ސާވިސް ޗާޖް

ވެލާއިން މިދިޔަ މަހު ސާވިސް ޗާޖަށް 3،055 ޑޮލަރު

Mar 5, 2021

ވެލާ ޕްރައިވެޓް އައިލެންޑުން މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި 3،055 ޑޮލަރު (ގާތްގަނޑަކަށް 47،108ރ.) ދީފި އެވެ.

ރާއްޖޭގެ ގިނަ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ދޭ އަދަދު އާއްމުކުރާ ރިސޯޓް ވޯކާސް ޕޭޖުގައިވާ ގޮތުން ވެލާއިން 3،055 ޑޮލަރު ދިންއިރު، ޖެނުއަރީ މަހު ސާވިސް ޗާޖަށް ދީފައިވަނީ 4079.10 ޑޮލަރެވެ.

ވެލާއިން ސާވިސް ޗާޖުގެ ގޮތުގައި ދޭ އަހަރު މަތިވާ މައިގަނޑު އެއް ސަބަބަކީ އެ ރިސޯޓަކީ ރާއްޖޭގެ އެހެން ގިނަ ރިސޯޓުތަކާ ބަލާއިރު މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު މަދުވެފައި، މި ރިސޯޓަކީ ރާއްޖޭގެ އެންމެ ބޮޑު އަގުގައި ހިދުމަތްދޭ ރިސޯޓަށް ވުމެވެ.

ރާއްޖޭގެ މަޝްހޫރު ގިނަ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ދޭ އަދަދު އާއްމު ކޮށްފައިވާއިރު، ދެން އެންމެ މަތިން ސާވިސް ޗާޖެއް ދިން ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ފޯސީޒަން ރިސޯޓުން ދީފައި ވަނީ 1،531 ޑޮލަރު (ގާތްގަނޑަކަށް 23.608ރ.) އެވެ. ދެން ގިނަ ރިސޯޓުތަކުގެ ސާވިސް ޗާޖު ހިމެނެނީ 1،200 ޑޮލަރާއި 300 ޑޮލަރާ ދެމެދުގަ އެވެ.

ސާވިސް ޗާޖު ނަގައި އެ ބެހުމަކީ މިހާރު ގާނޫނީ ގޮތުން ލާޒިމް ވެސް ކަމަކެވެ. ސާވިސް ޗާޖުގެ ގޮތުގައި ނަގަނީ 10 ޕަސެންޓެވެ. ރާއްޖޭގައި 140 އެއްހާ ރިސޯޓު ހިންގަމުންދާއިރު ސާވިސް ޗާޖުގެ މައުލޫމާތަކީ ސަރުކާރުން ރަސްމީކޮށް އާއްމު ކުރާ ހިސާބުތަކެއް ނޫނެވެ.