ޓޫރިސްޓް އެރައިވަލް

މި އަހަރު 200،000 އަށްވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 200،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 200،871 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެއެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 341،689 މީހުންނާ އަޅާ ބަލާއިރު 41.2 ޕަސެންޓް ދަށްވުމެކެވެ.

މި މަހުގެ މިހާތަނަށް ވަކިން ބަލާނަމަ ރާއްޖެއަށް އައިސްފައިވަނީ 11،886 ޓޫރިސްޓުންނެވެ. މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް 92،103 ޓޫރިސްޓުން އައިސްފައިވެ އެވެ. ފެބްރުއަރީގައި ރާއްޖެ އައިސްފައި ވަނީ 96،882 ޓޫރިސްޓުންނެވެ.

މިމަހުގެ މިހާތަނަށް އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް ރާއްޖެ އައި ޓޫރިސްޓުން އުޅެނީ 3،188 ގަ އެވެ. އަދި ޖެނުއަރީ މަހު މި އަދަދު އުޅުނީ 3،460 ގަ އެވެ. ފެބްރުއަރީގައި އެ އަދަދު ހުރީ 2،972 ގައެވެ.

ރާއްޖޭގައި މި ޖަނަވަރީގައި ޓޫރިސްޓުން އެވްރެޖު ގޮތެއްގައި 9.2 ދުވަހު މަޑުކޮށްފައިވެ އެވެ. ފެބްރުއަރީގައި 8.8 ދުވަހެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ އިންޑިއާއިންނެވެ. ހަތަރު އެއާލައިންއަކުން ރާއްޖެއަށް ޑައިރެކްޓް ފްލައިޓް ބާއްވާ އިންޑިއާއިން 46،541 މީހުން އައިސްފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން އައިސްފައިވާ ރަޝިޔާއިން 42،417 ޓޫރިސްޓުން އައިސްފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރީ މާޗް 15 އިގަ އެވެ. އަދި އަލުން ހުޅުވާފައި ވަނީ ޖުލައި 15 ގަ އެވެ. ހުޅުވުމާއެކު މިދިޔަ އަހަރު ނިމުނުއިރު 555،494 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު ފުރަތަމަ ކުރި 800،000 ޓޫރިސްޓުންގެ އަންދާޒާއާ އަޅާ ބަލާއިރު ދަށްވުމެކެވެ.

ސަރުކާރުން ބުނެފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.