ވައިގެ ހާދިސާތައް

ތުރުކީ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި 11 މަރު

ތުރުކީ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި ސިފައިންގެ 11 މީހަކު މަރުވެއްޖެ އެވެ. އޭގެ ތެރޭގައި ވަރަށް ސީނިއާ އޮފިޝަލަކު ވެސް ހިމެނި ވަޑައިގަންނަވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ޑިފެންސް މިނިސްޓްރީން ބުނީ ހެލިކޮޕްޓަރު ވެއްޓެން ދިމާވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ކުރިން ރިޕޯޓްކުރި ގޮތުން މަރުވީ ނުވަ ސިފައިންނެވެ. އެހެން ނަމަވެސް ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް މަރުވި އަދަދާއެކު ޖުމުލަ މަރު ވަނީ އިތުރުވެފަ އެވެ.

މަންޒަރު ދުށް މީހަކު ބުނީ ހެލިކޮޕްޓަރު ވެއްޓުނު ތަނަށް ދިއައިރު ސިފައިން ތިބީ ސްނޯތަކުގެ ތެރޭގައި ވަޅުލެވިފައި ކަމަށެވެ. އަދި ބައެއް މީހުންގެ އަނގައިގެ ތެރެއިން ސްނޯތައް ނެރެ ނޭވާލާން އެހީތެރިވެދިން ކަމަށެވެ. އޭނާ ބުނީ ގިނަ މީހުން މަރުވާނެ ކަމަށް ބެލެވެނީ ނޭވާނުލެވި ހާސް ވެގެން ކަމަށެވެ.

"އަހަންނަކަށް ފުތަމަތަ ނޭނގުނު ހެލިކޮޕްޓަރު ވެއްޓުނު ކަމެއް،" ދާވޫދު ބިކެކް ބުންޏެވެ. އޭނާ ބުނީ ދުންފުނިވެފައި އޮތް ސަރަހައްދަށް ރަނގަޅަށް ބަލާލެވުނީ ހެލިކޮޕްޓަރެއް ވެއްޓިއްޖެ ކަމަށް ދަރިފުޅު ބުނުމުން ކަމަށެވެ.

"ވަޅުލެވިފައި އޮތް މީހަކު ދަމާނެރެ އެހިން ރަނގަޅުހޭ،" ދާވޫދު ބުންޏެވެ. "އޭނާ ބުނީ ރަނގަޅޭ. ދާވޫދު ބުނީ އޭނާއަށް އެތަނުން ތެދުވެވޭވަރު ކޮށްދެވުނު ކަމަށެވެ.

ޑިފެންސް މިނިސްޓަރާއި އިސް އޮފިޝަނުން ވެސް ހެލިކޮޕްޓަރު ވެއްޓުނު ތަަނަށް ވަޑައިގެންނެވި ކަމަށް ތުރުކީ މީޑިއާ މައުލޫމާތު ދެ އެވެ.

އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ޓްވީޓްކުރައްވައި ހިތާމާގައި ބައިވެރިވެވަޑައިގަންނަވަނީ

ތުރުކީ މީޑިއާ ބުނާ ގޮތުން ރައީސް އުރުދުޣާން އޮފިސަރުންގެ އާއިލާތަކަށް ގުޅުއްވައި ހިތްވަރުދެއްވި އެވެ. އަދި އޮފިސަރުންނަށް ތައުރީފްކުރައްވައި ވަކިވެދިޔައީ ތުރުކީއަށް ބޭނުންތެރި އަދި މުހިންމު ބަތަލުންތަކެއް ކަމަށް ވިދާޅުވި އެވެ. އުރުދުޣަން ވިދާޅުވީ ސަރުކާރުން އާއިލާތައް ދޫކޮށްނުލައްވާނެ ކަމަށާއި އެހީތެރިވެދެއްވާނެ ކަމަށެވެ.

މިހާދިސާގައި މަރުވި ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ ވަރަށް ގިނަ އިސްވެރިން ގުޅުއްވައި ހިތާމާގައި ބައިވެރިވި ކަމަށް ތުރުކީ މީޑީއާތަކުން ބުނެ އެވެ. އޭގެ ތެރޭގައި ނައިބުރައީސް، ކޮމިއުނިކޭޝަން ޑައިރެކްޓަރު އަދި ސިޔާސީ ބޭފުޅުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ބޭރު ގައުމުތަކުން އަދި ޑިޕްލޮމެޓުން ވެސް ވަނީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ އެކުގައި ތިއްބެވިކަން ހަނދާންކޮށްދެއްވާފަ އެވެ.