ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފަރުވާ ދޭނެ މީހުން "ޗޫސް" ކުރަން ޖެހިދާނެ

Mar 5, 2021
24

ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން ދާއިރު އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އިތުރުވަމުންދާނަމަ ފަރުވާއަށް އެޑްމިޓް ކުރަން ޖެހޭ މީހުން "ޗޫސް" ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އަނެއްކާވެސް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ދީފި އެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ހެލްތް ޕްރޮމޯޝަން ކޯޑިނޭޓަރު ޑރ. ފާތިމަތު މުފްލިހާ ކޮވިޑް-19 ގެ ހާލަތު އަަލުން ގޯސްވެފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި އިތުރަށް ހިފެހެއްޓުން ވަރަށް މުހިންމު ކަމަށެވެ. ހާއްސަކޮށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަން ޖެހޭ ވެކްސިން ޖެހުން މުހިންމު ކަމަށް ވިދާޅުވިއެވެ.

މުފްލިހާ ވިދާޅުވީ ކޮވިޑް ނަންބަރު މަތިވެ އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވުމުން ވަރަށް އުނދަގޫ ހާލަތަކަށް ރާއްޖެ ހިނގައިދާނެ ކަމަށެވެ. އަދި ވިސްނާނުލައިފިނަމަ ދެކެން ބޭނުންނުވާ ދުވަސްތަކާއި ބައްދަލު ވެދާނެ ކަމަށް ވިދާޅުވިއެވެ.

"ނަންބަރުތައް މަތިވެގެންދާ ކަމަށްވަންޏާ ވަކި ހިސާބަކުން ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ދޭންޖެހޭ އެންމެ ފުރިހަމަ ސިއްހީ ހިދުމަތް ދޭން ބޭނުންވި ކަމުގައިވިޔަސް އަޅުގަނޑުމެންނަށް 'ޗޫސް' ކުރަން މެދުވެރިވާ ކަހަލަ ހާލަތެއްވެސް އައިސްދާނެ،"

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން މާސް އެވެއާނެސް މޫވްމަންޓެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް މުފްލިހާ ވިދާޅުވިއެވެ. އަހަރު ދުވަސްވީއިރު ކޭސްތައް މަދުނުވެ ހުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާ ރައްޔިތުން ހޭލުންތެރިން ކަމަށް މެޑިކަލް އެސޯސިއޭޝަނުން އިތުރު މަސައްކަތްތައް ކުރާނެ ކަމަަށްވެސް ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު މި ފަހުން ޕޮޒިޓިވްވާ މީހުންގެ ތެރެއިން މާބޮޑު އަލާމަތްތަަކެއް ނުފެނި ހާލު ދެރަވާ މީހުންގެ އަދަދު ގިނަވަމުންދާ ކަމަށް އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑޮކްޓަރު އަދި ޓެގް ޓީމުގެ މެންބަރު ޑރ. މޫސާ މުރާދު ވަނީ ވިދާޅުވެފައެވެ.

މުރާދު ވިދާޅުވީ މި ފަހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭންޖެހޭ މީހުންގެ އުމުރު ތަންކޮޅެއް ޅަ ކަމަށެވެ. ހާއްސަކޮށް މެދު އުމުރުގެ މީހުން އެޑްމިޓްކޮށް ފަަރުވާ ދޭންޖެހޭ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރެވެ. މުރާދު ވިދާޅުވީ މާބޮޑެތި އަލާމަތްތައް ފެންނަން ނެތް ނަމަވެސް ހާލު ދެރަވާ މީހުން ވެސް ގިނަވަމުންދާ ކަމަަށެވެ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ކުރިއަރާ އަޅާބަލާއިރު މިހާރު ތަފާތު ކަމަކަށް އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވެނީ މިހާރު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ހޮސްޕިޓަލްތަކުގައި ނުވަތަ ސެންޓަރުތަކުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އުމުރުފުރާ ތަންކޮޅެއް ޅަ ކަމަށް. ހާއްސަކޮށް މެދު އުމުރުގެ މީހުން ތަންކޮޅެއް ގިނައިން އެޑްމިޓް ކޮށްގެން އެބަ ފަރުވާދޭން ޖެހޭ. އަދި ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެންނަށް އެބަ ފާހަގަ ކުރެވޭ މާބޮޑެތި އަލާމަތްތައް ފެންނަން ނެތް ނަމަވެސް ހާލު ދެރަވާ މީހުން ވެސް ވަރަށް ގިނައިން އެބަ ފާހަގަ ކުރެވޭ. މިއީ ހަގީގަތުގައި ވަރަށް ކަންބޮޑުވާ ކަމެއް ސިއްހީ އެހީތެރިންގެ ނަޒަރުން ވިސްނާއިރު،" މުރާދު ވިދާޅުވި އެވެ.