ސްރީލަންކާ

ވިސާ ނެތި އުޅުނު ހަތަރު ދިވެހިން ލަންކާގައި ހައްޔަރުކޮށްފި

ވިސާ ނެތި -- އޯވާ ސްޓޭ -- ގައި ސްރީލަންކާގައި އުޅެމުން އައި ހަތަރު ދިވެއްސަކު އެ ގައުމުން އަތުލައިގަނެ ހައްޔަރު ކޮށްފި އެވެ.

ސްރީ ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ "ދަ މޯނިން" އިން ބުނީ ދިވެހިން ހައްޔަރުކުރީ ލަންކާގެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

ފުލުސް ސްޕޯކްސް ޕާސަން ޑީއައިޖީ އަޖިތު ރޯހަނާ ވިދާޅުވީ ވިސާ ނުލައި އުޅެނިކޮށް ދިވެހިންގެ ބަޔަކު ހިމެނޭ ގޮތަށް ހައްޔަރުކުރީ ދެހިވަލަ އާއި މައުންޓް ލެވީނިއާ، މޮރަތުއާ އަދި ސްލޭވް އައިލެންޑް އެންޑް ގްރޭންޑްޕާސް އިން ކަމަށެވެ. ދިވެހިންނާއެކު ދެން އަތުލައިގެނެ ހައްޔަރު ކުރީ ނައިޖީރިއާ އާއި އިންޑިއާ މީހުނެވެ.

ވިސާ ނެތި ގަވައިދާ ހިލާފަށް އުޅޭ މީހުން ހޯދަން ކުރިއަށް އޮތް ތަނުގައި ވެސް ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަަމަށް ފުލުހާ ހަވާލާދީ ލަންކާގެ އެ ނޫހުގައި ރިޕޯޓްކޮށްފައި ވެއެވެ.

އެކި ބޭނުންތަކުގައި ގޮސް އަވަށްޓެރި ލަންކާގައި 15،000 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅެ އެވެ.