ފަސް މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން މަނާކޮށްފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ބުނެފައިވަނީ މިއަދުން ފެށިގެން އެއް ފަހަރާ ފަސް މީހުންނަަށްވުރެ ގިނައިން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން މަނާ ކަމަށެވެ.
މީގެ އިތުރުން ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓާލުމާއި ދުވުމަށް ހާއްސަކޮށްފައިވާ ޓްރެކްތައް ބަންދު ކުރުމަށްވެސް ވަނީ އަންގާފައެވެ.
އަދި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމަށާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރު ވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލަންވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން އެކަނި ކުރާ ކަސްރަތު ފިޔަވައި ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތް ހުއްޓާލަންވެސް އެންގިއެވެ.
ޑިރެކްޓަރު ޖެނެރަލްގެ އެންގެވެމުގައި ޖިމްތަކުގައި ހަމައެކަނި ކުރާ ކަސްރަތުތައް ކުރުމަށް ހަމަޖެއްސުމާއި ޑޭ ކެއާގެ ހިދުމަތް ދޭ ތަންތަނުން ދެމުން ގެންދާ ހިދުމަތް ދިނުން ވަކި ގޮތެއް އަންގަންދެން ހުއްޓާލަންވެސް އަންގާފައިވެއެވެ.