ބޯ އަޅާ ބާލީހަކީ ގިނަ މީހުން އެތައް ޒަމާނެއް ވަންދެން ގެންގުޅޭ އެއްޗެކެވެ. ރީތި އުރައެއް ލާފައި ބޭއްވުމުން ބާލީސް ރީތިވީ ކަމަށް ގަބޫލު ކުރެވޭތީ އެވެ. ނަމަވެސް އަހަރެމެންގެ ގޭގައި ހުންނަ ހަމަ ކޮންމެ އެއްޗެއް ފަދައިން ބާލީހަކީ ވެސް ސާފުކޮށް ބަލަހައްޓަން ޖެހޭ އެއްޗެކެވެ.
ސޯޝަލް މީޑިއާގައި ޑޮކްޓަރަކު ކޮށްފައިވާ ޕޯސްޓެއްގައި ބާލީހުގެ ހަގީގަތް ވަރަށް ރަނގަޅަށް އޮޅުން ފިލުވައި ދީފައި ވެއެވެ. އަދި ކޮންމެ ދެ އަހަރަކުން ބާލީސް ބަދަލުކުރަން ޖެހޭ ސަބަބު ވެސް އޭނާ ކިޔައި ދިނެވެ.
ޑރ. ކަރަން ރާޖް ބުނި ގޮތުގައި އިންސާނެއްގެ ހަށިގަނޑުން އެވްރެޖް ގޮތެއްގައި އަހަރަކު ހަތަރު ކިލޯގްރާމް ހަން ފައިބާނެ އެވެ. މީގެ ތެރެއިން ގިނަ ބައި ފައިބާފައި ހުންނާނީ ނިދާ އެނދުގެ ގޮދަޑިއަށާއި ބާލީހަށެވެ. މިގޮތަށް ފައިބާފައި ހުންނަ ހަމަކީ މައިކްރޮސްކޮޕިކް ޑަސްޓް މައިޓްސްގެ ކާނާ އެކެވެ.
"އެންމެ ޑަސްޓް މައިޓެއް ވެސް ކޮންމެ ދުވަހަކު 20 ފަހަރު ނަޖިސް ބޭރުކުރޭ. ވީމާ ބާލީހުގައި ދިރިއުޅޭ އޭގެ އެތައް ސަތޭކަ ޑަސްޓް މައިޓްސް އަކާ މި އަދަދު ގުނަ ކޮށްފިނަމަ ކޮންމެ ދުވަހަކު ބާލީސް ނަޖިސް ވަމުންދާނެ މިންވަރު ވިސްނާލާ. މިއީ އެލާޖީ މައްސަލަތައް މީހުންނަށް ދިމާވާނެ ސަބަބެއް،" ޑޮކްޓަރު އޮޅުން ފިލުވައިދިނެވެ.
ޑޮކްޓަރު ދެން އޮޅުންފިލުވައި ދިނީ ބާލީހުގައި ޖެހިފައި ހުންނަ ލައްލައްގަނޑެވެ. އެއީ އިސްތަށިގަނޑާއި ގައިން ހޭކޭ ތެލާއި ގައިން ހިއްލާ ދަލުން ޖެހޭ ލައްތަކެކެވެ. މިގޮތަށް ބާލީހުގައި ޖެހޭ ލައްގަނޑުގައި ވަރަށް ފަސޭހައިން މޯލްޑް އާއި ބެކްޓީރިއާއަށް އަށަގަނެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވީމާ ބާލީސް އަވީލާ ސާފުކޮށްގެން ވެސް އެންމެ ގިނައިން ވެސް ގެންގުޅެވޭނީ ދެ އަހަރެއްހާ ދުވަހު ކަމަށާއި އޭގެ ފަހުން ބާލީސް އެއްލާލައި އާ ބާލީސް ހޯދަން ޖެހޭނެކަމަށް ޑޮކްޓަރު އިރުޝާދު ދިނެވެ.