ޑރ. މުހައްމަދު ޖަމީލް އަހުމަދު

އިޔާޒަށް ދިނީ ސިޔާސީ އަދަބެއް: ޖަމީލް

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ޑރ. މުހައްމަދު އިޔާޒަށް އެޅި ފިޔަވަޅަކީ ސިޔާސީ ތައައްސުބުން ފުރިގެންވާ ފިޔަަވަޅެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅު ވެއްޖެ އެވެ.

އެމްއެންޔޫން ވަނީ އިޔާޒް ވަޒީފާއިން 14 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.

ޖަމީލު ވިދާޅުވީ އިދިކޮޅު ފަރާތްކާ ހިޔާލު ތަފާތުވެ ވަޑައިގެންނެވި ނަމަވެސް އިޔާޒަކީ އިސްލާމްދީނުގެ އިލްމު ފަތުރަން ބުރަކޮށް މަސައްކަތް ކުރައްވާ އިލްމުވެރިއެއް ކަމަށާއި އޭނާގެ މައްޗަށް އެމްއެންޔޫން އެޅި ފިޔަވަކީ ސިޔާސީ ތައައްސުބުން ފުރިގެންވާ ފިޔަަވަޅެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އިލްމުވެރިންނަށް ފިޔަވަޅުއެޅުމުން ލާދީނީ ފިކުރު ފެތުރުން ފުޅާވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އިޔާޒަކީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އެސިސްޓެންޓް ޕްރޮފެސަރު / ސީނިއާ ލެކްޗަރާ އެކެވެ.

އިޔާޒު ސަސްޕެންޑް ކުރިކަން އެންގީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސަސްޕެންޑް ކުރިކަން ކުއްލި ގޮތަކަށް އެންގީ ސަސްޕެންޑްކުރި ދުވަހު އޮތް ކްލާސްތައް ނެގުމަށް އެމަނިިކުފާނު ތައްޔާރުވަމުން ދަނިކޮށެވެ.