މަސައްކަތް ފެށި ވަގުތު ޑޮކްޓަރުގެ އަތް ގޮމްބީގެ ހަށިގަނޑުގައި ޖެހިލި އެވެ. އެއާއެކު ހަށިގަނޑުން ހީބިހި ނެގި ތަން ފެނިފައި ކުއްލި ޝޮކެއް ލިބުނު ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

"ހީބިހި ނެގުމުގެ މާނައަކީ ހަށިގަނޑުގައި އަދިވެސް އިހްސާސް އެބަހުއްޓޭ. އަހަރެން އޭނާގެ ވިންދު ޗެކް ކުރިން. އަދި ހާޓްބީޓް ޗެކްކުރިން. ވިންދު ވެސް ހާޓްބީޓް ވެސް ހުރި. ދެން އަހަރެން އޭނާ ވެންޓިލޭޓަރުން ނަގައި ކުޑަ އިރުކޮޅަކަށް ވާ ގޮތެއް ބަލާލަން މަޑުކޮށްލީ. އިރުކޮޅެއް ފަހުން ގޮމްބީގެ އަތް ހަރަކާތް ކުރާތަން ފެނުމުން އާއިލާގެ މީހުން ކައިރީގައި ބުނެގެން އެހެން ޕްރައިވެޓް ހޮސްޕިޓަލަށް އޭނާ ގެންދިޔައީ،" ޑޮކްޓަރު ބުންޏެވެ.

އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށުމުން ގޮމްބީގެ ހާލު ރަނގަޅުވާކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށް އާއިލާއިން ބުނެ އެވެ.

"އޭނާއަށް ދެމުންދާ ފަރުވާއަށް ވަރަށް ރަނގަޅަށް ހަށިގަނޑު އިޖާބަ ދެމުން އަންނާތީ އޭނާގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ބޮޑުކަމަށް މިހާރު ގޮމްބީއަށް ފަރުވާދޭ ޑޮކްޓަރުން އަހަރެން ކައިރީ ބުނެފައިވޭ،" ޑރ. ގަގަލީ ވިދާޅުވި އެވެ.

ޑރ. ގަގަލީ ވިދާޅުވި ގޮތުގައި އޭނާގެ 17 އަހަރުވީ ކެރިއަރުގައި 400 އަށް ވުރެ ގިނަ ޕޯސްޓް-މޯޓަމް ވަނީ ހަދާފަ އެވެ. ނަމަވެސް މިފަދަ ހާދިސާއެއް ދުވަހަކުވެސް ދިމާލެއް ނުވެ އެވެ. ދިރިހުރި މީހެއްގެ ޕޯސްޓް މޯޓަމް ހަދަން އުޅުމުގެ ތަޖުރިބާއަކީ މުޅީން އާ ތަޖުރިބާ އެކެވެ.