ރޮޖާ މޮންޓޭ އަކީ 37 އަހަރުގެ މީހެކެވެ. ބްރެޒީލްގެ މި މީހާ އަކީ ވިޓީލިގޯ ނުވަތަ ހުދުބަލި ޖެހިފައިވާ މީހެކެވެ. މިއީ އުމުރުން 23 އަހަރުއްސުރެ އޭނާއަށް ދިމާވެފައިވާ ހަމުގެ މައްސަލަ އެކެވެ. ގިނަ އަހަރު ތަކެއް ވަންދެން އޭނާ ދިރިއުޅުނީ ގައިގެ ހަމުން ހުދުވާ ތަންތަން ވަރަށް ވަރުގަދައަށް މޭކަޕް ކޮށްގެންނެވެ.
ނަމަވެސް މިހާރު އޭނާ އެއްގޮތަކަށް ވެސް އެތަންތަން ދުނިޔޭގެ މީހުންގެ ލޯތަކަށް ފޮރުވާކަށް މަސައްކަތެއް ނުކުރެ އެވެ. ހުރިހާ ދުވަހު ފޮރުވިގެން އުޅެފައި މިހާރު އޭނާ ދުނިޔެއާ ކުރިމަތިލާން ވަނީ ދަސްކޮށްފަ އެވެ. ރޮޖާ މޮންޓޭގެ ވާހަކަ އޭނާ ފަދައިން މި ބަލި ތަހައްމަލުކުރަމުންދާ އެތައް މިލިއަން ބަޔަކަށް އުންމީދަކަށް ވަނީ އެހެންވެ އެވެ.
ވިޓީލިގޯ އަކީ އާއިލީ ގޮތުން ވާރުތަވާ ބައްޔެއް ނަމަވެސް ރޮޖާގެ އާއިލާގެ އެއްވެސް މީހެއްގެ ކިބައިން މި ބަލީގެ އަލާމާތެއް ފެނިފައެއް ނެތެވެ. ނަމަވެސް އުމުރުން 23 ވަރަކަށް އަހަރު ވީތަނާ މަޑުމަޑުން ރޮޖާގެ ގައިގެ ހަންގަނޑުގެ އެކި ހިސާބު ހުދުވާން ފެށި އެވެ. އަދި މިކަމުގެ ސަބަބުން ޑިޕްރެޝަނަށް ގޮސް އޭނާއަށް ގިނަ ދުވަސްތަކަކު އެކަމުގައި ވެސް އުޅެން ޖެހުނެވެ. ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު އެތައް ބަޔެއްގެ ލޯ އޭނާއަށް އަމާޒުވާތީ ރޮޖާ ހަދާނެ ގޮތް ހުސްވި އެވެ.
ބައެއް މީހުން އޭނާއާ ދިމާލަށް ވަރަށް ދެރަވާ ކަހަލަ އެއްޗެހި ބުނެ ދެރަކޮށްލާ ގޮތަށް ކަންކަން ވެސް ކުރެ އެވެ. އެހެންވެ އަމިއްލަ ނަފްސު އެހެން މީހުންގެ ލޯތަކަށް ރައްކާތެރިކޮށްގެން އުޅުން ނޫން ގޮތެއް ނެތްކަމަށް ރޮޖާ އަށް ގަބޫލު ކުރެވުނެވެ.
ލޯގަނޑު ކައިރިއަށް ހުއްޓުމުން އެ ފެންނަ ސޫރައަކީ ޚުދް އޭނާއަށް ވެސް ގަޔާވެވޭ ސޫރައަކަށް ނުވުމުގެ ނަތީޖާއަކަށްވީ ވަރަށް ބޮޑަށް މޭކަޕްކޮށް އެ ހުދު ބައިތައް ފޮރުވަން ކުރި މަސައްކަތެވެ. ނަމަވެސް އެވަރަށް މޭކަޕްކޮށްގެން ހުންނައިރު އޭނާއަށް ވަރަށް ގިނަ ކަންކަން ނުކުރެވެ އެވެ. މިސާލަކަށް މޫދަށް ގޮސްލުމާއި ޖިމްއަށް ގޮސް ކަސްރަތުކުރުން ފަދަ ކަންކަމެވެ. ސަބަބަކީ ފެން ޖެހުމުން ނުވަތަ ދާ ހިތްލުމުން މޭކަޕް ފިލާތީ އެވެ.
މޮންޓޭގެ ހަޔާތަށް ބޮޑު ބަދަލެއް އައީ ޖިމް އިން ބައްދަލުވި އެކުވެރިންތަކެއްގެ ސަބަބުންނެވެ. އެމީހުންގެ ސަބަބުން އޭނާގެ ހަގީގީ ސިފަ ދުނިޔެއަށް ދައްކާލުމުގެ ހިތްވަރު ރޮޖާ އަށް ލިބުނެވެ. އެމީހުންގެ އެދުމުގެ މަތިން އޭނާގެ އަސްލު ހުންނަ ގޮތަށް ފޮޓޯ ނަގާފައި ސޯޝަލް މީޑިއާގައި ޝެއާ ކުރަން ފެށި އެވެ. އެ ފޮޓޯތަކަށް ލިބުނީ ވަރަށް ޕޮޒިޓިވް ފީޑްބެކް ތަކެކެވެ. އެހެންވެ އިތުރަށް އޭނާ މޭކަޕް ނުކުރަން ނިންމީ އެވެ.
"އަހަރެންނަށް އެހާ ބޮޑަށް މިކަމާ އުނދަގޫވަނީ މީހުން އަހަރެންނާ ކައިރިނުވާން މަސައްކަތް ކުރާތީ. ބަހަކަށް ރޭލަކަށް ފަދަ އެއްޗަކަށް އަހަރެން އަރާއިރަށް ވެސް އެހެން މީހުން އަހަންނާ ވީހާވެސް ދުރަން ދާން އުޅޭތަން ފެންނާތީ. އެމީހުންނަށް ހީވަނީ އަހަރެންގެ ގައިގައި ޖެހިއްޖިއްޔާ އެމީހުން ގަޔަށް ވެސް މި ބަލި އަރާނޭ. އެކަކު އަހަންނާ ދިމާލަށް ބުނި އަހަރެން ރަނގަޅުވާނޭ ޗަރުކޭސް ގްރޫޕެއްގައި މަސައްކަތްކުރަން. ސަބަބަކީ އަހަރެންގެ އަނގަ މަތި ހުދުވެފައި ހުރީމަ ކްލައުން އަކާ ވައްތަރުވީމަޔޯ ވެސް އެމީހާ ބުނި،" ރޮޖާގެ ތަޖުރިބާ ހިއްސާ ކުރަމުން ބުންޏެވެ.
ރޮޖާ ބުނި ގޮތުގައި އޭނާގެ ފޮޓޯތަކަށް ސޯޝަލް މީޑިއާގައި ލިބުނު ތަރުހީބަކީ އޭނާއަށް އަމިއްލަ ނަފްސަށް އިތުބާރު ލިބެން މެދުވެރިވީ ސަބަބެވެ. މިހާރު އޭނާ ބޭނުންވަނީ އޭނާ ކަހަލަ އެތައް ބަޔަކަށް ނަމޫނާ މީހަކަށް ވާށެވެ. ސޯޝަލް މީޑިއާގައި ފޮޓޯ ޝެއާ ކުރަނީ އެހެންވެ އެވެ. އެފަދަ އެހެން މީހުން ވެސް އޭނާ ފަދައިން އާދައިގެ ދިރިއުޅުމެއް އުޅުމަށް އެދޭތީ އެވެ. އަދި މުޖުތަމައުގެ ބައެއް މީހުންގެ ފަރާތުން އެފަދަ މީހުންނަށް ކުރިމަތިވާ މައްސަލަތައް ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައި ވާތީ އެވެ.
ވިޓިލިގޯ އަކީ އާއިލީ ގޮތުން ވާރުތާ ބައްޔެކެވެ. އެމީހަކު ދިރިއުޅޭ މާހައުލެއްގެ ކަންކަންހުރި ގޮތަކުން މި ބަލި ޖައްސާ ޖީން ހުންނަ ބައެއް މީހުންނަށް ބަލި ޖެހެނީ އެވެ. ނަމަވެސް މިއީ އެއްގޮތަކަށް ވެސް އެކަކު ގައިން އަނެކަ ގަޔަށް އަރާ ބައްޔެއް ނޫނެވެ.