ދުނިޔެ

ލަންކާ ފުލުހަކު އެހެން ހަތަރު ފުލުހެއް ގަޔަށް ބަޑިޖަހައި މަރާލައިފި

ލަންކާ ފުލުހަކު އޭނާއާ އެކު މަސައްކަތްކުރި ހަތަރު ފުލުހެއް ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ. ފުލުހުންގެ ތަރުޖަމާން، ނިހާލް ތަލްދުވާއާ ހަވާލާދީ އެސޯސިއޭޓް ޕްރެސް ޕްނާ ގޮތުން މިހާދިސާގައި އެހެން ތިން ފުލުހަކަށް ވެސް ފަރުވާދޭން ޖެހޭ ވަރަށް އަނިޔާވި އެވެ.

މި ހާދިސާއާ ބެހޭ ގޮތުން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ހާދިސާ ހިނގީ ހުކުރު ދުވަހުގެ ރޭ ތިރުކޮވީލްގައި ހުންނަ ޕޮލިސް ސްޓޭޝަނެއްގެ ތެރޭގައި ކަމަށެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ބެހޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.

ތިރުކޮވީލް އަކީ ލަންކާގައި ހިނގި ދާޚިލީ ހަނގުރާމައިގައި ފުލުހުންނާއި ތަމަޅަ ޓައިގަރުންނާ ދެމެދު ހަމަލާ ބަދަލުކުރެވުނު އަވަށެވެ. އެހެން ނަމަވެސް 2009 ގައި ހަނގުރާމަ ނިމުނީއްސުރެ އޮންނަނީ ވަރަށް އަމާން މާހައުލެއް ގޮތުގައި ކަމަށް ޚަބަރުތައް ބުނެ އެވެ.

ޕޮލިސް ސްޓޭޝަންގައި ވެރިއަކަށް އެވަގުތު ހުންނެވި އޮފިޝަރަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށްވެ އެވެ. އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ހަމަލާދިން އޮފިސަރު ސްޓޭޝަނުން ނުކުމެ ގޮސް އެހެން ސްޓޭޝަނަކަށް އަމާންދީ އޭނާގެ އަތުގައި ހުރި ހަތިޔާރު ފުލުހުންނަށް ހަވާލުކުރި ކަމަށް ވެސް ތަރުޖަމާން، ނިހާލް ވިދާޅުވި އެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ޚާއްސަ ޓީމެއް އެ އަވަށް ގޮސްފައިވާ ކަމަށް ވެސް ނިހާލް ވިދާޅުވި އެވެ.