އައްޑޫ ސިޓީ

އައްޑޫއަށް ތިން އަސް ގެންގޮސްފި

Mar 7, 2021
1

އައްޑުއަށް ގެންދަން ނިންމި އަސްތައް އެ ސިޓީއަށް ގެންގޮސްފި އެވެ.

އައްޑޫއަށް އަސްތަކެއް ގެންދަން ނިންމާފައިވާ ކަމަށް ފުރަތަމަ ވިދާޅުވީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އައްޑޫއަށް އަސްތަކެއް ގެންދަން އެ އަތޮޅުގެ ޒުވާނުންތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

"އެ ކުދިން އެ މަޝްރޫއުއާ ގުޅޭ ވަރަށް ތަފްސީލީ މައުލޫމާތު އަޅުގަނޑާ ވަނީ ހިއްސާކޮށްފައި. އަޅުގަނޑަށް ފެނުނީ މިއީ ވަރަށް ޝައުގުވެރި ޕްރޮޖެކްޓެއްގެ ގޮތުގައި. އަޖުމަ ބެލުން ރަނގަޅު ކަމެއްގެ ގޮތުގައި،" ވަރަށް އަވަހަށް އަސް ދުއްވުމުގެ ހިދުމަތް އައްޑޫގެ ރައްޔިތުންނަށާއި އައްޑޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެން ދާނެ ކަމަށް ފާހަގަ ކުރައްވަމުން ނަޝީދު އޭރު ވިދާޅުވި އެވެ.

ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ރޭ ބުނީ އައްޑޫ ސިޓީއަށް ގެންދަން ނިންމި އަސްތައް ރޭ ގެންގޮސްފައިވާ ކަމަށެވެ. އެ ސިޓީއަށް ގެންގޮސްފައިވަނީ ތިން އަހެވެ. އެއީ ހުދު ކުލައިގެ އަހަކާއި ކަޅު ކުލައިގެ އަހެއްގެ އިތުރުން ހުދާއި ކަޅު ހިމެނޭ އަހެކެވެ. އެމްއެސްއެސް އިން ވަނީ އެ އަސްތައް ފެންނަ ކުރު ވީޑިއޯއެއްވެސް ޓްވީޓް ކޮށްފައެވެ.

އެމްއެސްއެސް އިން ބުނީ އައްޑޫއަށް އަސްތައް ގެންދިޔައީ އެ ކުންފުނީގެ ބޯޓެއް ކަމަށްވާ "އެމްވީބޮންތި 2" ގައި ކަމަށެވެ. އަދި އަސްތައް ރައްކާތެރިކަމާއެކު އައްޑޫއަށް ގެންދެވުނު ކަމަށެވެ.