ލައިފްސްޓައިލް

ކައިވެންޏެއް ކުރި އަންހެނަކު "ބިދާއީ" މަރު

އިންޑިޔާގެ ސަގާފަތުގައި އޮންނަ ގޮތުން ކައިވެންޏަށް ފަހު އަންހެންކުއްޖާ އޭނާގެ މައިންބަފައިންނާ މުޅިން ވަކިވެ ފިރިމީހާ އާއި އޭނާގެ އާއިލާއާއެކު ދިރިއުޅެން ދާން ޖެހެ އެވެ. "ބިދާއީ" އަކީ މައިންބަފައިންނާއި އަމިއްލަ އާއިލާއަށް އަލްވަދާއު ކިޔައި ފިރިމީހާގެ ގެއަށް ދިއުމަށް ހިންދީ ބަހުން ކިޔައި އުޅޭ ނަމެކެވެ.

ދާދިފަހުން އިންޑިޔާގެ އޮޑީޝާގައި އޮތް ކައިވެނީގެ ރަސްމިއްޔާތެއްގައި ވެސް މިގޮތަށް ކައިވެނިކުރި އަންހެންމީހާ ގޮވައިގެން އޭނާގެ ފިރިމީހާ އާއި އާއިލާގެ މީހުން ގެއަށް ދާން ނުކުތް ވަގުތު އެ އަންހެންމީހާ ރުއި ވަރުން ހާޓް އެޓޭކެއް ޖެހިގެން ވަގުތުން ވަނީ މަރުވެފަ އެވެ.

އެ ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވި މެހެމާނަކު އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ރޯޒީ ނަމަކަށް ކިޔާ އެ އަންހެންމީހާ ފިރިމީހާގެ ގެޔަށް ގެންދަން ނެރުނު ވަގުތު ވަރަށް ބާރަށް ރޯން ފަށައި އަނބުރައިގަނެގެން ވެއްޓުނީ ކަމަށެވެ.

މީގެ ދެ ތިން މަހެއް ކުރިން ރޯޒީގެ ބައްޕަ މަރުވީއްސުރެ އޭނާއަށް ވަނީ ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައި ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

"ރޯޒީ އަނބުރައިގަތުމުން އޭނާގެ މޫނުގައި ފެން އުނގުޅައި، މޫނުގައި ތަޅައި ރަނގަޅުވޭތޯ އާއިލާގެ މީހުން ވަރަށް މަސައްކަތް ކުރި. ނަމަވެސް އޭނާ ހޭ ނޭރުމުން ކައިރީގައި ހުރި ހޮސްޕިޓަލަށް ގެންދިޔައީ. ހޮސްޕިޓަލުގެ އިމަޖެންސީން ރޯޒީ ބެލި ޑޮކްޓަރުން ބުނީ ގެނައިއިރު ވެސް އޭނާ އޮތީ މަރުވެފައިޔޭ،" ޕާޓީއަށް ދިޔަ މީހާ ބުންޏެވެ.

ރޯޒީ މަރުވީ ހޮސްޕިޓަލަށް ގެންދަނިކޮށް ކަމެއް ނުވަތަ އޭނާ އަނބުރައިގަނެގެން ވެއްޓި އެ ވަގުތު މަރުވީ ކަމެއް ޔަގީނެއް ނޫނެވެ. އޭނާގެ މަރުގެ ސެޓްފިކެޓްގައި ލިޔެފައި އޮތީ ހިތް ހުއްޓިގެން މަރުވީ ކަމަށެވެ.

ރޯޒީ އަކީ ވަރަށް ޒުވާން އަދި ސިއްހަތު ރަނގަޅު މީހަކަށް ވާތީ އޭނާ ކުއްލިއަކަށް މަރުވުމުން އެ ހިސާބުގެ ފުލުހުން އެކަން ތަހުގީގު ކުރަން ވަނީ ފަށާފަ އެވެ. އަންހެންމީހާ ބެލި ޑޮކްޓަރުން ބުނެފައިވަނީ އޭނާގެ ހިތް ހުއްޓެން މެދުވެރިވީ ސަބަބަކީ މާ ބޮޑަށް ދެރަވެގެން ގިނަ ދުވަސްތަކަކު އުޅުމުގެ ސަބަބުން ހިތަށް އެކަށީގެންވާ ގޮތެއްގައި ލޭ ޕަމްޕް ނުވުމުން ކަމަށް ވެދާނެ ކަމަށެވެ.

މިހާރު ޕޯސްޓް މޯޓަމް ހަދަން ތައްޔާރުވަމުންދާއިރު މަރުގެ ހަގީގީ ސަބަބު އެނގޭނީ ޕޯސްޓް މޯޓަމް ރިޕޯޓު ލިބުމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.