ޓީވީ ސީރީޒް "ކަރިޝްމާ ކާ ކަރިޝްމާ"ގައި ރޮބަޓެއްގެ ރޯލު ކުޅުނު ކުޑަ އަންހެންކުއްޖާ ވަރަށް ގިނަ މީހުން ދަންނާނެ އެވެ. ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި މި ސީރީޒް ފިޔަވައި ބައެއް ފިލްމުތަކުގައި ވެސް ޖަނަކް ޝުކްލާ ވަނީ މަސައްކަތް ކޮށްފަ އެވެ. ޝާހްރުކް ޚާނާއެކު "ކަލް ހޯ ނަ ހޯ'ގައި ވެސް ޖަނަކް ވަރަށް މުހިއްމު ރޯލެއް ކުޅުނެވެ.
މި ކުޑަ ކުޑަ އަންހެންކުއްޖާ މިހާރު ބޮޑުވެއްޖެ އެވެ. އޭނާ ކުޑައިރު ކުޅުނު ރޯލުތައް ބެލި އެންމެން ވެސް ހީކުރާނީ ބޮޑުވެގެން ޖަނަކް ވަރަށް ގިނަ ފިލްމުތައް ކުޅޭނެ ކަމަށެވެ. ނަމަވެސް އެކަން ދިމާވެފައިވަނީ ދިމާ އިދިކޮޅަށެވެ. އުމުރުން މިހާޜު 25 އަހަރު ވެފައިވާ ޖަނަކް އަކީ މިހާރު އާކިއޮލޮޖިސްޓެކެވެ. އަދި މުނިފޫހިފލުވުމުގެ ދާއިރާއަށް ނުވަތަ އެކްޓިން އަށް އެނބުރި އައުމުގެ އެއްވެސް ވިސްނުމެއް ޖަނަކުގެ ނެތެވެ.
ޖަނަކް ބުނި ގޮތުގައި މިހާރު އޭނާ އުޅެމުންދަނީ ވަރަށް އަމާން އޮމާން ދިރިއުޅުމެކެވެ. ވީމާ އެ ދިރިއުޅުން ދޫކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ.
"ތެދު ތެދަށް ބުނާނަމަ ބުނެވޭނީ އަހަރެން އުމުރުން އަށް އަހަރުގައި އިންޑަސްޓްރީ ދޫކޮށްލައިފީމޭ. އަހަރެންގެ އެންމެ ފަހު ޝޯ އަކީ 'ކަރިޝްމާ ކާ ކަރިޝްމާ'. އެ ދުވަސްވަރު އަހަރެން އެކްޓްކުރުމަށް އާދަވެފައި ހުރި ވަރުން ހިތަށް އަރާ އަބަދުވެސް އެކްޓަރެއްގެ ގޮތުގައި އުޅޭނީ،" ޖަނަކް ބުންޏެވެ.
ޖަނަކް ބުނި ގޮތުގައި އޭނާ އަބަދުވެސް ވަރަށް ކިޔަވާހިތް ވެއެވެ. ޚާއްސަކޮށް ހިސްޓްރީ މާއްދާ އެވެ. އެހެންވެ އޭނާ މަތީ ތައުލީމު ހާސިލުކުރީ އާކިއޮލޮޖީގެ ރޮނގުންނެވެ.
"އަހަރެން އެކްޓްކުރާ ހިތްވޭ. ނަމަވެސް ޕްރޮފެޝަން އެއްގެ ގޮތުގައި އެކްޓިން ޚިޔާރުކުރުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ނުގެންގުޅެން،" ޖަނަކް ބުންޏެވެ.
ޖަނަކް ބުނީ ވަގުތު އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި އޭނާ ބޭނުންވަނީ ނިއު ޒިލެންޑް ފަދަ ގައުމަކަށް ގޮސް އާކިއޮލޮޖީގެ ރޮނގުން މަސައްކަތް ކުރެވޭ ކަހަލަ ވަޒީފާއެއް ހޯދައިގެން އެ ތަނެއްގައި ދިރިއުޅޭށެވެ.
އެކްޓްކުރުން ހުއްޓާލާފައި ހުއްޓަސް ވަރަށް މޮޅު ރޯލެއް ކުޅެން ލިބިއްޖިއްޔާ ގަބޫލުކޮށްފާނެ ކަމަށް ވެސް ޖަނަކް ބުންޏެވެ.