ވާހަކަ

ޝިކާރަ

(ހަވަނަ ބައި)

"ގަސްތުގަ ކުރާ ކަންތަކަށް އެކްސިޑެންޓޭ ވެސް ކިޔައި އުޅޭތަ؟" ހައިލަމް ފުން ނަޒަރަކުން ބަލައިލީ ސީދާ އަލޫކަށެވެ.

"ގަސްތުގަ؟" ނައީމު މޫނު މަތިން ދެތިން ރޫ އަރުވާލަމުން ބުނެލިއެވެ.

"އާނ! ބައެއް މީހުންނަކީ ސީދާ ގަސްތުގައި ބޮޑެތި ޖަރީމާތައް ހިންގައިފަ މާ ނޫން ކަމަށް ހެދިގެން އުޅޭ މީހުން. އެކަހަލަ މީހުން އުޅޭނީ ތެދު އަލިފުންނަށް ހެދިގެން. މާ ސާލިހުންނަށް ވެގެން." ދެ މާނައެކުލެވޭ ގޮތަށް ހައިލަމް ވާހަކަ ބައްޓަން ކުރިއެވެ.

އަލޫކު ހިންދިރުވާލިއެވެ. އެ ދައްކަނީ ކޮން ވާހަކައެއްކަން އޭނާއަށް އެނގޭތީއެވެ. ކިތަންމެ ފުންކޮށް ވާހަކަ ބައްޓަން ކުރިނަމަވެސް އެއީ ކޮން ކަމެއްކަން ވެސް އޭނާއަށް އެނގޭތީއެވެ.

"ތަންކޮޅެއް ސާފުކޮށް ބުނަންވީނު؟"

ހައިލަމް ކޮށަމުންދިޔަ މަގު ސާފުކޮށްދީ ދާންވީ މިސްރާބު ދައްކުވައިދިނީ ނައީމެވެ. ނައީމުގެ މޫނު މަތީގެ ކުލަވަރުން އެކަން ސާފުކޮށް އެނގެއެވެ. ނައީމު ބަލައިލީ ސީދާ އަލޫކަށެވެ. އަލޫކު ހުރީ އިސްޖަހައިލައިގެންނެވެ. ދެމީހުން ދައްކަމުން ދިޔަ ވާހަކަތައް ނޭނގޭ ކަމަށް ހެދިގެންނެވެ.

"ބަލައިބަލަ އެ ސޮރު އެ ގަންނަ ގަނޑެއް." ނައީމު ނިތުން އިޝާރާތްކުރީ ސިޔާދާއި ރަހީމާ އަށެވެ.

މޭޒުމަތީގައި ހުރި ތަށްޓަށް ފެން އަޅައިދޭން އުޅެނިކޮށް ސިޔާދުގެ އަތުގައި ޖެހި ފެންތަށި ބަންޑުންވެގެން އެކަމާ ރަހީމާ ހިތްހަމަ ނުޖެހިފައި އިނެވެ. ރަހީމާ އިނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ސިޔާދާ ވެސް ބަލަހައްޓައިގެން ހުއްޓެވެ. ދެ ފަހަރުން އެއްފަހަރު ރަހީމާގެ ނިތްމައްޗަށް ވެއްޓޭ އޭނާގެ ރަސްމީ އިސްތަށި ކޮޅު ނަގައި ކަންފަތުގައި އަޅުވާލައެވެ. އެއީ ފެޝަނަކަށް ހަދައިގެން އޭނާ ކުރާ ކަމެކެވެ. ކުރުކޮށް ކޮށައިލެވިފައިވާ އިސްތަށި ގަނޑަކީ އޭނާގެ ސިފަ ބަދަލުކޮށްލަދޭ ހަތިޔާރެކެވެ.

"ކިހިނެއް ވެގެން އެ އުޅެނީ؟" ހައިލަމް އަހައިލިއެވެ.

"ހީވަނީ ރުޅިއައީހެން." ނައީމު ބުނެލިއެވެ.

"ދަނީތަ އެ؟ އޭރުން މުޅި އެތި ގޮވީނު." ހައިލަމަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

ނައީމުގެ ދެ ލޯ ބޮޑުކޮށްލިއެވެ. އޭނާ ނިތުން އިޝާރާތްތަކެއް ކޮށްލިއެވެ. މޫނު މަތިން ނޫންކަމަށް ބުނެލިއެވެ. ނަމަވެސް ހައިލަމަށް ބުނެގެން ނުވާނެ ވާހަކައެއް ބުނެވުނީއެވެ. އަލޫކު ގާތަށް ހިނިއައެވެ. އޭނާ ކޮންޓްރޯލް ކޮށްލައިގެން ހުއްޓާ އެކަން ތުންފަތުން ފާޅުވިއެވެ. ނައީމު ފުން ނޭވާއެއް ދޫކޮށްލަމުން ދަތްކުނޑި ވިކައިގަތެވެ. އެންމެފަހުން އޭނާ ބަލައިލީ ސީދާ ހައިލަމްގެ މޫނަށެވެ.

ނައީމު ފުފެމުން ދިޔަ މަންޒަރު ހައިލަމަށް ފެނުނެވެ. އެކަން އަލޫކަށް ވެސް އިހުސާސް ކުރެވުނެވެ. އެންމެފަހުން، ނައީމު ގޮނޑިން ތެދުވިއެވެ. ފުން ނަޒަރަކުން އޭނާ ބަލައިލީ ސީދާ އަލޫކަށެވެ. އަލޫކުގެ މޫނަށެވެ. އޭނާ ދަތްކުނޑި ވިކައިލަމުން ތުންފަތަށް ބާރުކޮށްލިއެވެ. ނައީމު ހިތައިހިތުން ބުނާކަހަލައެވެ.

"ކަލޭއަށް ތިޔަހެން ސަލާމަތުން ނުހުރެވޭނެ. ދާދި އަވަހަށް ކަލޭ ކުޑަކަކޫ މައްޗަށް ތިރިކޮށްލެވޭނެ. މިއަދު އަހަރެން ފެއިލްވިޔަސް މާދަމާ ކަލޭ ފެއިލް ކޮށްލާނަން. ވަގުންގެ ފޮށި ބާރަށް ބަނދެވުނީ އެ ޒަމާނުގައި ގާނޫނުތަކާއި ގަވާއިދުތައް ނެތީމަ. އަހަންނަކީ މީހަކަށް ނުވީތީ. އެކަމަކު މިއަދު އަހަރެންގެ މުށުގެ ތެރޭގައި އެ ހުރިހާ އެއްޗެއް އެބަހުރި. އެކަން ހަނދާން ބަހައްޓާތި." އަލޫކު ހިތައިހިތުން ކިޔައިލީ ނައީމުގެ މޫނުމަތިން ކުރެހެމުން ދިޔަ އޭނާގެ އިހުސާސްތަކެވެ.

ނައީމު ކަޅި ޖަހައި ނުލައި އަލޫކަށް ބަލަމުން ދިޔައެވެ. އޭނާ ބޭނުންވަނީ ޝައްކުގެ ބަރު ހަތިޔާރު ސީދާ އަލޫކުގެ ބޮލަށް ތިރިކޮށްލާށެވެ. އެ ހަތިޔާރުގެ ތޫނު މިޔަތަކުން އަލޫކު ކޮށައި ފޮތިފޮތިކޮށްލާށެވެ. ދެވަނަ ސިކުންތުގައި އަލޫކު ބަލައިލީ ހައިލަމްގެ މޫނަށެވެ. ދަތިގޮތަކަށް ހައިލަމް ހިންދިރުވާލިއެވެ. އޭނާ މަޑުމަޑުން އިސްޖަހައިލިއެވެ. ލަދުވެތިކަމާއެކު މާޔޫސްވެގެންނެވެ. ބުނެވުނު ލަފުޒުން މުޅި މިޝަން ނާކާމިޔާބުވެއްޖެ ކަމުގެ އިހުސާސްކުރަމުންނެވެ.

"ހައިލަމަށް އެނގެންވާނެ ދޯ މިއީ ކިހާ އުނދަގޫ މަރުހަލާއެއްކަން. ކިހާ ގިނަ ވަގުތެއް ހޭދަކޮށްގެން، ކިހާ ރަނގަޅަށް ޕްލޭންކޮށްގެން ފެށި ކަމެއްކަން." އޮފީހަށް ވަދެ ދޮރު ލައްޕާނުލެވެނީސް ނައީމުގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

ހައިލަމާއި ރަހީމާއާއި ސިޔާދާ ވެސް އޭނާގެ ފަހަތުން އެތެރެއަށް ވަނެވެ. ހައިލަމެކޭ އެއްގޮތަށް ސިޔާދާގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ މާޔޫސް ކަމުގެ އަސަރުތަކެވެ. ކަންބޮޑުވުމުގެ ކުލަތަކެވެ. ރީތިގޮތަކަށް އެ މީހުން ފަޟީހަތްވީތީ އެމީހުން ތިބީ ލަދުގަނެފައެވެ. އިސްޖެހިފައެވެ. ކުރާނެ ކަމެއް ބުނާނެ އެއްޗެއް ނޭނގިފައެވެ.
ނަމަވެސް ރަހީމާގެ މޫނުމަތިން އެކަމެއް ނުފެނެއެވެ. އޭނާ އުޅުނީ އޭނާގެ ރަސްމީ ދުނިޔޭގައެވެ. ރީތިވުމާއި ތުއި ދެއްކުމުގެ އާލަމެއްގައެވެ. އިރުއިރު ކޮޅާ ނިތްމައްޗަށް ވެއްޓޭ އިސްތަށި ކޮޅާ ކުޅަލައެވެ. ކަންފަތުގައި އަޅުވާލައެވެ. ކަންފަތުން ނައްޓައިލައެވެ. ދަބަހުން ލޯގަނޑު ނަގައި ތުންފަތަށް ބަލައިލައެވެ. ބައެއް ފަހަރު ފޯނު ނަގައި ފޮޓޯ ނަގައެވެ.

"ރަހީމާ." ނައީމު ހިތްހަމަ ނުޖެހިގެން ބާރުބާރަށް ބުނެލިއެވެ. "ކަލޭއަށް އަދިވެސް ހަމަ ބިމަށް ތިރި ނުވެވޭތަ؟"
ރަހީމާއަށް ސިހުން ލިބުނެވެ. އޭނާ ބިރުން ތުރުތުރު އަޅައިގަތެވެ. ނައީމުގެ އަޑު އިވިފައި އޭނާ ހާސްވާގޮތްވިއެވެ. ރަހީމާގެ އަސްލު ސިފައަށް އޭނާ ރުޖޫއަވިއެވެ.

"އަބަދާއި އަބަދު މި ކިޔައިދެނީ ފޮރިންސިކް މަސައްކަތްތަކާއި ފޮރިންސިކް ބޭނުންތަކަށް ބަސް މުހިއްމުވާ ވާހަކަ. ބުނެވޭ ބަހެއްގެ ސަބަބުން މުޅިއެތި ގޮވައިފާނޭ. ހަމަ އެގޮތަށް ތަހުގީގަށް ލިބޭ ކުޑަކުޑަ ލަފުޒެއްގެ ސަބަބުން ވެސް މުޅި ތަހުގީގު ނިންމާލެވޭ ވަރުވެދާނޭ." ނައީމުގެ ރަސްމީ ގޮނޑިއަށް ވެއްޓި ގަންނަމުން ނުރުހިފައި އިނދެ ވާހަކަދެއްކިއެވެ.

ތިން މީހުން ވެސް އިސް ޖަހައިލައިގެން ތިބީއެވެ. ނައީމުގެ މޭޒު ކުރިމަތީގައެވެ.

"އަހަރެން ގޮތެއް ނިންމައިފިން. މި ކޭސްގަ ކުރާން ޖެހޭ ހުރިހާ ކަމެއް ޕްލޭންކޮށް، ރާވާން ޖެހޭ ހުރިހާ ރޭވުންތަކެއް ރޭވުމަށް ހައިލަމް އިސްކުރުމަށް." ނައީމު ހަރުކަށި ރާގެއްގައި ބުނެލިއެވެ.

ހައިލަމަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އޭނާ ދެ ލޯ ބޮޑުވިއެވެ. އިސް އުފުލައިލެވުނެވެ. ބޭއިހުތިޔާރުގައި އޭނާ ބަލައިލީ ސީދާ ނައީމުގެ މޫނަށެވެ. ރަހީމާއާއި ސިޔާދާއަށް ވެސް ލިބުނީ ހައިރާން ކަމެވެ. ދެމީހުންނަށް ބަލައިލެވުނީ ހައިލަމްގެ މޫނަށެވެ.

"ނާކާމިޔާބަކީ ކާމިޔާބުގެ ފެށުން. އެކަން އަބަދުވެސް ހަނދާން ބަހައްޓާތި." ނައީމުގެ ރާގު ބަދަލުވިއެވެ.
"ސަރ އަޅުގަނޑު." ހައިލަމް އަޅައިގަންނަމުން ލަސްލަހުން ބުނެލިއެވެ.

"މީ ވަންވޭއެއް، އެކަން ހަނދާން ބަހައްޓާތި! މީ ހައިލަމްގެ ޓާސްކު. އަހަރެން ބޭނުންވަނީ އަވަސްއަވަސް ކޮށްލައިގެން މަސައްކަތް ނިންމުމެއް ނޫން. އަހަރެން ބޭނުންވަނީ ކުރާ ކޮންމެ ކަމެއް ރަނގަޅަށް، ކޮލެޓީ ހިފަހައްޓައިގެން ކުރަން. މި ކޭސް ސްޓަޑީކޮށް ލޫޕް ހޯލްސްތައް ހޯދައިގެން އެ ހޯލުތަކުން ބޮޑެތި ބާގަނޑުތައް ހަދައިގެން ފޮރުވިފައިވާ ފަލަ ޖަމަލުތަކާއި ގެރިބަކަރިތައް ނެރުމަކީ ހައިލަމްގެ ކަމެއް. އެކަން ކުރާން ބޭނުންވާ ހުރިހާ ރިސޯސްއެއް، ބޭނުންވާ ހުރިހާ އެހީތެރިކަމެއް މި ވުޒާރާއިން ލިބޭނެ. ހަނދާން ބަހައްޓާތި، މިއީ ވަރަށް ރިސްކީ ޓާސްކެއް. މީ ވަންވޭއެއް! ކާމިޔާބު ނުވެއްޖެ ނަމަ...؟" ނައީމު ހުއްޓައިލިއެވެ.

ހައިލަމް ބަލައިލީ ސީދާ ނައީމުގެ މޫނަށެވެ.

"ހައިލަމް ޖެހޭނީ ޖޮބަށް ބައި ކިޔަން،" ނައީމު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "ކާމިޔާބު ވެއްޖެ ނަމަ ޑިޕާޓުމަންޓް ހެޑްކަން."

"ބައްލަވާ!" ހައިލަމް ތުރުތުރު އަޅައިގަތެވެ.

"އެއްވެސް ބެއްލެވުމެއް ނޯންނާނެ. އެއްވެސް އެކްސްކިއުޒެއް ނޯންނާނެ." ނައީމު ހަރުކަށި ރާގެއްގައި ބުނެލިއެވެ.
ރަހީމާ އާއި ސިޔާދާގެ މޫނަށް ވަކިވަކިން ހައިލަމް ބަލައިލިއެވެ. އެމީހުންގެ މޫނުމަތިން ފެނުނީ މުޅީން ތަފާތު މަންޒަރެކެވެ. ދެމީހުން ވެސް ވާހަކަދެއްކީ ހިމޭން ބަހުރުވައިންނެވެ. ބުނެދިނީ އެއް ވާހަކައެކެވެ. ޗެލެންޖާ ކުރިމަތިލާށެވެ. ހައިލަމަށް މަސައްކަތް ކާމިޔާބުވާނެއެވެ. އެންމެ ފަހުން ހައިލަމް އެ ޒިންމާތައް ބޮލަށް މަހައިލައިގެން ބޭރަށް ނުކުތެވެ.

ގަޑިން ރޭގަނޑު އެގާރަ ޖަހަން އުޅެނީއެވެ. ހައިލަމް ދިޔައީ ސީދާ ހުޅުމާލޭ ސެންޓްރަލް ޕާކަށެވެ. މުޅި ތަނުގައިވަނީ ފަނޑު އަލިކަމަކުން ޖަރީކުރުވާފައެވެ. އެތަނުގެ ހިތްފަހި މާހައުލުގައި ހިނގަމުންދިޔަ ކަންކަމުގެ ތެރެއަށް ކަޅި އުކަމުން ގޮސް ހުސް ގޮނޑިއެއްގައި އިށީނދެލިއެވެ. ބޮލަށް ލުޔެއް ލިބޭތޯއެވެ. ވަރުބަލިވެފައިވާ އޭނާގެ ސިކުނޑިއަށް އަރާމެއް ލިއްބައިދޭން އޭނާ ބޭނުންވިއެވެ. އެހެންވެ ގޮނޑީތެ ތެރެއަށް ކުރުގެޅިގެން އޭނާ އޮތެވެ. ހިޔާލުތަކާއި ފިކުރުތައް މައްޗަށް ދޫކޮށްލައިގެންނެވެ. ގަތައިލެވިފައިވާ ދެ އަތުން ފުށްކިބައިގައި ހިފައްޓައިލައިގެންނެވެ. ދެ ލޯ މަރައިގެންނެވެ. އޭނާ ފުން ނޭވާތަކެއް ބޭރުކޮށްލިއެވެ. ލަސްލަހުން ދެ ތިން ފަހަރަކު އެކަން ތަކުރާރުކޮށްލިއެވެ.
ދޫންޏެއްގެ ހިމޭން މިޔުޒިކީ އަޑެއް ކަންފަތުގައި ޖެހުމާއެކު ހައިލަމް ދެ ލޯ ހުޅުވާލިއެވެ. އޭނާއަށް ބަލައިލެވުނީ މައްޗަށެވެ. ގޮފިތަކުގެ ތެރެއަށެވެ. ލަސްލަހުން އޭނާ ބަލަމުންދިޔައީ އަޑު އިވެމުން ދިޔަ ދިމާއަށެވެ. ގަސްތަކު ތެރެއިން އެއްވެސް އެއްޗެއް އޭނާއަކަށް ނުފެނެއެވެ. މަސްނޫއީ އަލިތަކުގެ ތެރެއިން އޭނާއަށް އާކަމެއް އިހުސާސެއް ނުވެއެވެ.

އެންމެފަހުން ފޯނު ނެގިއެވެ. ދޫނި ސޫފާސޫފީގެ އަޑަކީ އޭނާގެ ތަބީއަތުގެ ކާނާއެކެވެ. ހާސްކަމާއި ފިކުރުތައް މަރައިލުމަށް އޭނާ ބޭނުންކުރާ ބޭހެކެވެ. އެހެންވެ ފޯނު ނަގައި ޔޫޓިއުޕަށް ފީނައިގަތެވެ. ފެންނަމުން ދިޔަ މަންޒަރަށް ކަލި ހުއްޓައިލަން މަޖުބޫރުވީއެވެ.

ކުޑަކުޑަ ހުލި ކުޅަނދުރު ހަތައެއް ވަށައިގެން އުދުހެމުން ދިޔަ ދެތިން ކުޅަދުރު އެ ސޮރުމެންގެ ޅަ ދަރިންތައް ސަލާމަތް ކުރުމަށް ޓަކައި އުޅުނު ގޮތް ފެނިފައެވެ.

ކުޑަކުޑަ ދެ މުނިޔާ ވެގެން އެ ކުޅަނދުރު ހަތައަށް ހަމަލާ ދޭން އުޅޭ އިރަށް ކުޅަނދުރުތައް އެ ދެ މުނިޔާއަށް ހަމަލާދޭ ގޮތް ފެނިފައި ހައިލަމް ހައިރާންވިއެވެ. އޭނާ ކަޅި ޖަހައިނުލައި ބަލަން އޮތީ ސީދާ އެ ހަރަކާތްތަކަށެވެ. އެ މަންޒަރަށެވެ. އޭނާ ހިތައިހިތައި ކިޔައިލިއެވެ. މިއީ ކިހައި އަޖައިބުކުރުވަނި މަންޒަރެއް ހެއްޔެވެ؟ ކިހައި ތަފާތު އިހުސާސެއް ހެއްޔެވެ؟ އެންމެ ފަހުން ދެ މުނިޔާ ވަރުބަލިވެގެން ގަސް ދޫކޮށް ދިޔައީއެވެ. ކުޅަނދުރުތައް ހަތައަށް ތިރިކޮށްލިއެވެ. ހަތައި ވަށައިގެން ދެތިން ބުރު އަޅައިލަމުން ރަނގަޅަށް ބަލައިލިއެވެ.

ހައިލަމް ފުންކޮށް ވިސްނައިލީ ފެނުނު މަންޒަރާ މެދުގައެވެ. ކުޑަކުޑަ ދެ ސޫފި އެ ދައްކައިން ހިތްވަރަށެވެ. އެއިން އޭނާއަށް އެތައް ފިލާވަޅެއް ލިއްބައިދިނެވެ. އެތައް ވާހަކައެއް ބުނެދިނެވެ. ގެއްލެމުން މާޔޫސްވަމުން ދިޔަ އުއްމީދުތައް އާވެ އާލާކޮށްދިނެވެ.

ހައިލަމް ފޯނު ވައިބުރޭޓްވާން ފެށިއެވެ. އޭނާ ޖީބުން ފޯނު ނަގައި ބަލައިލިއެވެ. ސްކުރީނުގައި އޮތީ ނައީމުގެ ފޮޓޯއެކެވެ. ހައިލަމް ދެ ފިކުރެއްގައި އޮވެ ފޯނު ނެގިއެވެ.

"އިތުރު ކޭސްއެއް ރިޕޯޓްކޮށްގެން ވަރަށް އަވަހަށް އެއަށް އެޓެންޑްވާން ޖެހިއްޖެ." ނައީމު އެއް ނޭވާއިން އަމުނައިލިއެވެ.

ހައިލަމްގެ ދެ ލޯ ބޮޑުވިއެވެ. (ނުނިމޭ)