މި ސަރުކާރުގައި ރާއްޖޭގެ އިގްތިސޯދު އޮތީ އެކޮޅުކޮޅުން ޖެހިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު އަދި ލޯކަލް ކައުންސިލް އިންތިހާބުގެ ޕީޕީއެމްގެ ކެމްޕެއިން މެނޭޖަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅު ވެއްޖެ އެވެ.
ޕީޕީއެމްގެ "މީ މަގޭ ރާއްޖެ" ކެމްޕޭން ރީ ލޯންޗް ކުރުމުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން މުއާޒު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ މުހިންމު އަސާސަކީ އިގްތިސޯދު ކޮޅަށް ޖެހުން ކަމަށެވެ. އެކަމަކު މިއަދު ރާއްޖޭގެ އިގްތިސޯދު ވަނީ އެކޮޅުކޮޅުން ޖެހިފައި ކަމަށެވެ.
ކައުންސިލް އިންތިހާބުގައި އެޕާޓީގެ ތަސައްވަރުތައް ކިޔައި ދެއްވަމުން މުއާޒް ވިދާޅުވީ އެންމެ މުހިންމު އަދި އެންމެ ފުރަތަމަ ތަސައްވަރަކީ އިސްލާމްދީން ހިމާޔަތް ކުރުން ކަމަށެވެ. ދެވަނަ ކަމަކަށް އަމާން ވެއްޓެއް ރައްޔިތުންނަށް ބިނާ ކުރުން ކަމަށާއި ދެން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭނީ ގައުމުގެ އިގްތިސޯދު ބިނާ ކުރުމަށް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިނިވަންކަން ލިބެން އޮތީ ފުދުންތެރި ރައްޔިތަކަށް ވެގެން ކަމަށާއި ގައުމު އަޅުވެތިކަމަކާއި ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށެވެ. މި ތަސައްވަރުތައް އެކުލަވާލައިފައި ވަނީ ރައީސް ޔާމީންގެ ވިސްނުންފުޅާއި އެކީ ކަމަށް ވެސް މުއާޒް ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ރޭގެ ޖަލްސާގައި، މި ސަރުކާރުން އިދިކޮޅަށް ކައުންސިލް އިންތިހާބުގައި އެތައް ފިއްތުންތަކެއް ކުރިމަތި ކުރުވާ ކަމަށާއި، ކެމްޕެއިން ކުރުމުގެ ފުރުސަތުތައް ހަނި ކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.