ބޮލީވުޑް

އިރްފާން ކައިރިން ގިނަ ކަންކަން ދަސްވި: ސަންޖަނާ

ސަންޖަނާ ސަންގްވީ އަށް ބޮލީވުޑުން ލިބުނު ލިބިފައިވާ ފުރުސަތުތައް ކިތަންމެ މަދު ނަމަވެސް އޭނާ ކުޅުނު މަދު ފިލްމުތަކެއްގައި މަސައްކަތް ކޮށްފައިވަނީ ވަރަށް ހުނަރުވެރި އެކްޓަރުންނާ އެކުގަ އެވެ.

އެގޮތުން ޓީންއޭޖް އުމުރުގައި ސަންޖަނާ ވަނީ ރަންބީރު ކަޕޫރާއެކު "ރޮކްސްޓާ"ގައި މުހިއްމު ބައެއް އަދާކޮށްފަ އެވެ. އަދި އޭގެ ފަހުން އިރްފާން ޚާން އާއެކު "ހިންދީ މީޑިއަމް" ކުޅެފައި ވެއެވެ.

އިންޑަސްޓްރީގެ އެންމެ ހުނަރުވެރި އެކްޓަރުންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ޒުވާން ސަންޖަނާ އަށް ވަރަށް ރަނގަޅު ތަޖުރިބާއަކަށް ވީކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް އިރްފާންގެ ކިބައިން ވަރަށް ގިނަ ކަންކަން ދަސްވި ކަމަށް ސަންޖަނާ ބުންޏެވެ.

"ތިއޭޓަރުގައި މަސައްކަތްކުރާއިރު އެ ފޯކަސްކުރަން ޖެހޭ ކަންކަމާއި ފިލްމެއްގައި ކުރަން ޖެހޭ ގޮތް ވަރަށް ރަނގަޅަށް އިރްފާންގެ ކިބައިން ދަސްވި. އެކްޓްކުރުމަކީ ހަމައެކަނި ސްކްރިޕްޓްގައި ލިޔެފައިވާ ޖުމްލަތަކެއް ކިއުމެއް ނޫން. އެ ހުށަހަޅާނެ ގޮތާއި އެ މަންޒަރެއް ފުރިހަމަކުރާނެ ގޮތް އެކްޓަރަށް އެނގިފައި އޮންނަން ޖެހޭ،" ސަންޖަނާ ބުންޏެވެ.

ސަންޖަނާ އެންމެ ފަހުން ކުޅުނީ "ދިލް ބޭޗާރާ" އެވެ. މިއީ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ފަހު ފިލްމެވެ. މިދިޔަ އަހަރު އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒްކުރި މި ފިލްމަށް ބެލުންތެރިން ބޮޑު ތަރުހީބެއް ދިފައި ވެއެވެ. އަދި ސަންޖަނާގެ އެކްޓިން ވަރަށް ފުރިހަމަކަމަށް ބުނެ އޭނާއަށް ތައުރީފު ކޮށްފައި ވެއެވެ.

ސަންޖަނާ މިހާރު ކުޅެމުންދަނީ "އޯމް: ދަ ބެޓްލް ވިދިން" އެވެ. އަދިތުޔާ ރޯއީ ކަޕޫރު ބަތަލުގެ ރޯލު ކުޅޭ މި ފިލްމަކީ އެކްޝަން ފިލްމެކެވެ. މި ފިލްމުން ސަންޖަނާ އާއި އަދިތުޔާގެ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެންނާނެ ކަމަށް ބެލެވެ އެވެ.