ޕާކިސްތާން ބޮޑުވަޒީރު އިމްރާން ހާނަށް ޕާލެމެންޓްގައި އިތުބާރު އޮތް ކަަމަށް ޕާލަމެންޓްގެ ދަށުގެ ނުވަތަ ނޭޝަނަލް އެސެމްބްލީއިން ފާސް ކޮށްފި އެވެ.
ނޭޝަނަލް އެސެމްބްލީގައި މާޗް 6 ގައި ނެގި ވޯޓުގައި އިމްރާނަށް 178 މެންބަރުން ވޯޓް ދެއްވި އެވެ. އެއީ ނޭޝަލަން އެސްމްބްލީގައި ހިމެނޭ 342 ގޮޑީގެ ތެރެއިންނެވެ. އިތުބާރު އޮތް ކަމަށް ފާސް ވަނީ ޖުމްލަ ގޮޑީގެ ދެބައިކުޅަ އެއްބަޔަށް ވުރެ އިތުރަށް އެއްވޯޓް ލިބިގެނެވެ. އިތުބާރު އޮތް ކަމަށް ހޯދަން ޖެހޭ އެންމެ ދަށް އަދަދަކީ 172 ވޯޓެވެ.
ބޮޑުވަޒީރަށް އިތުބާރު އޮތްތޯ ބަލަން ޕާލަމެންޓް ދަށުގޭގައި ނެގި ވޯޓަކީ އިމްރާން އަމިއްލަފުޅަށް އެދިވަޑައިގެން ނެގި ވޯޓެކެވެ. އެއީ ޕާލަމެންޓްގެ މަތިގެ ނުވަތަަ ސެނެޓަށް މެންބަރުން ހޮވުމަށް މާޗް 3 ގައި ނެގި ވޯޓުގައި އިސްލާމްއާބާދު ތަމްސީލްކުރާ ގޮނޑި ގެއްލިވަޑައިގަތުމުންނެވެ.
އިސްލާމްއާބާދު ގޮނޑި ދަމަހައްޓަވަނީ ބޮޑުވަޒީރުގެ ފައިނޭންސް މިނިސްޓަރު އަބްދުލް ހާފިޒް ޝެއިޚެވެ. މި ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓް ޔޫސުފް ރާޒާ ގިލާނީ އެވެ. ޔޫސުފް ރާޒާ ގިލާނީ އަކީ ޕާކިސްތާންގައި ކުރިން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. ގޮނޑި ގެއްލިވަޑައިގަތުމާ ގުޅިގެން އަބްދުލް ހާފިޒް ޝެއިޚަށް މަގާމު ގެއްލިވަޑައިގަންނަވާނެ އެވެ.
ބޮޑުވަޒީރު އިމްރާން ލީޑް ކުރައްވާ ޕާޓީ، ޕާކިސްތާން ތަހްރީކެ އިންސާފް (ޕީޓީއައި) އަށް ސެނެޓްގައި އިސްލާމްއާބާދު ގެއްލިވަޑައިގަތުމުން އިދިކޮޅު ޕާޓީތައް، ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އަދި އިދިކޮޅު ކޯލިޝަނުން ވަނީ ބޮޑުވަަޒީރަށް ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ބުނެ އިސްތިއުފާއަށް ގޮވާލާފަ އެވެ. އެހެން ނަމަވެސް، ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރޭޝީ އިދިކޮޅަށް ރައްދު ދެއްވައި ވިދާޅުވީ އިތުބާރު ނެތް ކަމަށް ޕާލަމެންޓުން ކަނޑައަޅަންދެން ބޮޑުވަޒީރު އޮފީހަށް ނިކުމެވަޑައިގަންނަވާނެ ކަމަށެވެ.
ޕާލަމެންޓް ދަށުގޭގައި ނެގި ވޯޓް އިއުލާން ކުރައްވަމުން ނޭޝަނަލް އެސެމްބްލީ ސްޕީކާ އަސަދު ގައިސަރު ވިދާޅުވީ ބޮޑުވަޒީރަށް 178 ވޯޓް ލިބިވަޑައިގެންފައިވާ ކަމަށެވެ. މިއީ އިމްރާން 2018 ގައި ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި އިރު ހޯއްދެވި 176 ވޯޓަށް ވުރެ ދެ ވޯޓް އިތުރު އަދަދެކެވެ.
ބޮޑުވަޒީރުގެ އިތުބާރު ކަށަވަރު ކުރުމަށް ނޭޝަނަލް އެސެމްބްލީގައި ނެގި ވޯޓްގައި އިދިކޮޅު ޕާޓީތަކުން ބައިވެރިނުވެ ވަނީ ބޮއިކޮޓްކޮށްފަ އެވެ. އެހެން ނަމަވެސް، އިމްރާންއަށް ލިބިވަޑައިގެންނެވި ކާމިޔާބާއެކު ބޮޑުވަޒީރު ކަމުގައި ހުންނެވުމަށް މިވަގުތަށް ބިރުފިލައި ދިޔައީ އެވެ.