ލައިފްސްޓައިލް

ކައިވެނިތައް އޮޅުވާލި އަންހެނަކަށް ގުރުއަތުލާން ޖެހިއްޖެ

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ އަންހެނަކު ހަތަރު ފިރިހެނުންނަށް އޮޅުވާލައިގެން އެކި ފަހަރު މަތިން އެ އެންމެންނާ ކައިވެނި ކޮށްފި އެވެ. އަމްބޭދްކަރްނަގަރްގައި ދިރިއުޅޭ މި އަންހެންމީހާ މިގޮތަށް ކަންތައް ކުރިކަން ފަޅާއެރުމުން އެ އަވަށުގެ އިސް ވެރިންގެ ގޮތުގައި މަސައްކަތްކުރާ ކޮމިޓީ (ޕަންޗާޔަތުން) ވަނީ އަންހެންމީހާ ލައްވާ ގުރުނަގައިގެން ފިރިއަކު ހިޔާރު ކުރަން މަޖްބޫރު ކޮށްފަ އެވެ.

ކޮމިޓީން މިގޮތަށް ނިންމީ އަންހެންމީހާއަށް އޭނާ ކައިވެނިކުރި މީހުންގެ ތެރެއިން އެކަކު ހިޔާރުކުރަން ދަތިވެގެންނެވެ.
އަންހެންމީހާ އާ ކައިވެނިކުރި ހަތަރު ފިރިހެނުންނަކީ ވެސް ވަރަށް ޒުވާން މީހުނެވެ. އަދި އެމީހުން ނިސްބަތްވަނީ އާޒިމްނަގަރް އަށެވެ. އަންހެންމީހާ އަކީ ތަންޑާ ކިޔާ ސަރަހައްދެއްގައި އުޅޭ މީހެކެވެ.

ހަތަރު ކައިވެނި ވެސް އަންހެންމީހާ ކުރީ އެ ފަހަރަކު އެ ކައިވެނި ކުރަން އުޅޭ މީހަކާއެކު ގެއިން ފިލައިގެން މާ ދުރުތާކަށް ގޮހެވެ.

މިކަން ފަޅާ އެރީ ޒުވާން އަންހެންމީހާ ވީ ތަނެއް ނޭނގިގެން އޭނާގެ އާއިލާގެ މީހުން އޭނާ ހޯދަން އުޅުމުގެ ތެރޭގަ އެވެ. ހަތަރު ފަހަރެއްގެ މަތިން ގެއިން ފިލައިގެން ގޮސް ހަތަރު މީހުންނާ ކައިވެނިކުރިކަން އަންހެންމީހާގެ އާއިލާއަށް އެނގުނީ އޭނާ ގެއްލިގެން ހޯދި ހޯދުމުގެ ތެރޭގަ އެވެ.

މިކަން އެނގުމުން އަންހެންމީހާގެ އާއިލާއިން މި މައްސަލަ ފުލުހުންނަށް ހުށަހަޅަން އުޅުމުން އަވަށުގެ އިސް މީހުން ވަނީ އެކަން ހުއްޓުވާފަ އެވެ.

މި މައްސަލައިގައި ގޮތެއް ނިންމަން އަވަށުގެ ވެރިންނާއި އަންހެންމީހާގެ އާއިލާ ބައްދަލުވުމެއް ބޭއްވި އެވެ. މި ބައްދަލުވުމުގައި އަވަށުގެ ވެރިން އަންހެންމީހާގެ އާއިލާ ކައިރީ ބުނި ކަމަށް ވަނީ އޭނާ ފިލައިގެން ގޮސް ކައިވެނިކުރި ހަތަރު ޒުވާނުންގެ ތެރެއިން ކޮންމެވެސް އެކަކާ އަންހެންމީހާގެ ކައިވެނިކޮށްދިނުމަށެވެ.

އޭނާ ކައިވެނިކުރަން ބޭނުމީ ކާކާތޯ އަންހެންމީހާއާ ސުވާލުކުރުމުން އޭނާއަކަށް ހަތަރު މީހުންގެ ތެރެއިން އެކަކު ޚިޔާރެއް ނުކުރެވުނެވެ. އޭނާ އެންމެ ލޯބިވަނީ ކާކު ދެކެތޯ އެއް ނުނިންމުނެވެ. އެހެންވެ އަވަށުގެ ވެރިން ނިންމީ ގުރުއަތު ލައިގެން އަންހެންމީހާ ކައިވެނިކުރާނެ މީހަކު ޚިޔާޜު ކުރުމަށެވެ. މިގޮތާ އެންމެން ވެސް އެއްބަސްވި އެވެ.

އަންހެންމީހާއާ ކައިވެނިކުރި ހަތަރު ޒުވާނުންގެ ނަން ގަނޑުކޮޅެއްގައި ލިޔެ ބޯތައްޓަކަށް ލާފައި ތަޅުވާފައި އެތަނުން އެ ގަނޑުކޮޅު ނަގައި އެ ގަނޑުކޮޅުގައި ނަން އިން މީހާ އާ އަންހެންމީހާގެ ކައިވެނި ކޮށްދޭން މިހާރު ވަނީ ނިންމާފަ އެވެ.