ޕީޕީއެމް

ފޯމްތަކުގައި ފިންގަޕްރިންޓް ނުޖަހަން އުޅޭތީ ޕީޕީއެމްގެ ކަންބޮޑުވުން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބްގައި ވޯޓުލުމަށް ފުރާ ރީ ރެޖިސްޓްރޭޝަން ފޯމްގައި އިނގިލީގެ ނިޝާން ޖަހަން ނުޖެހޭ ގޮތަށް ހަދަން އިލެކްޝަން ކޮމިޝަން (އީސީ) ން ސުޕްރީމްކޯޓަށް ހުށަހަޅަން އުޅޭ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިހާބަށް ޕީޕީއެމްއިން ކަނޑައަޅާފައިވާ ތަރުޖަމާނު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ މީގެ ކުރިން ބޭއްވި ހުރިހާ އިންތިހާބެއްގައި ވެސް ރީ ރަޖިސްޓްރޭޝަން ފޯމްގައި އިނގިލީގެ ނިޝާން ޖެހި ކަމަށާއި ނަމަވެސް މިފަހަރު އެކަން ކުރަން ނުޖެހޭ ގޮތަށް ހަދަން އުޅެނީ ވަކި ބަޔަަކަށް މަންފާތަކެއް ހޯދައި ދިނުމުގެ ނިޔަތުގައި ކަމަށެވެ.

" އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މިކަމުގައިވެސް ކޮންމެވެސް ކަހަލަ ޖާއިޒް ނޫންނޫން ފައިދާތަކެއް މަންފާތަކެއް ވެރިކަން ކުރާ ޕާޓީއަށް ހޯދައިދިނުމުގެ މަގްސަދުގައި ކުރަމުންދާ ކަމެއް ކަަމަށް އިލެކްޝަންސް ކޮމިޝަނުން މިކަމަކީ" ޚަލީލް ވިދާޅުވި އެވެ.

ދެން އެންމެ ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ޚަލީލް ނެންގެވީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ފަދަ ތަންތަނުގައިވެސް ވޯޓު ފޮށި ތައް ބަހައްޓަން ނިންމުމެވެ. ޚަލީލްގެ ކަންބޮޑުވުމަކީ ބޭރުގެ ގިނަ ގައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓައި ގުރައިދޫ ފަދަ ކުދި ކުދި ތަންތަނުގައި ވޯޓު ފޮށި ބަހައްޓަން ނިންމުމެވެ. ވިދާޅުވީ ގުރައިދޫ މަރުކަޒު ފަދަ ތަންތަނުގައި މީގެ ކުރިން ވަރަށް މަދުން ނޫނީ ވޯޓު ފޮށި ބަހައްޓައިފައި ނުވާ ކަމަށެވެ. އޭނާ އެކަން ސިފަކުރެއްވީ އަޑި ނޭނގޭ ކަންތައްގަނޑެއްގެ ގޮތުގަ އެވެ.

" އިލެކްޝަން ކޮމިޝަނުން ފޮށި ބަހައްޓަން ބޭނުމިއްޔާ ރާއްޖެއިން ބޭރުގައި ރައްޔިތުން ދިރިއުޅޭ ތަންތަން ވަރަށް ގިނައިން އެބަހުރި. އެތަންތަނުގައި ބަހައްޓަން ވީ ނޫންތޯ ދިވެހ ރައްޔިތުންނަށް ވޯޓު ލުމުގެ ހައްގު ހޯދައިދިނުމަށްޓަކައި. އެއިން އެއްވެސް ކަމެއް ނުކޮށް މިފެންނަނީ އަޑި ނޭނގޭ މާނައެއް ނެތް މަދު މީސްކޮޅެއް ތިބި ތަންތަނުގައި ވޯޓު ފޮށިތައް ބަހައްޓަމުންދާ ތަން. " ޚަލީލް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބް ފަސްކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ޕީޕީއެމްއިން މީގެ ކުރިން އެތައް ފަހަރަކު ތުހުމަތުކޮށްފައި ވެއެވެ. ޚަލީލް މިއަދު ވިދާޅުވީ އިންތިހާބް ފަސްކުރަން އުޅެނީ އިންތިހާބް ކާމިޔާބު ނުވާނެކަން އެނގޭތީ ކަމަށެވެ. އަދި އިންތިހާބަށް ބޭނުންވާ ބަޖެޓު އީސީއަށް ނުލިބޭތީ އިންތިހާބު ކުރިންވެސް ތާވަލްކޮށްފައިވާ ތާރީހަށް ބޭއްވިދާނެކަަމާމެދު އޭނާ ސުވާލު އުފެެއްދެވި އެވެ.

" ސަރުކާރުން ވަރަށް ސާފުކޮށް ހާއްސަކޮށް އެމްޑީޕީން ވިދާޅުވެލައްވަން އެބަޖެހޭ ވަރަށް ސާފުކޮށް ދިވެހި ރައްޔިތުންނަށް ސަރުކާރުން މިއުޅެނީ އިންތިހާބް ބާއްވަންތޯ ނޫނިއްޔާ ބޮޑު ހިލުންގަނޑެއް ހިލަންތޯ؟" ޚަލީލް ވިދާޅުވި އެވެ،

އިދިކޮޅުން ސިލްސިލާކޮށް މުޒާހަރާތައް ކުރަމުންދާތީ ޕީޕީއެމްގެ އޮފީސް ހުންނަ ހިސާބުގައި ފުލުހުން ވަރަށް ގިނަ އަދަދަކަށް މިހާރު ދަނީ ހަރަކާތްތެރިވެސް ވަމުންނެވެ. އަދި އެ ސަރަަހައްދަށް ދެވެން އޮންނަ މަގުތައް ބަންދުކޮށްފައިވާތީ ރީ ރެޖިސްޓްރޭޝަން ފޯމްތައް ފުރުމުގައި ޕީޕީއެމްއަށް ނުކުޅެދިފައިވާކަން މިއަދު ޚަލީލް ފާހަގަކުރެއްވި އެވެ.