ހީނލާގޮތުން

ހީނލާގޮތުން

(2 މާރިޗު 2021 އާ ގުޅޭ)

ޔަޝާގެ ނުރުހުމުގެ ފަތުގައި މޮޅިވެރިކަންވާތީ ނޯޔާ ދުށްޓެވެ. އޭނާގެ ނަޒަރުގައި ނޯޔާގެ ނިންމުން މޮޔައީއެވެ. އަދި އޭނާގެ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އިތުރުން މިނިވަންކަން ގެއްލި މުސްތަޤުބަލް އަބަދަށް އަނދިރިވީއެވެ.

"ޔަޝާ!... މި ދިރިއުޅުން ގޯހެއްނޫން، އަހަރެންގެ މޫނުން އެބަ ފެނޭތަ ހިތްހަމަނުޖެހުން، ނުފެނޭ... އެހެންނު... ކިތަންމެ ވަރަކަށް ރޭވިޔަސް، ހާސިލުވާނީ ﷲ އިރާދަކުރެއްވިކަމެއް، އެކަލާނގެ މިންވަރުފުޅާ ދެކޮޅު ހަދައިގެން ވަކި މޮޅުތަކެއް އަހަރެންނަށްވާނެތަ؟ އަހަރެން ބަލިކަށިވެއްޖެނަމަ މި އިމްތިހާނުން އަހަރެން ފޭލްވާނެކަން ޔަގީން، އެގޮތް އަހަރެން ބޭނުންނުވާނެކަން އެނގޭވަރު މީހެއް ތީ، އަސްލަންއަކީ ޢާއިލާދެކެ ލޯބިވާ މީހެއް، ކުރިން އޭނާގެ ގޮތް ނޭނގޭތީ ޖެހިލުންވީ ނަމަވެސް މިހާރު ގާތުން ފެންނަން ފެށުމުން އޭނާގެ އެ ހުންނަ މަޑުމައިތިރިކަމާއި ސީރިއަސް ގޮތް ދެނެގަންނަން އަހަރެންނަށް ވެސް މަޑުމަޑުން ދަސްވޭ، މި ކައިވެނި ކޮށްގެންނުވާނޭ ޔަޝާ ތިބުނަނީ އަސްލަން އުމުރުން ދޮށިވެފަ، އޭނާގެ ތިން ދަރީން ތިބީމަ، އެކަމަކު ޔަޝާ ވިސްނާލަބަލަ، އެ ހާލަތުގައި ޔަޝާގެ މި ބެސްޓީ އިންނަމަ ތި ދައްކާ އުޒުރު ބަލައިގަނެވޭ އުޒުރަކަށްވާނެތަ؟ ކުޑަކުޑަ ތިން ދަރީންނާއެކު އަހަރެން ހުވަފަތްވެފައި އިން ދުވަހެއް ދުށުމަށް ޔަޝާއަށް ޖެހިއްޖެނަމަ ކިހިނެއް ހަދާނީ؟ އަހަރެންގެ އެކަނިވެރިކަން ކުޑަކޮށްދީ އަލުން އާ ދިރިއުޅުމަކަށް ފުރުޞަތު ދޭން ޚިޔާލެއް ނުދޭނަންތަ؟ ޒުވާން އުމުރު އެކަނިވެރިކަމުގެ ތެރެއަށް އެއްލާނުލާން ނަސޭހަތެއް ނުދޭނަންތަ؟ މަންމަމެން އަހަރެންނަށް ރަނގަޅު ހަރުދަނާ ޒުވާނު ކައިވެންޏަށް ހަމަޖައްސައި ދިނުމުން އެކަމަށް ޔަޝާ އެއްބާރުލުން ނުދޭނަންތަ؟ ދަރީންނަށްޓަކައި ވިޔަސް އެފަދަ ނިންމުމެއް ނިންމަން ނުބުނާނަންތަ؟ ދަރީން ބޮޑުކުރުމުގައި މަންމައަކާއި ބައްޕައަކީ ކިހާ މުހިންމު ބައެއްކަން ހަނދާންކޮށް ނުދޭނަންތަ؟."

"ނޯޔާ އޭނާއަށް ފޯލްވީތަ؟ ހުރިހާކަމެއް ކޮށްލީ ދޯ." އެއްޗެކޭ ނުބުނެ އިނދެފައި ނޯޔާގެ ދަތްދޮޅީގައި ހިފަހައްޓާލައި އެ ދެ ލޮލަށް ބަލަން އެތައް އިރަކު އިން ޔަޝާ ވާހަކަދެއްކިއެވެ. ނޯޔާ ރަކިވިއެވެ. ހަމައެއާއެކު އޭނާއަށް ހެވުނެވެ.

"ކީކޭ؟... ފޯލްވާން ޖެހޭނެއެއްނު، އެއީ މަގޭ ފިރިމީހާއޭ." ހެމުންހެމުން ނޯޔާ ބުނެލިއެވެ. ދެ އެކުވެރިންގެ ދެމެދަށް ވެރިވި ނުތަނަވަސްކަމުގެ އުދާސްކަން ހިނދުކޮޅެއްގެ ތެރޭ ފިލައިގެން ދިޔަ ކަހަލައެވެ.

"ހައު ވޯޒް އިޓް؟ ދެޓް ގުޑް... ޓެލް މީ." ކުރިއަށް ޖެހިލައި ޔަޝާ އަހާލިއެވެ. އެ ވާހަކައެއް އަޑު އެހުމަށް ޝައުގުވެރިވެފައި އިންވަރު ޔަޝާގެ މޫނުން ފާޅުވެއެވެ. ނޯޔާ މަޑުމަޑުން ދެފަރާތަށް ބޯހޫރާލީއެވެ.

"ތި ސުވާލަށް ޖަވާބު ނުދޭނެކަން އެނގޭނެ ޔަޝާއަށް، ފިރިމީހާ ލޯބިކުރާ ގޮތުގެ ތަފްސީލަކީ އެއްވެސް މީހަކަށް އެނގެން ޖެހޭނެ ކަމެއްނޫން." ސައިޖޯޑުގައި ދެއަތްތިލަ ވަށާލައި ގޮނޑީގައި ރަނގަޅަށް ނޯޔާ ލެނގިލިއެވެ. ހިނިތުންވެ އެކުވެރިޔާއަށް ބަލަން އިނީ ދެން ޔަޝާ ބުނާނޭ އެއްޗެއްގެ އިންތިޒާރުގައެވެ.

"ވަރަށް ފޫހިވޭ... ޔަގީން ވަރަށް ބޯރިންގްވާނެކަން، އެންޑް ޔޫ... ލޯތްބަކީ ކޮބާކަން ނޭނގޭ މީހަކަށް އޭނާ ކޮންމެ ވައްތަރެއް ޖެއްސިޔަސް ހީކޮށްލައިގެން ހުންނާނީ މީއޭ ލޯތްބަކީ." ޔަޝާގެ މޫނާއި ތުންފަތަށް ޖެއްސި ވައްތަރުތަކުން ނޯޔާގެ ހުނުން ބާރުވެލިއެވެ. އޭނާއާއި އަސްލަންގެ ދެމެދުގައި އޮތް ގުޅުން ޔަޝާ ސިފަކުރާގޮތް ނޯޔާއަށް މަޖާވިއެވެ. އަމިއްލަ ދިރިއުޅުމާ ގުޅޭ ވާހަކަތައް ނޯޔާ އެއްފަރާތް ކުރިއެވެ. އަދި ޔަޝާގެ ދިރިއުޅުމަށް އެ ސަމާލުކަން އަނބުރާލިއެވެ. ވަޒިފާ ހަމަޖެހިފައި އޮތުމުން އެކަމާ ނޯޔާ ވާހަކަދެއްކިއެވެ.

އިރުއޮއްސުމުން ޔަޝާ ފޮނުވާލަން ޖެހޭތީ ނޯޔާ ދެރަވިއެވެ. މަޣްރިބު ނަމާދު ވަގުތަށް ކުދީންނާއި އަސްލަން އެނބުރި އަންނާނެއެވެ. ކުދީން އައުމުން ޔަޝާއަށް ވަގުތުދޭން ނޯޔާއަށް ދަތިވާނެއެވެ. އެހެންވިޔަސް ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން ނޯޔާ ދަޢުވަތު ދިނެވެ. އޭނާގެ ގާތަށް އައުމަށްފަހު އެހާ އަވަހަށް ދާން ޔަޝާ ބޭނުންނުވާނޭކަން އެނގޭތީއެވެ. ނަމަވެސް ހީކުރި ގޮތަކަށް ނުވިއެވެ. ޔަޝާ ގަސްދުކުރީ ގެއަށް ދާށެވެ.

* * * * *

އިޝާ ނަމާދަށްފަހު މިސްކިތުން ފައިބައިގެން ވަހީދު ގެއަށް އައިސް ވަނެވެ. ސިޓިންރޫމުގައި ތިބި ބަޔަކު ފެނި އޭނާއަށް ޤަބޫލުކުރަން ދަތިވިއެވެ. އެހެންވިޔަސް ލިބުނު ހިތްހަމަޖެހުމާއެކު ހިނިތުންވެލިއެވެ. އޭނާ ފެނުމާއެކު ސޯފާގައި އިން ފަވާދު ގޮވާލިއެވެ.

"މީ ކޮންދަތުރެއް؟" އާންމުކޮށް ފެންނަ މަންޒަރެއް ނޫންވީމަ ވަހީދަށް އަހާލެވުނެވެ.

"މިގެއަށް ނާދެވޭތާ ދުވަސްވީމަ، ޖައްސާލީ ދޯ އަރީން." ކައިރީ އިން އަރީނަށް ފަވާދު ދޯ ދިނެވެ.

"ފާރިޝް އެކަނިތަ؟" ދެން ތިބި މީހުން ކޮބާތޯ އަހާލާ ފަދައިން ވަހީދު ބުންޏެވެ.

"ދެންމެ މަންމަ އެދިޔައީ، ކާން ހަދަން ކަންނޭނގެ، ޔުމްމުވީ ކޮޓަރީގަ... ހިނާ ވެސް މަންމަ ކައިރިއަށް ދިޔައީ." އެންމެންގެ ޚަބަރު ފާރިޝް ދިނެވެ.

ބަދޫރާއާއި ވަހީދަށް ލިބުނީ ތިން ކުދީންނެވެ. ދެ ފިރިހެން ދަރީންނާއި އަންހެން ކުއްޖެކެވެ. އެންމެ ދޮށީ ފާރިޝްއެވެ. މެދަށް ފަވާދު ލިބުނުއިރު ޢާއިލާގެ އެންމެ ހަގު ކުއްޖަކީ ޔުމްނާއެވެ. ހުރިހާ ކުދީން ވެސް މީހުންނާ އިނދެފިއެވެ. ފާރިޝްއަށް ނޫނީ ދެން ތިބި ދެބެންގެ ފަރާތުން އެމީހުންނަށް މާމަކާފަ ކިޔާނޭ ކުދީން ވެސް ލިބިއްޖެއެވެ. ހީނާއަކީ ފާރިޝްގެ އަންހެނުންނެވެ. ޔުމްނާގެ ފިރިމީހާއަކީ ނަދީމެވެ. އެންމެންގެ ޝަކުވާއަކަށް ވެފައި އޮންނަނީ ފަވާދު މީހަކާ އިނުމަށްފަހު އެ ޢާއިލާއާ ދުރުވެއްޖެކަމެވެ. ގެއަށް އަންނަލެއް މަދީއެވެ.

"ކޮބާ ކުޑަދެބެން؟" ސޯފާގައި އިށީންނަމުން ވަހީދު އަހާލިއެވެ.

"ވެއްޖެ ޔުމްމު ކޮޓަރީގަ." ފަވާދު ބުންޏެވެ.

އަރީން އެގެއަށް ވަނީއްސުރެ ފިރިމީހާއާއެކު ސޯފާގައި އިން ގޮތަށް އިނީއެވެ. މަންމައާއި ހީނާ ބަދިގޭގައި އުޅޭއިރު އެމީހުންނާއެކު އަރީން ވެސް ހަރަކާތްތެރިވާނެނަމައޭ ފަވާދު ހިތަށް އަރައެވެ. އެކަމަކު އަނބިމީހާގެ ގޮތް ރަނގަޅަށް އޭނގޭނީ އޭނާއަށެވެ. އަމިއްލަ ގޭގައި މަންމައަށް ފަސޭހަވާނޭ ހިތާ ކަމެއްކުރުމަށް އިސްނުނަގާއިރު އެގެއަށް އައިސް ފާވާދުގެ މަންމައަށް އަދިއަމުދުން ނުކޮށްދޭނެކަން އެނގެނީއެވެ. އެކަކުވެސް އަރީންނާމެދު ތަފާތުކޮށެއް ނޫޅެއެވެ. އެހެންވިޔަސް ފަވާދުގެ ޢާއިލާއާ އަރީން ގަޔާނުވެއެވެ.

* * * * *

ކާމޭޒު ކައިރިން އަސްލަން ތެދުވަން އުޅުނު ހިނދު މަޑުކޮށްލަން ނޯޔާ ކުއްލިއަކަށް ބުނެލިއެވެ. އަސްލަންއަށް ވަގުތުން ބަލާލެވުނެވެ. ނަޒަރު ސީދާވެލި ހިނދު ނޯޔާ ބޮލުން ވެސް އިޝާރާތްކުރީ އިހަށް މަޑުކޮށްލަ ދިނުމަށެވެ. މޭޒުދޮށުން ސާރާއާއި މަލްސާ ފައިބައިގެން ދަންދެން ނޯޔާ ހިމޭންކަން ޚިޔާރުކުރިއެވެ. އެއަށްފަހު ދެން ޖެހިލީ އަސްލަންއާ ގާތަށެވެ. ސިއްރުސިއްރުން އޭނާ ވާހަކަދެއްކިއެވެ. ސާރާ ވާހަކައެއްދައްކަން ބޭނުންވެފައި ހުރިކަން ނޯޔާ ބުންޏެވެ. އެކުއްޖާގެ ވާހަކަ އަޑުއެހުމަށް ނޯޔާ އެދުނެވެ. އަދި ސާރާ ދެރަވެގެން އުޅުނުކަމާއި އެކުއްޖާ އެދޭ ކަންތައް ކޮށްދިނުމަށް ނޯޔާއަށް ބުނެވުނެވެ. އެ ހުރިހާކަމެއްގެ އަސްލު ގުޅިފައިވީ އަސްލަންގެ ކުރީގެ އަންހެނުންނާކަން ނޯޔާއަކަށް ނުބުނެވުނެވެ. މައިރާގެ ވާހަކަ އޭނާ ދެއްކުމުން އަސްލަން އެކަމާ ގަޔާނުވެދާނޭ ހީވާތީއެވެ.

މޭޒުދޮށުން އަސްލަން ދިއުމުން ނޯޔާ ގޮވާލީ ސާރާއަށެވެ. ސާރާގެ ހިތުގައިވާ އެއްޗެއް ބައްޕައާ ހިއްސާކުރަން ރަނގަޅު ވަގުތެއްކަން ނޯޔާ ހަނދާންކޮށްލަ ދިނެވެ. އަނގައިން ނުބުނެ އެކުއްޖާ ހަމައެކަނި ބޯޖަހާލީއެވެ.

ސާރާއާއި މަލްސާ ނިދަން ބޭއްވުމަށްފަހު ނޯޔާ ނުކުތީއެވެ. އަސްލަންއާއި ސާރާއާ ދެމެދު ދެކެވުނު ވާހަކައެއް ނޯޔާއަކަށް ނޭނގެއެވެ. އެ ކޮޓަރިން ނުކުމެ ދޮރު ލައްޕާލި ގޮތަށް އަސްލަން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެރޭ ސިޓިންރޫމަށް އަސްލަން ނުނިކުމެވެ. އެހެންޏާ ނޯޔާގެ މަސައްކަތްތައް ނިންމާފައި ކޮޓަރިއަށް ވަންނަންދެން އަސްލަން ޓީވީ ބަލަން އިންނަކަން ފާހަގަވެއެވެ. އެރޭގެ ބާކީ ބައިގަ ނޯޔާއާ އަސްލަން ބައްދަލެއްނުވެއެވެ. ތަޙައްޖުދު ކުރަން ތައްޔާރުވާން ކޮޓަރިން ނޯޔާ ނުކުތްއިރު ވެސް ގޭތެރެއަށް ވެރިވެފައި އޮތީ އިހު އޮތް ހިމޭންކަމެވެ. އެހެންވިޔަސް ނޯޔާގެ ހިތުގައި ސުވާލުތައް ވިއެވެ. އަސްލަންގެ ހާލު އޮޅުންފިލަން އެ ހިތް ބޭނުންވެއެވެ. ސާރާގެ ވާހަކަތަކުން އަސްލަންއަށް މާބޮޑަށް އަސަރުކުރީބާއޭ ނޯޔާގެ ހިތުގައި ވިއެވެ. އޭނާއަށް އަސްލަންއާމެދު މާބޮޑަށް ފިކުރުކުރެވެނީއެވެ. އެ ހިތަށް ތަކުލީފު ލިބެން ނޯޔާގެ ހިތް ނޭދެނީއެވެ.

އާ ދުވަހަކަށް ފަތިހުގެ އުދަރެހުން އިރު ފާޅުވެލައި އަލިކޮށްފިއެވެ. ދުވަހީ ދިރިއުޅުމުގެ ތަވާލާ އެއްގޮތަށް އެންމެން ހަރަކާތްތެރިވަމުންދިޔައެވެ. އަބަދު އެއްކަމެއް ކުރަން ޖެހޭނަމަ އެކަމަކަށް އާދަވުމަކީ ތަބީއީ ކަމެކެވެ. އެހެންވިޔަސް ނޯޔާއަށް ލިބޭ ވަރުބަލިކަން އިތުރުވެއެވެ. ކާމޭޒު ކައިރީ އުސްގޮނޑީގައި ބައިންދާފައި އިން އަނުމްގެ ދެއަތް ކާތަށީގައި ވެއެވެ. އެކުއްޖާ ކާން ދަސްކުރަނީއެވެ. އަތުން ނަގާ އެތިކޮޅު ވެއްޓޭ ފަހަރު ގިނައެވެ. އަނެއްބައި ފަހަރު އަނގަޔާ އަމާޒުވާން ވަގުތުކޮޅެއް ނަގައެވެ. އެ ނުފަރިތަކަމަށް ބަލަން މޭޒުދޮށުގައި ނޯޔާއަށް އިނދެވުނެވެ. ޚިޔާލުތަކުގައި ބަނދެވިފައެވެ.

ފަތިހު އަސްލަން ނުކުތްތަނެއް ނޯޔާ ނުދެކެއެވެ. އޭނާއަށް އަސްލަން ފެނުނީ އޮފީހަށް ދާން ތައްޔާރުވެގެން ކޮޓަރިން ނުކުތް ވަގުތެވެ. އެހާއިރަށް ނޯޔާ ހުރީ ސްކޫލަށްދާން ސާރާ ތައްޔާރުކޮށްގެންނެވެ. އަނުމް ހޭލާ އުޅޭކަމާއި ބުއްފުޅިއެއް ބޮއެފިކަން އަސްލަން ބުނެލިއިރު ނޯޔާއަށް އެ ދެ ލޯ ފެންނަވަރެއް ނުކުރިއެވެ.

"ސައިނުބޮންތަ؟" ސައިބޯނޭ ވަގުތެއް ނެތްކަން ނޯޔާއަށް ވެސް އެނގެއެވެ. އެހެންވިޔަސް އަހާލެވުނެވެ.

"މިއަދަކުނޫން... ސާރާ..." އަސްލަން ބުނެލިއެވެ. ދަރިފުޅު ގޮވައިގެން އޭނާ ނުކުންނަން ދާން ފެށުމުން އެމީހުންގެ ފަހަތުން ނޯޔާ އައެވެ. ދޮރުކައިރީ މަޑުކޮށްލިއެވެ.

"ބާއި..." ނޯޔާ ބުނެލިއެވެ. ސާރާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަސްލަންގެ ޢަމަލުތަކުން އޭނާއަށް އެ އަޑު ނީވޭ ކަހަލައެވެ. ސާރާ ގޮވައިގެން ލިފްޓާ ދިމާއަށް ދިޔައެވެ. ލިފްޓަށް އެރުމުން ނޯޔާ އަތްހޫރާލިއެވެ. ސާރާ ބަލަން ހުއްޓެއްކަމަކު އަސްލަންގެ ނަޒަރު ފަޅު ސުކުންތަކަށް ވެސް ނޯޔާއާ އަމާޒެއް ނުވިއެވެ.

"ކިހިނެއްވީބަ؟ އަހަރެންނަށް ކަމެއްކުރެވުނީތަ؟ ސާރާ ގާތު ދެއްކުނު ވާހަކައިގެ ސަބަބުންތަ؟ އެކުއްޖާ ބުނީތަ އަސްލަން ގާތު އެއްޗެކޭ؟." ގޭތެރެއަށް ނުވަދެ ލިފްޓާ ދިމާއަށް ބަލަން ނޯޔާއަށް ހުރެވުނެވެ.

* * * * *

"ހަމައެކަނި ކޮފީއެއް." ހުސެންނަށް އަހާލެވުނެވެ. އޭނާއާއެކު ސައިބޯން އައިސްފަ އަސްލަން ހަމައެކަނި ކޮފީއެއް ގެނައީތީ ޝަކުވާކުރެވުނެވެ. ދެ ޒުވާނުން ތިބީ އޮފީސް ކައިރީ ހުރި ކެފޭއެއްގައެވެ. ހެނދުނުގެ ނާސްތާ ކުރުމަށް އެ އޮފީހުގެ ގިނަ މީހުން އަންނަނީ އެތަނަށެވެ. ހެނދުނު ސައިނުބޮއެ ހުރިކަމެއް އަސްލަން ނުބުނެއެވެ. ސައިބޯހިތް އަސްލު އޭނާ ނެތީއެވެ.

"މިވަރު އޯކޭ... ކޮންވާހަކައެއްތަ ދައްކަން އުޅުނީ" އަސްލަން ބުނެލިއެވެ.

"ކީއްވެތަ އަހަރެމެން ތިގެއަށް ދާން އެއްބަސްނުވަނީ؟ ލޫނާގެ ސަބަބުންތަ؟" ހުސެންއަށް އެ ސުވާލު ނުކޮށް ނީނދެވުނީއެވެ.

"އެއްބަސްނުވަންތަ؟" ހުސެންބުނީ ތެދެއްކަން ޤަބޫލުކުރިޔަސް އަސްލަން އެކަމާ އެއްބަސްވާން ބޭނުންނުވީއެވެ. ސުވާލު އުފެއްދީ ނޭނގޭކަމަށް ހަދަންވެގެންނެވެ.

"ގުޅާލީމަ ބުނާނެ މިއަދަކުނޫނޭ، މިހުރީ ގޭގައެއްނޫނޭ، މިދަނީ ދަރިފުޅު ގޮވައިގެން ތަނަކަށް ދާށެ... ދުވަހަކު އަސްލަން ގޭގައި އުޅޭ ވަގުތަކާ ދިމައެއްނުވޭ... އުޒުރުދައްކަނީކަން ޔަގީން، އެކަމަކު ކޮންމެވެސް ކަމެއްވެގެން އަސްލަން އެކަހަލަ ކަމެއްކުރާނީ، އެއީ މަށަށް ވެސް ޔަގީންވާކަމެއް، އެހެންވެ މި އެހީ ލޫނާ ހެއްޔޭ ސަބަބަކީ."

"ކީއްވެ ލޫނާ؟" އަސްލަންއަށް ބުނެވުނެވެ.

"ހަމަ ނޭނގިގެންތަ ތިއެހީ؟ އޭނާ މިތާ ހުރިހާ ފިރިހެންނުންނާ ކުރިމަތިލާ ގޮތާ އަސްލަންއާ ކުރިމަތިލާ ގޮތް ތަފާތު." ހުސެން ބުނެލީ ހިނިއައިސްފަ އިނދެއެވެ.

"ތިކަހަލަ ވާހަކަ ނުދައްކާ، މީހަކަށް އަޑުއިވިދާނެ." އަސްލަން ބުންޏެވެ.

"މަށަށް ތި ދެ މީހުން ވަރަށް ގުޅޭ، ހަމަތެދެއް މިބުނީ." ހުސެން ބުންޏެވެ. އޭނާއަށް ބަލާލާފައި އަސްލަން ހަމައެކަނި ހިނިތުންވެލީއެވެ. އެ އަސަރުތަކުން ހީވީ ހުސެން ކުރީ ސަމާސާއެއް ހެންނެވެ. އެއްޗެއް ނުބުނީ ވެސް އެހެންވެއެވެ.

"ކިހިނެއްވީ؟ ސީރިއަސްކޮށޭ... ފިރިހެނުންދެން ދަރިންބެލުމުގަ އުޅޭތަ؟ މީހަކާ އިންނަންވެއްޖެ އަސްލަން، އިންނާނެ ރަނގަޅު ކުއްޖަކު އެހުރީ ފެންނަން، މިހާ ސާފުކޮށް ފަސޭހައިން ހުރިހާކަމެއް ހަމަޖެހެން އެބައޮތް، އަސްލަން އަހައިފިއްޔާ ލޫން ނޫނެކޭ ނުބުނާނެ... ގެރެންޓީ..." ހުސެން ބޯޖަހާލީ ވެސް ޔަގީންކަން ދޭށެވެ. އަސްލަން ޤަބޫލުވާށޭ އިޝާރާތް ކުރުމުގެ ގޮތުންނެވެ.

"ކީއްވެ އެއްޗެއް ނުބުނީ، ލޫނާ ރަނގަޅެއްނޫންތަ؟"

"ލޫނާ... އެއީ ރައްޓެއްސެއް، މައިރާގެ ވެސް..." މައިރާގެ ނަމާއެކު އަސްލަން އިސްޖަހާލިއެވެ.

"އެހެންވީމައޭ އަދި ރަނގަޅީ، މައިއާއި ލޫންއަކީ ބަޑީޒް، މައިގެ ކުދީންދެކެ ލޫން ލޯބިވޭ، އެކުދީންނާ ވެސް ގުޅެން ފަސޭހަވާނެއެއްނު، ލޫން ރަނގަޅު މަންމައަކަށްވާނެއޭ އަހަރެންގެ ހިތްބުނޭ، ދެން ނުބުނާތި ތިމަންނަ އަންހެނަކަށް ބޭނުމެއްނުވެޔޭ." ހުސެން ބުނެލިއެވެ.

"ދެޓްސް އިނަފް... ޕްލީޒް..." އަސްލަންއަށް އުނދަގޫވީލެއް ބޮޑުކަމުން ބުނެވުނެވެ. އޭނާގެ އަނތްބެއްގެ މަޤާމުގައި ނޯޔާ ގޭގައި އިންކަން އަސްލަން ހަނދާނެއްނުނެތެވެ. އެކުވެރިޔާއަށް ބަލާލާފައި ހުސެން ދޫކޮށްލީ ފުންނޭވާއެކެވެ.

"އެޓްލީސްޓް އެކަމާ ވިސްނާލައްޗޭ." ހުސެން ބުނެލިއެވެ. އަސްލަން އަޅާނުލާނޭ ހުސެންގެ ޟަމީރު ބުންޏެވެ. އެހެންވެ އޭނާގެ ސިކުނޑީގައި ކަމެއް ރާވާލިއެވެ.

* * * * *

ސްކޫލް ދޮށުން ސާރާ ގޮވައިގެން ގެއަށް އަންނަން ނޯޔާ ހިނގައިގަތް ވަގުތު ނުހަނު ގާތުން މީހަކު ގޮވާލި އަޑު އިވުނެވެ. ނޯޔާ ބަލާލީ އެމީހަކު ގޮވީ ކާކަށްކަން ނޭނގޭތީ ޔަގީން ކޮށްލުމަށެވެ. އެއާއެކު ފެނުނީ ކުޑަ ފިރިހެންކުއްޖަކު ގޮވައިގެން ހުރި ޒުވާނާއެވެ.

"އަހަރެންތަ؟" އެ ޒުވާނާއަށް ބަލާލަމުން ނޯޔާއަށް އަހާލެވުނެވެ.

"ނޭނގުނުތަ؟" ނޯޔާގެ ބެލުމުގައި ހުރި ބީރައްޓެހި ގޮތުން އޭނާ ސުވާލުކޮށްލިއެވެ.

"އަހަރެންގެ ސައިކަލުން ދަރިފުޅު ގައިގަ ނުޖެހުނީ ކިރިޔާއެއްނު، އަނެއްކާ ދަރިފުޅުތަ މީ." އޭނާ ނޯޔާއާއި ސާރާއަށް ވަކިވަކިން ބަލާލިއެވެ.

"ދަރިފުޅު." ނޯޔާ ބުނެލިއެވެ.

"ޒެންއާއި ސާރާ އެއްކުލާހެއްކަން އެނގުނީ އެދުވަހު... މިކޮޅަށް ޖެހިލަންވީނު، އަހަރެން މީ މިދުހަތު، ތީ..." މީހުން ގިނަކަމުން އެއްފަރާތެއްގައި މަޑުކޮށްލަން މިދުހަތު ބޭނުންވިއެވެ. އޭނާ ނޯޔާގެ ކޮނޑުގައި އަތްޖައްސާލަން އުޅުނެވެ. އެއްފަރާތް ވެލާށޭ ބުނުމުގެ ގޮތުންނެވެ. ނަމަވެސް ނޯޔާ ބަލާލާއި އެއްފަރާތްވެލި ގޮތުން މިދުހަތު މަނާވެ ގަތީއެވެ. އެހެންވިޔަސް ނޯޔާގެ ހަރުކަށި ބެލުން މިދުހަތުގެ ހިތުގެ ނާރެއްގައި ގިޓައެއްގެ ނަރެއްގައި ކޮއްޓާލި ފަދައިން އިޙްސާސް ކުރެވިގެން ހިނގައްޖެއެވެ. ތުންފަތް ހަރުކޮށްލީ ތަފާތު އުފާވެރިކަމެއް އިޙްސާސް ކުރެވުނީތީ އެ އަސަރަށް ތުންފަތް ދެމިލަފާނޭތީއެވެ.

"ނަމެއް ނުބުނަމެންނު." މިދުހަތު އަނެއްކާ ވެސް ތަކުރާރުކޮށްލިއެވެ.

"މިދަނީ ވަރަށް އަވަހަށް ގެއަށްދާން، މިގަޑީ ކުޑަދަރިފުޅު ހުންނާނެ ގޭގަ." ނޯޔާ ބުނެލިއެވެ. އޭރު އެހިތް ބާރަށް ތެޅެއެވެ. ކައިރީ ހުންނަ މީހަކަށް އަޑުއިވޭނޭ ކަމާމެދު ނޯޔާ ކަންބޮޑުވާހާ ބާރަށެވެ. ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުމަކީ ނޯޔާއަށް އާކަމެވެ. އެމީހުން އެކަކުއަނެކަކާ ދައްކާ އުޅެނީ ކޮންކޮން ވާހަކައެއްކަމެއް އޭނާއަކަށް ނޭނގެއެވެ. އެހެންވިޔަސް ގައިގާ އަތްލުމަކީ ނޯޔާއަށް ބަލައިގަނެވޭނެ ކަމެއްނޫނެވެ.

"އެހެންވީރު އަވަހަށް ދާންވާނެ، އެކަމަކު ވާހަކަދައްކާލެވޭނެ ގޮތެއްނުވާނެތަ؟ ޒެން ސްކޫލާ ޖޮއިންކުރީ އިހަށްދުވަހު، އަހަރެންގެ ވެސް ރައްޓެހި ޕޭރެންޓެއް އެކުލާހަކުނެތް." މިދުހަތު ދެއްކީ ތެދުވާހަކައެކެވެ. އެކަމަކު އޭނާގެ ގަސްދު ތަފާތެވެ.

"ސްކޫލު ދޮށުން ދިމާވާނެއެއްނު.... ދަނީ އިނގޭ." ނޯޔާގެ ވާހަކަ އަވަހަށެވެ. މިދުހަތު ބޯޖަހާލީ ވިސްނާފައެވެ. ނޯޔާ ކަހަލަ އަންހެންކުދީންނާ ކުރިމަތިލާން ޖެހޭނީ ވަރަށް ކެތްތެރިވެގެންނޭ އަމިއްލަ ހިތަށް މިދުހަތު ވިސްނައިދިނީއެވެ.

"ކުޑަދަރިޅު... ހެ ހެ ހެ..." ދަރިފުޅު ގޮވައިގެން ސައިކަލު ބަހައްޓާފައި ހުރި ދިމާއަށް ހިނގައިގަންނަމުން މިދުހަތުގެ ހިތަށް އެރިއެވެ. ނޯޔާ ދޮގު ހެދިއްޔޭ އޭނާގެ ހިތަށް އެރީއެވެ. ހީނލެވުނީ އެހެންވެއެވެ. ތިރީތުންފަތުގެ އެއްކޮޅު ދަތްތަކުން ހިފަހައްޓާލެވުނީ ބާރަށް ހީނގަނެއްޖެނަމަ އޭނާ މޮޔައެއްހެން ހީވެދާނެތީއެވެ.

"ޒެންގެ ކުލާހުގައި އުޅެނީ ހާދަ ބަސްއަހާ ކުދީންނޭ... ޒެންވާނެ އިނގޭ ސާރާއާ ފްރެންޑްވާން." ސައިކަލަށް އަރާ ދަރިފުޅު އުނގުގައި ބައިންދާ ބެލްޓު އަޅުވަމުން މިދުހަތު ބުންޏެވެ.

* * * * *

"ނޯ..ޔާ..." ސޯފާގައި އަނުމް ގޮވައިގެން އިން ރިދާން ތިން ވަނަ ފަހަރަށް ކިޔާލިއެވެ.

"ނަން ދަސްވާވަރު ނުވޭތަ؟" ސާރާއަށް ކާއެއްޗެއް ދޭން ކާމޭޒުދޮށުގައި ހުރި ނޯޔާ ބުނެލިއެވެ.

އޭނާ ސްކޫލު ދޮށުން އައިސް ސަބީނާގެ ބަޔަށް ވަންއިރު ގޭގައި ރިދާން އުޅެއެވެ. ދެ ދުވަހަކަށް އޮފީސް ދަތުރެއްގައި ދާން އުޅޭތީ އޭނާ މާއަވަހަށް ގެއަށް އައީއެވެ. އަނުމް ގޮވައިގެން ނޯޔާ ނުކުތުމުން އޭނާގެ ފަހަތުން އެމީހުން ދިރިއުޅޭ ބަޔަށް ރިދާން ވެސް އައީއެވެ.

"އަނުމް ބޭބީއަށް ދަސްކޮށްދެވޭތޯ މިއުޅެނީ." ރިދާން ބުންޏެވެ.

ނޯޔާ އެއްވެސް އެއްޗެއް ނުބުންޏެވެ. އެމޫނުން އެހެންޏާ ނުފެންނަ އުދާސްކަމެއް ރިދާން ދުއްޓެވެ. އެއްކަމެއްކޮށްފައި އަނެއްކަމެއްގައި އުޅޭއިރު ހީވަނީ ތަނެއްގައި މަޑުޖެހިލަން ބޭނުންނުވަނީ ހެނެވެ. ރިދާން އިނީ ނޯޔާ ހަމަޖެހިލަން ބޭނުންވެފައެވެ. އޭނާ ތަނެއްގައި އިށީނުމުން ވާހަކަދައްކަން ބޭނުންވެފައެވެ.

"ނޯޔާ..." ރިދާން އަނެއްކާ ވެސް ގޮވާލިއެވެ. ނޯޔާ ހޫން ލައްވާލިއެވެ.

ފަތިހުން ފެށިގެން ނޯޔާގެ ނަފްސަށް ހިމޭންކަން ވެރިވިއްޖެއެވެ. އެ ހިމޭންކަން އިތުރަށް ފުންވީ ސްކޫލުދޮށުން ދިމާވި ކަންތަކަށްފަހުއެވެ. އޭނާގެ ހިމޭންކަމުގައި އެ ސިކުނޑިއާއި ހިތް ބައިވެރިއެއް ނުވެއެވެ. އެ ދެބައިމީހުން ވަނީ މަޝްވަރާގައެވެ. އެއް މައުލޫއަކީ އަސްލަންއެވެ. ދެން އޮތީ ސްކޫލުދޮށުން ދިމާވި ޒުވާނާއެވެ. ބެލެނިވެރިން އެކަކުއަނެކަކަށް ގޮވާލައި އޮލަވާހައިގަ ތިބޭތަން ނޯޔާއަށް ފެނެއެވެ. އެހެންވިޔަސް އެ ޒުވާނާއާ ގުޅުން ބަދަހިކުރުމާމެދު ނޯޔާ ސުވާލު އުފެދެނީއެވެ. އެހިތްހެޔޮކަން ބަލައިގަތުގައި މުސްތަޤުބަލަށް އެޅިދާނެ ކުޅު ރިވެއްޔަކަށް ވެދާނެއެވެ.

"އާދެބަލަ މިތާ އިށީންނަން." ރިދާންގެ އަޑަށް ނޯޔާ ބަލާލިއެވެ.

(ނުނިމޭ)