ފަހަރެއްގައި އޮސްކާ އެވޯޑްސްގައި، "ބޯއިހުޑް" ގެ މައްޗަށް ކުރި ހޯދާނެ ފިލްމަކީ "ދަ ތިއަރީ އޮފް އެވްރިތިން" އެވެ. ކާއިނާތުގެ ސިއްރުތަކާ ބެހޭ ތަޖުރިބާކާރު ސައިންސްވެރިޔާ، ސްޓީވަން ހޯކިންގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ މި ފިލްމަކީ ނިމިގެން ދިޔަ ގޯލްޑެން ގްލޯބް އެވޯޑްސްގައި އެންމެ މޮޅު އެކްޓަރުގެ ޝަރަފް ލިބުނު ފިލްމެވެ.
އެ ކާމިޔާބީ ހޯދީ ފިލްމުގައި ހޯކިންގެ އާދަޔާހިލާފު ރޯލު ކުޅެފައިވާ އިނގިރޭސި ބަތަލް އެޑީ ރެޑްމެއިން އެވެ. އޭނާގެ ނަމަކީ ސިނަމާގެ ދުނިޔޭގައި އެހާ ބޮޑު ނަމެއް ނޫނެވެ.
ގިނަ ބައެއްގެ މެދުގައި މަޝްހޫރުވީ ވެސް ވަރަށް ފަހުންނެވެ. އެއީ "ލެސް މިޒްރެބްލްސް" ގައި މާރިއަސް ޕޮންޓިމާސީގެ ރޯލު ކުޅެގެން 2012 ވަނަ އަހަރު އެވެ.
އޭގެ ކުރިން ރެޑްމެއިން އަކީ އެހާ މަޝްހޫރު މޫނެއް ނޫނެވެ. އޭނާ މި ޝަރަފްވެރި އެވޯޑް ކާމިޔާބުކުރީ "ދަ އިމިޓޭޝަން ގޭމް" އިން މި އެވޯޑަށް ވާދަކުރި ބެނެޑިކްޓް ކަމްބާބެޗް އާއި "ސެލްމާ" އިން އެވޯޑަށް ވާދަކުރި ޑޭވިޑް އޮޔީލޯ އެވެ.
މި އެވޯޑާ ހަވާލުވާން އޭނާ މި ރަސްމިއްޔާތުގައި ބައިވެރިވީ އޭނާގެ ހަނީމޫން ވެސް ކުރުކޮށްލުމަށް ފަހު އެވެ. އެވޯޑާ ހަވާލުވުމަށް ފަހު އޭނާ ބުނެފައި ވަނީ ހަނދާނުން ފިލައިގެން ނުދާ ވަރުގެ ހަނީމޫނެއް ދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.
އެހެންވީމަ ރެޑްމެއިން މިއީ ކާކު ހެއްޔެވެ؟
އޭނާގެ އެކްޓިން ކެރިއަރު ފެށީ ސްޓޭޖުންނެވެ. މަޝްހޫރު މޫނަކަށް ނުވިޔަސް ފުރަތަމަ ފެނިލުމަކީ ވެސް އޭނާ އަށް އެތައް ބައެއްގެ ތައިރީފު އޮހުނު ޕާފޯމެންސެކެވެ. އެފަހަރު އޭނާ "އައުޓްސްޓޭންޑިން ނިއުކަމާ" ގެ އެވޯޑް ގެންދިޔަ އެވެ.
ފިލްމުތަކުން މިފަހަކާ ޖެހެން ދެން އޭނާ ފެނިގެން ގޮސްފައި ވަނީ މުޅިން ވެސް އާދައިގެ ސަޕޯޓިން ރޯލުތަކުންނެވެ. ފަހަރެއްގައި ބެލުންތެރިންގެ ލޮލުގައި އެހާ ބޮޑަށް އަޅައިގެންފައި ނެތީ މި ސަބަބާ ހެދި ކަމަށް ވެދާނެ އެވެ.
"ލެސް މިޒް" އަކީ އޭނާ ބޮޑު ސްކްރީނުގައި ފުރަތަމަ ފަހަރަށް އެވޯޑަށް ވެސް ނޮމިނޭޓްވި ފިލްމެވެ. އެ ފިލްމުން ސެގްގެ ނޮމިނޭޝަން ލިބިފައިވެ އެވެ.
ނަމަވެސް މިއީ ތިއޭޓާ އަށް ހާއްސަ ޓޯނީ އެވޯޑް ހާސިލުކޮށްފައިވާ އެކްޓަރެކެވެ. އަދި ބޮޑު ސްކްރީނުގައި ލީޑް ރޯލަކުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރު އޭނާ ގޯލްޑެން ގްލޯބް ކާމިޔާބުކުރުމަކީ ވެސް އޭނާގެ ކުޅަދާނަކަމުގެ ހެއްކެކެވެ.
ބެލެވޭ ގޮތުގައި ކުރިއަށް އޮތް އޮސްކާ އެވޯޑްސްގައި ވެސް ވިދާލާނެ ތަރިއަކީ މިއީ އެވެ.