(4 މާރިޗު 2021 އާ ގުޅޭ)
ފަތިހުން ފެށިގެން ނޯޔާގެ ނަފްސަށް ހިމޭންކަން ވެރިވިއްޖެ އެވެ. އެ ހިމޭންކަން އިތުރަށް ފުންވީ ސްކޫލުދޮށުން ދިމާވި ކަންތަކަށްފަހު އެވެ. އޭނާގެ ހިމޭން ކަމުގައި އެ ސިކުނޑިއާއި ހިތް ބައިވެރިއެއް ނުވެއެވެ. އެ ދެ ބައިމީހުން ވަނީ މަޝްވަރާގަ އެވެ. އެއް މައުލޫއަކީ އަސްލަންއެވެ. ދެން އޮތީ ސްކޫލުދޮށުން ދިމާވި ޒުވާނާއެވެ. ބެލެނިވެރިން އެކަކުއަނެކަކަށް ގޮވާލައި އޮލަވާހައިގަ ތިބޭތަން ނޯޔާއަށް ފެނެއެވެ. އެހެންވިޔަސް އެ ޒުވާނާއާ ގުޅުން ބަދަހިކުރުމާމެދު ނޯޔާ ސުވާލު އުފެދެނީއެވެ. އެހިތްހެޔޮކަން ބަލައިގަތުގައި މުސްތަޤުބަލަށް އެޅިދާނެ ކުޅު ރިވެއްޔަކަށް ވެދާނެއެވެ.
"އާދެބަލަ މިތާ އިށީންނަން." ރިދާންގެ އަޑަށް ނޯޔާ ބަލާލި އެވެ.
"ކިހިނެއްވީ؟" ނޯޔާ އަހާލި އެވެ. ސޯފާގައި އަނގަތަޅަން އިނުމުގެ ވިސްނުމެއް ނޯޔާގެ ނެތެވެ.
"ދެން އާދެބާ... ޕްލީޒް..." ރިދާން އާދޭސް ކޮށްލި އެވެ.
ނޯޔާ ޖަވާބެއް ނުދިނުމުން ރިދާން ތެދުވި އެވެ. ސޯފާތަށް ކައިރީ ހުރި އުނދޯއްޔަށް އަނުމް ލާފައި ރިދާން އައީ ކާ މޭޒު ކައިރިއަށެވެ. އެތަނުން ގޮނޑިގައި އިށީނީ ނޯޔާ އެތަނުގައި ހުރީމަ އެވެ. ދެން ކައިރީ ހުރި ގޮނޑިއަށް އިޝާރާތްކޮށް ނޯޔާ އިށީނުމަށް ބުންޏެވެ. ފުން ނޭވާއެއް ދޫކޮށްލާފައި ނޯޔާ ގޮނޑި ދަމާލައި އިށީނެވެ.
"ކަމެއް ދިމާވީތަ؟" ރިދާން އަހާލި އެވެ. ނޯޔާ ނޫނެކޭ ބުނެލީ ނުހަނު އަވަހަށެވެ.
"އަހަރެން ފުރަން މިއުޅެނީ." ރިދާން ބުންޏެވެ.
"މަންމަ ބުންޏެއްނު." ނޯޔާ ބުނެލި އެވެ.
"މިގޭގަ ނޫޅޭނެ އަހަރެން ނެތީމަ މިސް ވާނެ އެކަކުވެސް..." ޅަގޮތް ދައްކާލަމުން ރިދާން ބުނެލީ ސަމާސާއެއް ފަދައިންނެވެ.
"ނޯޔާ ހަނދާންވާނެތަ އަހަރެން މަތިން." ރިދާން އަހާލި އެވެ. މާނަވީ ބެލުމަކުން ނޯޔާ ބަލާލި އެވެ. އެހިނދު ރިދާން ދެ ބުމަ އުފުލޭނޭހެން ތަޅުވާލި އެވެ.
"ހަނދާންކޮށް މިސް ވެގެން އުޅޭނެ ކުއްޖަކު ރިދާންގެ ނުހުރޭތަ؟" ނޯޔާ އިނީ އޮޅުންފިލުވަން ބޭނުންވެފަ އެވެ.
"ލައިކްވާ ގޮތެއް ހުންނަ ކުއްޖަކާ ދިމާ ނުވަނީ، އެހެންވިޔަސް މިފަހަކުން ވަރަށް އެއްކޮށް އުޅުނު ކުއްޖަކާ ދިމާވި، ދެމީހުން ދިމާނުވެ ނުފެންނަތާ އަހަރުތަކެއް ފަހުން ބައްދަލުވީ... ފެނުނުއިރު ހުރީ ވަރަށް ބަދަލުވެފަ، ވަރަށް ލޯބި، މޮޔަވާހާ ރީތި... ކުރިން އޭނާއާމެދު އެކަހަލަ ފީލިންގްސްއެއް ނެތް، ހިޔެއް ނުކުރަން އޭނާ ފެނިގެން ހިތަށް ގޮތެއްވެދާނެ ކަމަށް، އެކަމަކު..." ރިދާން ހުއްޓާލި އެވެ. އެ ވާހަކަތައް އަޑުއަހަން އިން ނޯޔާ ސުވާލު އުފެދުނެވެ. އެކަމަކު ކިހިނެއްތޯވީ އޭނާއަށް އަހާލެވުނެވެ. އަމިއްލަ ފިކުރުތަކާ ދުރުވެލަން ރިދާންގެ ފަލްސަފާ އަޑުއަހާލުން ހައްލެއްކަމުގައި ނޯޔާއަށް ވިއެވެ.
"އޭނާ މީހަކާ އިނދެފި، ދެމީހުންނަށް ވާހަކަ ދައްކާލާނޭ ފުރުސަތެއް ނުލިބުނު... ހިޔެއް ނުކުރަން އެހާ އަވަހަށް އޭނާ މީހަކާ އިނދެފާނެ ކަމަށް، ކީއް ކުރާނީ... ނަސީބު ދެރައީ." ރިދާން އިސްއުފުލާ ނޯޔާއާ ހަތަރުކަޅި ހަމަކޮށްލާ ހިނިތުންވެލީ ރިހުން އެކުލެވިފައިވާ ފަދައަކުންނެވެ. ނޯޔާއަށް ރިދާން ދެއްކި ވާހަކަ އިޙްސާސް ކުރެވުނީ އަމިއްލަ ހަޔާތަ ގުޅިފައިވީ ކަމެއް ފަދައިންނެވެ.
"އަހަރެންވެސް ކައިވެނި ނުކުރިނަމަ ރިދާންގެ ފަރާތުން ފުރުސަތެއް ލިބުމަށް އެދެވޭނެ، އެނގޭތަ ތީ އަހަރެން އެންމެ ފުރަތަމަ ލައިކްވީ މީހާ، ޓިނޭޖް އުމުރުން ފެށިގެން އައި ހޭވް އަ ހިއުޖް ކްރަޝް އޮން ޔޫ، ބަޓް... ދެމީހުން ވެސް ނަސީބު ދެރައީ... ފުރުސަތު ގެއްލުނީ ހަމައެކަނި ރިދާންއަށް އެކަންޏެއް ނޫން، ތިބުނާ ކުއްޖާ ފަހުން ވެސް ރިދާނާ ގުޅެން އަތުވެދާނެ، އެކަމަކު އަހަރެން... މީ މިހާރު އަހަރެންގެ ދިރިއުޅުން، އަހަރެންމީ އަސްލަންގެ އަންހެނުން." ބަދަލުކޮށްލި ހިނިތުންވުމުން ފަރުދާކުރީ ނޯޔާގެ ހިތުގެ އަޑެވެ.
"އަހަންނަށް އެ ފުރުސަތު ގެއްލުވާލި ކުއްޖަކީ ތީ." ރިދާން ބަލަން އިންއިރު އެ ހިތުގައިވި އެވެ.
"ދެ ދުވަސްފަހުން ދޯ ދެން ފެންނާނީ." ރިދާންގެ ނަޒަރު ވަކިނުވުމުން ނޯޔާ އިސްޖަހާލައި އަހާލިއެވެ.
"ވީކެއްފަހުން... ބޭޖިންއަށް ދަނީ، ކޯއްޗެއް ގެނެސްދޭންވީ، ނޯޔާއަށް ހަދިޔާއެއް ގެނެސްދޭން ވަރަށް ބޭނުން." ފަރުވާތެރިކަމާއެކު ރިދާންއަށް އަހާލެވުނެވެ. ނޯޔާ އެދޭ ކޮންމެ އެދުމެއް އޭނާ ފުރިހަމަކޮށް ދޭން ބޭނުންވާތީ އެވެ. އޭނާގެ ހައްޤަކަށް ނުވީ ނަމަވެސް ނޯޔާ އުފަލުގައި ހުންނަން ރިދާން އެދެއެވެ. އަސްލަންގެ ފަރާތުން ނޯޔާއަށް ލޯތްބާއި އަޅާލުން ލިބޭ ކަމާމެދު ރިދާންއަށް ޝައްކެވެ. ކައިވެނީގެ ފުރަތަމަ ރޭ ވެސް އަސްލަން ކަންތައްކުރި ގޮތް ރިދާންއަށް ހުރީ ފެނިފަ އެވެ. އެރޭ އަނބިމީހާ ދޫކޮށްލާފައި އަސްލަން އައީތީ އެކަމާ ރިދާން ވިސްނި އެވެ.
"އެއްޗެއް ގެންނާނެ ކަމެއް ނެތް." ނޯޔާ ބުނެލި އެވެ.
"އަހަރެން ދޭ އެއްޗެއް ނޯޔާ ޤަބޫލު ކުރާނަންތަ؟" ރިދާން އަހާލި އެވެ.
"ހަދިޔާ ބޮލާލާ ޖަހާކަށް ނުކެރޭނެ." ނޯޔާ ހީނލި އެވެ.
"އައި ލަވް ޔޯ ސްމައިލް." ރިދާން މިހެންބުނެލި ހިނދު ނޯޔާއަށް އަނގަމަތީ އަތްއަޅާލެވުނެވެ. ކުއްލިއަކަށް ގޮނޑިން ނޯޔާ ތެދުވީ ހިތްއަވަސްވާ ގޮތް ވެގެންނެވެ. ރިދާންއާމެދު ނޯޔާގެ ހިތް ދެކޭ ގޮތް އޭނާގެ ޟަމީރު ދެނަހުއްޓެވެ. ވާހަކައިގަ ބެހިގެންދާން ނޯޔާ ނޭދެއެވެ. ރިދާން ގާތުގައި ހަގީގަތް ފާޅުނުކުރި ނަމަވެސް ވާހަކަ ދައްކާލެވުމުން ނޯޔާ ހިތްހަމަޖެހިއްޖެ އެވެ. އެކަމަކު އެގޮތަށް ގިނައިރު ވާހަކަ ދައްކަން ތިބުން އެހެން ކަމަކަށް ފުރުސަތު ދީފާނޭ ކަމަށް ހީވެ ނޯޔާ ރައްކާތެރިވީ އެވެ. ގާތްކަމާއެކު އޭނާގެ އަދާތަކަށް ތާރީފު ކުރުމުގެ ހުއްދަ ލިބިގެން ވަނީ އަސްލަންއަށެވެ. އެކަމަކު އަސްލަން އެފަދަ ގާތް ގޮތަކަށް އޭނާއާމެދު ދެކެފާނޭކަމުގެ ސުވާލު ނޯޔާގެ ހިތުގައި އޮތެވެ.
"އަސްލަންބެ އަންނާނެ ދޯ މެންދުރު." އަނުމްގެ ގާތުގައި މަޑުކޮށްލި ނޯޔާއަށް ބަލަން އިނދެފައި ރިދާން މޭޒުދޮށުން ތެދުވި އެވެ. ސޯފާ ކައިރިއަށް އަންނަމުން އޭނާ ވާހަކަ ދެއްކުމުން ނޯޔާ ޖަވާބު ދިނެވެ.
އިތުރު ވާހަކައެއް ނޯޔާއާ ރިދާން ނުދެއްކި އެވެ. އޭނާ އެބައިން ދިއުމުގެ ޚިޔާލެއް ނުކުރާކަން ސޯފާއަށް ވެއްޓި އޮތް ގޮތުން އެނގެ އެވެ. ފަހަރެއްގައި ރިދާން އެކަނިވާނެތީ އެބަޔަށް އައީ ކަމަށް ވެދާނޭ ކަން ނޯޔާ ލަފާކުރި އެވެ. ނުދާން އެ އޮތީ އެހެންވެ ކަމަށް ނިންމުނީ އެވެ. އެހެންވިޔަސް ނޯޔާއަށް އެކަމުން އުނދަގޫވި އެވެ. އެކަމަކު ނުކުންނާށޭ ބުނާކަށް ނުކެރުނެވެ. އެހެންޏާ އެހާ ގިނައިރު ރިދާން ނީންނާނެ އެވެ. ގިނަފަހަރު އަންނަނީ ވެސް އަސްލަން އުޅޭ ވަގުތުގައެވެ.
ދެމަފިރިން އުޅެނީ ވަކި ދެކޮޓަރީގައިކަން ރިދާންއަށް އެނގިދާނެތީ އެކަމާ ނޯޔާއަށް ވިސްނެނީ އެވެ. އަސްލަން އަންނަންވާއިރަށް ރީތި ވެލައިގެން ހުންނަން ވެސް އޭނާ ނުހަނު ބޭނުމެވެ. ސާރާގެ އެދުމަށް ރިދާން އޮތް ސޯފާ ބަދަލުކޮށްލި އެވެ. ސިޓިންރޫމުކޮޅު ހުންނަ ގޮތުން ކޮޓަރީގެ ފާރާ ސޯފާތައް ނިވާވެ އެވެ. އެކަން ފާހަގަ ވުމާއެކު ނޯޔާ ކޮޓަރިއަށް ވަދެ ހެދުމާއި ދެން ވެސް އޭނާ ބޭނުންވާ އެއްޗެހި ހިފައިގެން އައިސް ކުދީންގެ ކޮޓަރިއަށް ވަނެވެ. އެ ކޮޓަރީގައި ހުރި ފާޚާނާ އޭނާ ބޭނުން ކުރިއެވެ. އެހެންޏާވެސް އެ ގަޑީގައި ސާރާ އުޅޭތީ ނޯޔާ ފެންވަރައިގެން ނުކުންނަންދެން އަނުމް ބަލާލަ ދޭން ބުނަނީ ސާރާ ގާތުގަ އެވެ. ކާންދީ ފެންވެރުމުން މެންދުރުގަޑީ ނިކަން ފަސޭހައިން އަނުމް ނިދާނެއެވެ.
* * * * *
ބެލް އަޅާލި ދޮރު ހުޅުވާލުމާއެކު މިދުހަތަށް ހުއްޓެވުނެވެ. މާނަވީ ހިނިތުންވުމެއް ތުންފަތަށް ވެރިވި އެވެ. ފަހަތަށް ޖެހިލީ ދޮރުމަތީ ހުރި އަރީން އެތެރެއަށް ވަންނަން ދައުވަތުދޭ ފަދައިންނެވެ.
"މިގެއަށް އަތުވެއްޖެޔާ ވަދެލައްޗޭ ބުނީމަ... އުޅޭނެ ކަމަކަށް ނޫން އައީ." އަރީން ބުންޏެވެ.
"އަހަރެން ދާނޭ މާގިނަ ތަންތަނެއް ނެތޭ." މިދުހަތު ބުނެލި އެވެ. އަދި ސޯފާއަށް އިޝާރާތްކޮށް އިށީންނަން އަންނަން ބުނެލިއެވެ.
ދެ ޒުވާނުން އައިސް ސޯފާގައި އިށީނެވެ. އަރީންނަށް ފާހަގަވީ ފުރަތަމަ ދުވަހު އެ އެޕާޓްމެންޓަށް ވަންއިރު ވެސް ފެނުނު ފަޅުކަމެވެ. އެތަނުގައި މިދުހަތު ނޫން މީހަކު އުޅޭކަމުގެ ހިލަމެއް ނެތީ އެވެ.
"މިހާ ބޮޑުތަނެއްގަ މިދުހަތު އެކަނި ހުންނަނީ." އަރީން އަހާލިއެވެ. ކުރިން ވެސް އޭނާ އެކަމަށް އިޝާރާތްކޮށް މިދުހަތާ ސުވާލު ކުރިއެވެ. އޭނާ އެދެވޭ ޖަވާބެއް އަރީނަށް ނުދިނެވެ.
"މީ ބައްޕަގެ ތަނެއް، އަހަރެން ހުންނަން ދީފަ." މިދުހަތު ބުނެލި އެވެ.
"ކައިފިންތަ؟" އަރީން އަހާލި އެވެ.
"އަދި ނުކަން... އެދުވަހު އެހެން ބުންޏަސް ރީން އަންނާނެ ކަމަކަށް ހިޔެއް ނުކުރަން." މިދުހަތު ބުންޏެވެ.
"މިދުހަތަށް އުނދަގޫވޭ ދޯ އަހަރެން އައީމަ، ދަނީ... ދެން ނާންނާނަން." އަރީން ތެދުވި އެވެ.
"މަޑުކޮށްބަލަ... އުނދަގޫވެޔެކޭ ނުބުނަމެންނު، ހައްތަހާވެސް... ރީން މެރީޑްވީމަ، އަހަރެންނާ ވާހަކަ ދައްކަން ފިރިމީހާ ރުހޭނެ ކަމެއް ނޭނގެއެއްނު." މިދުހަތު ހިނިއައި ނަމަވެސް އެ ހިނިތުންވުން ފާޅެއް ނުކުރިއެވެ. އަރީން ގަދަ ހަދާލިޔަސް އެ ހިތް ވަރަށް ސާފުކޮށް މިދުހަތަށް ފެންނާތީ އެވެ. އަދި އަރީން އެދެނީ މިދުހަތު އޭނާ ހުއްޓުވަންކަން ވެސް އެނގެއެވެ.
"ފިރިމީހާ އެއްވަތަރެއް ނުވާނެ، އަހަރެންނަށް ފުރިހަމަ މިނިވަންކަން އޮވޭ... އެއްފަހަރު ވެސް މިދުހަތު ބުނީމަތާ އެނގޭނީ."
"އަހަރެން ގުޅާ ހެދުމުން ފިރިމީހާ ހުއްޓަސް ރީންއަށް ވާހަކަ ދައްކަން ކެރޭނެތަ" މިދުހަތު އަހާލިއެވެ.
"ގުޅީމަ ޔަގީންވާނެއެއްނު." އަރީން ބުންޏެވެ.
"ނަންބަރު ކިޔާބަލަ." މިދުހަތު ފޯނު ނެގި އެވެ. އަރީން ކިޔާދިން ނަންބަރު ފޯނުގައި ރައްކާކުރުމަށް ފަހު އެ ނަންބަރަށް މިދުހަތު ގުޅާލިއެވެ. އަދި އެއީ އޭނާގެ ނަންބަރު ކަމުގައި ބުނެލިއެވެ.
"ކީއްވެތަ އެކަނި އުޅެނީ؟" އަރީންނަށް ހީވާ ކަމެއް ޔަގީން ކުރަން މަސައްކަތް ކުރިއެވެ.
"އެކަނި މީހުން އުޅޭނީ އެކަންޏެއްނު." މިދުހަތު ބުންޏެވެ.
"ސީރިއަސްކޮށް ބުނެބެލަ... އެނގޭ ބިޓެއް ނުނަގާ ނުހުންނާނެކަން، މީހަކާ އިނުމުގެ ޚިޔާލެއް އަދިވެސް ނުގެންގުޅަންތަ؟" އަރީން އަހާލި އެވެ.
"އަހަރެންގެ އެކަހަލަ ގުޅުމެއް އޮތިއްޔާ ރީން އަހަންނާ ވާހަކައެއް ނުދައްކާނަންތަ؟" ސީދާ ބަހުން ވާހަކަ ދެއްކުމަށްވުރެ މިދުހަތުގެ ބޭނުމަކީ އަރީންނަށް އަންނަ ބަދަލުތައް ދެނެގަތުން ކަހަލަ އެވެ. އޭނާ ދޭ ޖަވާބުން އަރީންގެ މޫނަށް އަރާ ފައިބާ ކުލަތައް ފެނެއެވެ.
"އަދިވެސް އަހަރެން ދެކެ ލޯބިވޭތަ؟" އަރީން އެއްޗެކޭ ނުބުނެ ބަލަން އިނުމުން މިދުހަތު އަހާލިއެވެ. އަރީން ލުއި ހިނިތުންވުމަކާއެކު އިސްޖަހާލީއެވެ.
"މަށަށް ވެސް ރީން ސްޕެޝަލް، ރީންއާ ބްރޭކަޕް ނުވެވުނުނަމަ މިހާރު ހުރީހީ މެރީ ވެސް ކުރެވިފަ." މިދުހަތު ބުންޏެވެ.
"ނަމައެކޭ ނުކިޔާ... އަހަރެން އުޅެން ހުއްޓާ މިދުހަތު ޑިޒިޝަން މޭކް ކުރީ، ވީގޮތެއް ނުބުނެ ކުއްލިއަކަށް ބްރޭކްއަޕްވީ، ފުރައިގެން ދެން ދިޔައީ... އަހަރެން މެރީ ކުރަން ބޭނުންވީ ކީއްވެކަން މިދުހަތަށް އެނގޭނެ، އަހަރެން ބޭރުގައި އުޅޭވަރުން މަންމަ އަބަދު ހުންނަނީ ރުޅި ގަދަވެފައި، މެރީ ކުރީމަ އަހަރެމެން ދެ މީހުން ސިއްރުން އުޅޭކަށް ނުޖެހޭނެއޭ ހިތަށް އެރީ... ފޫހިވެ ރުޅި އަންނަން ވެސް އަހަރެމެން ދެމެދުގައި ދެކެވުނީ އެ ވާހަކަ." މާޒީގެ އެ ހަނދާންތަކުން އަދިވެސް އަރީނަށް އަސަރުކުރާކަން އެ އަޑުން އެނގެއެވެ.
"އޭރު ޔަންގްވީމަ މިސްޓޭކެއް ހެދުނީ." މިދުހަތު ބުންޏެވެ.
"މިދުހަތު ކީއްވެ މެރީ ނުކުރަން ތިހުންނަނީ؟" އަރީން އަހާލި އެވެ.
"މިހާރު ރީން ލިބިއްޖެނަމަ މެރީ ކޮށްފާނަން... އެކަމަކު ނުލިބޭނެކަން އެނގޭ." އަރީންނަށް މިދުހަތު ބަލާލީ ސީރިއަސް ބެލުމަކުންނެވެ. އެހިނދު އަރީނަށް ވެސް އެ ދެ ލޮލާ ނަޒަރު ވަކިކޮށެއް ނުލެވުނެވެ.
"ސަމާސާއަށް ތިކަހަލަ އެއްޗެއް ނުބުނައްޗޭ." އަރީންގެ މޫނުން ދެރަވިކަން ފާޅުވި އެވެ. އޭނާ މަޑުމަޑުން އިސްޖަހާލި އެވެ. މިދުހަތު އިންތަނުން ތެދުވީ އެވަގުތެވެ. އޭނާ އައިސް އަރީން އިން ސޯފާގައި އިށީނެވެ. ނުހަނު ގާތުގައެވެ.
"ސީރިއަސްކޮށް... އަރީން ބޭނުމޭ ބުނެފިއްޔާ." މިދުހަތުގެ އަޑު މަޑުވެލިއެވެ.
ޖަބާދު ދޭން ބޭނުންވިޔަސް ހަގީގަތް އަރީނަށް ހުރަސް އެޅި އެވެ. އޭނާއަކީ މީހެއްގެ އަނތްބެއްކަން ޟަމީރު ހަނދާން ކޮށްދޭތީ އެވެ. އުނގުގައި ޖޯޑުކޮށްލެވިފައި އޮތް ދެއަތްތިލަ އިހުނަށްވުރެ ބާރު ކޮށްލެވުނެވެ. އެހިނދު މިދުހަތުގެ އަތުގެ ބީހުން އަރީންގެ ކޯތާފަތަށް އިޙްސާސް ކުރެވުނެވެ. މީހަމަ ހަގީގަތެއްބާއޭ އަރީންގެ ހިތާ ސުވާލު ކުރެވުނެވެ. ނޭވާ އިހްސާސްވާ ގާތަށް މިދުހަތު ކައިރިވެލީ އަރީންގެ ދެ ލޮލަށް ކަޅި ހުއްޓާލައިގެން އިނދެއެވެ.
"މި..ދު..ހަތު..." ކުއްލިއަކަށް އަރުތެރެ ހިކިގެން ދިއުމުން އަރީނަށް ވާހަކަ ދައްކަން އުނދަގޫވި އެވެ. އިސްޖަހާލުމަށް އަރީން މޫނު އަނބުރާލީ މިދުހަތުގެ ހުށަހެޅުން ބޭނުން ނުވެގެންނެއް ނޫނެވެ. ޟަމީރުގެ އަޑުލުމުގެ ސަބަބުން ހިތަށް ފުރިހަމައަށް އެއްބާރުލުން ނުދެވުނީ އެވެ. ފާޑަކަށް ޖެހިލުންވެ މޭފިނިވާގޮތްވީ އެވެ. މިދުހަތު ދުރަށް ޖެހިލީ ނިކަން އަވަހަށެވެ.
"ސޮރީ... ރީންއާ ބައްދަލު ކުރަން އަހަރެން ބިރުގަތީ މިހެންވެ... ރީން ނުރުހޭކަމެއް ކުރެވިދާނެތީ، އެ ހަނދާންތައް އާވުމުން ދުރުގައި ހުންނަން އުނދަގޫވީ." މިދުހަތު ވާހަކަދެއްކީ އިސް ޖަހާލައިގެން އަބުއިވެފައި އިނދެ އެވެ. ނަމަވެސް އޭނާގެ ގަސްދަކީ އެފަދަ ގާތްކަމަކަށް އިސްނަގައިފިނަމަ އަރީން ކަންތައްކުރާ ގޮތެއް ބަލާލުމެވެ.
އަރީންއަށް ހަރަކާތެއް ކޮށްލާކަށް ނޭނގުނެވެ. އިސްޖެހިގޮތަށް އިނދެވުނީ އެވެ. ނުކުމެގެން ދާންވީ ވަގުތު ޖެހިއްޖެކަން އަމިއްލަ ޟަމީރު ބުންޏަސް އެކަމާ އޭނާގެ ހިތާއި ސިކުނޑި ދެކޮޅެވެ. މިދުހަތަށް އެދެވޭ އެދުން މާފުނެވެ. ހަމައެއާއެކު އެތަނުގައި އެ ދެމީހުން ފިޔަވައި އިތުރު މީހަކު ވެސް ހުރީއެއް ނޫނެވެ. ކަމެއް ހިނގިނަމަވެސް އެނގޭނީ ހަމައެކަނި އެ ދެމީހުންނަށްކަން އަރީންގެ ސިކުނޑިއަށް އެރިއެވެ. އެކިއެކި ޚިޔާލުތަކުން ބުއްދި ކިލަނބުވަމުން ދިޔައެވެ. ޔަގީންނުވެފައި އިން އަރީނަށް ތިރީތުންފަތުގައި ދަތް އަޅާލައި ބާރުކޮށްލެވުނެވެ.
"ރީން... ހިތްހަމަނުޖެހުނީތަ؟ ތިހެން އިނީމަ ހީވަނީ ރުޅިއައީހެން." މިދުހަތު ބުނެލި އެވެ. އަރީން މަޑުމަޑުން ބޯހޫރުވާލީ ނޫނެކޭ ބުނާ ފަދައިންނެވެ.
"އަހަރެން މިރޭ ގުޅާލިޔަސް އޯކޭތަ؟" މިދުހަތު އަހާލި އެވެ.
"ކިހާއިރަކު؟" އަރީން އަހާލި އެވެ.
"ރީން ބުނޭ... ކޮންއިރަކު ފްރީ ވާނީ..." މިދުހަތު އެ ފުރުޞަތު ދޫކޮށްލީ އަރީނަށެވެ. ވަގުތެއްކީ އަރީނެވެ.
އަރީންގެ ދިރިއުޅުމުގެ ކަންކަން މިދުހަތު މަޑުމަޑުން އޮޅުންފިލުވި އެވެ. އޭނާގެ މަގުސަދަކަށްވީ އަރީން އުޅެނީ އުފަލުންތޯ ބެލުމެވެ. ކައިވެނި ކޮށްގެން ހުރިއިރު ފިރިމީހާއާ ދެމެދު އޮތް ގުޅުން ރަނގަޅުތޯ ބެލުމެވެ. ވަރަށް ގިނަފަހަރަށް ލޯބިންއުޅޭ ދެ މީހުން ކައިވެންޏަށްފަހު އެ ލޯބި ބަދަލުވެގެން ޝަކުވާ ކުރެއެވެ. މިދުހަތުގެ ކިތަންމެ ރައްޓެހިންނެއް އެކަހަލަ ވާހަކަދައްކާ އަޑު އޭނާ އަހައިފައިވެއެވެ. އަދި ދަރީން ލިބުމަށްފަހު ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވާކަން އެނގެއެވެ.
"ހިނގާ އަހަރެން ގެންގޮސް ދޭނަން." އަރީން ދާން އުޅުމުން މިދުހަތު ބުންޏެވެ.
"ކިހިނެއްވީ؟ ފިރިމީހާއަށް ފެނިދާނެތީތަ؟" އަރީންއަށް ވީގޮތުން މިދުހަތު ނިކަން އަވަހަށް ބުނެލި އެވެ.
"ފިރިމީހާ ކޫލްވާނެ، ގޭދޮށުން މަންމައަށް ފެނި ދާނެ." އަރީން ބުންޏެވެ.
"އަދިވެސް ހާދަ ބިރެކޭ ތިގަންނަނީ މަންމަދެކެ، އޭރު މަންމަގެ ބެލުމުގަ ދަށުގަ ހުރި އަރީނެއްނޫން މިހާރުތީ."
"ޕްލީޒް... އަންޑަސްޓޭންޑްވެބާ، މިދުހަތު ފެނުނީމަ ދޮންބެއަށް ވެސް އެނގޭނެ، މަންމަ ކަމެއް ނޫން ގޮސް ދޮންބެ ކައިރީ އަނގަތަޅުވާކަށް." އަރީން ބުންޏެވެ.
"އޯކޭ... އެކަމަކު ހިނގާފަ ގޮސްގެން ނުވާނެ، އަހަރެން ޓެކްސީއެއް ނަގައިދޭނަން." މިދުހަތު ބުންޏެވެ. އެގޮތާ އަރީން އެއްބަސްވި އެވެ.
އެޕާޓްމެންޓުގެ ދޮރުން ނުކުމެނުކުމެ ހުރި އަރީންގެ އަތުގައި މިދުހަތު ހިފާލައި އެތެރެއަށް ދަމާލި އެވެ. އޭނާ އަރީން ގެނެސް މޭގައި ބޮނޑި ކޮށްލި އެވެ. އިރުކޮޅަކު ބައްދާލައިގެން ހުރެ އަރީންގެ ކަންފަތްދޮށުގައި "މިސްވެޔޭ" ބުނެލި އެވެ. ދެން ދުރަށް ޖެހިލައި އަރީން ގޮވައިގެން އެޕާޓްމެންޓުން އޭނާ ނުކުތެވެ.
* * * * *
"މަލްކޮ... ބަލަ... ދޮރު ހުޅުވާނީ މަންމަ، މިތަނުގައި އެންމެ ބޮޑީ މަންމައެއްނު." ބެލް އެޅި އަޑަށް ދޮރާ ދިމާއަށް މަލްސާ ދުއްވައިގަތުމުން ނޯޔާ ގޮވާލި އެވެ. އެކުއްޖާ ހުއްޓި ނޯޔާ ދޮރު ހުޅުވަންދެން މަޑުކުރި އެވެ.
ނޯޔާއަށް ފެނުނީ މީގެ ކުރިން ބައްދަލުވެފައި ނުވާ ދެ ޒުވާނުންނެވެ. އަންހެނަކާއި ފިރިހެނެކެވެ. ނޯޔާ ފެނި އެ ދެ މީހުން ވެސް ތިބީ ހައިރާން ކަމެއްގެ ތެރޭ ކަހަލައެވެ.
"ކޮބާ އަސްލަން؟ މީ އަސްލަން އުޅޭބައި ދޯ..." ދޮރުމަތީ ހުރި ޒުވާނާ ސުވާލު ކުރިއެވެ.
"އެތެރެއަށް ވަންނަންވީނު." ނޯޔާ ބުނެލި އެވެ. އޭނާގެ އަތް ބުޑުން މަލްސާ ބޯ ދިއްކޮށްލި އެވެ.
"ލޫންތާ..." މަލްސާ ގޮވާލި އެވެ. ނޯޔާއަށް އެބަޔަކު ނޭނގުނަސް އެއީ އެގެއަށް އަންނަ ބައެއްކަން ދެނެގަންނަން އެނގުނީ މަލްސާ ގޮވާލި ގޮތުންނެވެ. ސޯފާއަށް އިޝާރާތްކޮށް އިށީންނަން ބުނެފައި އަސްލަންއަށް ގޮވާލަން ކަމުގައި ނޯޔާ ބުނެލި އެވެ. އޭނާ އައިސް އަސްލަންގެ ކޮޓަރިއަށް ވަނެވެ. އެނދުގައި ނިދާފައި އޮތް އަސްލަންއަށް ގޮވާލަން ނުކެރި ލައްޕާލި ދޮރު ކައިރީ ނޯޔާއަށް މަޑުކޮށްލެވުނެވެ. އަސްލަން ނިދާފައި އޮއްވާ އޭނާ އެ ކޮޓަރިއަށް ވަން މީ ފުރަތަމަ ފަހަރެވެ. މަޑުމަޑުން އައިސް އަސްލަން އޮތް ފަޅިން އެނދާ ނޯޔާ ކައިރިވެލިއެވެ. އަރިއަކަށް ބާލީހުގައި ބައްދާލައިގެން އޮތް އަސްލަންގެ މޫނަށް ފަރުވާތެރިކަމާއެކު ނޯޔާ ބަލާލި އެވެ. އުނަގަނޑާ ހިސާބުގައި އެނދުގެ ރަޖާ އޮތްއިރު އެ ފުޅާ ދެކޮނޑާއި ބުރަކަށި އޮތީ ހާމައަށެވެ. އަސްލަންގެ މޫނަށް ގެއްލިފައި އިރުކޮޅަކު ނޯޔާއަށް ހުރެވުނެވެ. ބޭރުގައި މެހެމާނުންތަކެއް އެބަތިކިކަން އެނގި ކޮޓަރިއަށް ވަނީ ކީއްކުރަންކަން ނޯޔާގެ ޟަމީރު ހަނދާކޮށްދިނެވެ.
"އަސްލަން." ނޯޔާ މަޑުމަޑުން ގޮވާލި އެވެ. ގޮވާލައިގެން އަސްލަން ނުހޭލާނޭ ހީވުމުން ނޯޔާ ގަސްދު ކުރީ އަސްލަންގެ ކޮނޑުގައި ކޮއްޓާލާށެވެ.
"އަސްލަން..." ނޯޔާ ގުދުވެލައި ކޮނޑުގައި އަތްޖައްސާ ގޮވާލި އެވެ. އެގޮތަށް ދެވަނަ ފަހަރަށް ގޮވަންވީއިރު އަސްލަން ލޯ ހުޅުވާލި އެވެ. ގާތުގައި ހުރި ނޯޔާ ފެނި އޭނާގެ ނިކަން އަވަހަށް ލޯ ހުޅުވާލައިފި އެވެ. ނޯޔާއަށް ވެސް ޖެހިލެވުނީ ފަހަތަށެވެ.
"ބަޔަކު އައިސް އެބަތިބި..." ނޯޔާ ބުންޏެވެ. އަސްލަން ބަލަން އިން ގޮތުން ނޯޔާ ކަންބޮޑުވި އެވެ.
"އެމީހުން އައިމަ ވަނީ... އަސްލަން ނިދާފަ އޮތީމަ..." އަސްލަން ހިތްހަމަނުޖެހީބާއޭ ނޯޔާގެ ހިތަށް އެރީ އެވެ. އިސްޖަހާލައި ނުކުންނަން ނޯޔާ ހިނގައިގަތެވެ. އެހިނދު އަސްލަންގެ ތުންފަތުގައި މަޑު ހަރަކާތެއް އުފެދުނެވެ. ނޯޔާއަށް ވީގޮތް އަސްލަންއަށް ކޮންމެވެސް ވަރަކަށް އެނގުނީ އެވެ. ނޯޔާ ހުއްޓުވަން ގޮވާލަން އޭނާ ބޭނުންވީއެވެ. ނަމަވެސް އޭގެ ކުރީން ހަލުވި ކަމާއެކު ނޯޔާ ކޮޓަރިން ނުކުމެއްޖެ އެވެ.
"ނިދާފަތަ؟ ބުނޭ ހުސެންނާ ލޫނާ އަތުވެއްޖޭ." ހުސެންއަށް ޔަގީން ވެގެން އަހާލި އެވެ.
"ހޭލައިފި، އެބައާދޭ..." ނޯޔާ ހިނިތުންވެލި އެވެ.
"ތީ ކޮންކުއްޖެއް؟" ހުސެން އަހާލި އެވެ.
"ނޯޔާ..." ކޮޓަރީގެ ދޮރުހުޅުވާލި އަޑާއެކު އަސްލަން ގޮވާލީ ތަންކޮޅެއް ބާރަށެވެ.
"އެބަ އަންނަން." ނޯޔާ މިހެން ބުނެލުމާއެކު ގޮސް އަސްލަންގެ ކޮޓަރިއަށް ވަދެއްޖެ އެވެ.
"މަލް... އާދެބަލަ، އެއީ ކޮންދައްތައެއް؟" ލޫނާ އަހާލި އެވެ. އެހިނދު ޓީވީ ބަލަން ސޯފާގައި އިނދެފައި ސާރާ ބަލާލި އެވެ. ލޫނާ ކުރި ސުވާލާމެދު އެކުއްޖާ ގަޔާނުވާ ކަހަލައެވެ.
"ލޫންތަގެ ބޫޓު ހާދަ ރީއްޗޭ... މަލްކޮ ވަރަށް އަރާ ހިތްވާނެ އެކަހަލަ ބޫޓަށް." ސާރާ ވާހަކަ ދެއްކިއެވެ. އެކުއްޖާގެ ވިސްނުން ތޫނެވެ. ނޯޔާ އެހެންބަޔަކާ ހިއްސާކުރަން ބޭނުންނުވާ ކަހަލައެވެ.
"މަލް އަރާލަންތަ؟" މަލްސާ އަހާލި އެވެ.
"އެކަހަލަ ބޫޓެއް ލޫންދައްތަ ގަނެދީފާނަމޭ، ކޮބާތަ ޑެޑީ؟ ކީއްވެތަ އެހާ ލަސްވަނީ؟" ލޫނާ މަސައްކަތް ކުރީ ކުދީންގެ ކިބައިގެން އޭނާއަށް އެ ފެނުނު އަންހެންކުއްޖަކީ ކާކުކަން އޮޅުންފިލާތޯ އެވެ.
"ނުކުންނަން އެނގިއްޖެ ދޯ." ކޮޓަރިން ނުކުމެގެން އަސްލަން އައެވެ. ނޯޔާ އެ ކޮޓަރިން ނުކުތީ އަސްލަންގެ ފަހަތުންނެވެ. އޭނާ އައިސް އަނުމް ކުޅެން ބައިންދާފައި އިން ރަގުމަތީ އެކުއްޖާ އުރާލައިފި އެވެ. އަދި ދެންތިބި ދެބެންއަށް ގޮވާލައި އެކުދީން ގޮވައިގެން ގޮސް ކުދީން އުޅޭ ކޮޓަރިއަށް ވަނެވެ.
"ނޫ ބޭބީއަށް ގޮވާލަން ދާން މިއުޅެނީ..." ނޯޔާ ބުނެލި އެވެ. އޭނާ ތިން ކުދީން ތައްޔާރު ކޮށްލައިގެން އެޕާޓްމެންޓުން ނުކުތީ އެވެ. ދޮރާ ހަމައަށް އަސްލަން ނުކުތެވެ. އެމީހުން ގޮސް ލިފްޓަށް އެރުމުން އަސްލަން އެނބުރި ވަދެ ދޮރުލައްޕާލި އެވެ. ސޯފާގައި ތިބި ހުސެންއާއި ލޫނާއާ ދިމާއަށް އަސްލަން އައެވެ.
"އެމަންޖެ ކޮޓަރިއަށް ވައްދައިގެން ކޮންފިލާވަޅެއް ނަގައި ދިނީ، ހާދަ ފައްކާ..."
"އަހަރެންގެ އަންހުން." ހުސެންގެ ވާހަކަ ފުރިހަމަ ނުވަނީސް އަސްލަން ބުނެލީ ނިކަން އަވަހަށެވެ. ނޯޔާއަށް ދެރަބަހެއް މީހަކު ބުނަން އޭނާ ނޭދޭކަހަލަ އެވެ. ދެ އެކުވެރިންނަށް ބަލަން އަސްލަން ހުރީ ކޮޅަށެވެ. ހުސެންއަށް ވުރެ ވެސް ބޮޑު ހައިރާން ކަމެއް ފާޅުވީ ލޫނާގެ މޫނުންނެވެ. (ނުނިމޭ)