ލައިސަންސް ނެތި ވެހިކަލް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ނުދެއްކި ޒުވާނުން ކަންބޮޑުވުމެއްގައި ތިބި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށާ ނަމަވެސް އޭގެ ކުރިން ކުރައްވަންވީ ކަމަކީ 18 އަހަރު ނުފުރޭ ކުދިން ލައިސަންސް ނެތި ދުއްވުން ހުއްޓުވާ މަނާ ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީއަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވާ ކެންޑިޑޭޓުންނާއެކު ރޭ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލްވުމުގައި ބައެއް ކެންޑިޑޭޓުން ވަނީ ލައިސަންސް ނެތި ވެހިކަލް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ނުދެއްކި ޒުވާނުން ކަންބޮޑުވުމެއްގައި ތިބި ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް ހައްލު ހޯއްދަވާ ދެއްވުމަށް ކުރައްވާ ކަމަކީ ކޮބައިތޯ ރައީސާ ސުވާލު ކުރެއްވިއެވެ.
ރަށްވެހި ފަތިސް ކެންޕެއިންގެ ކުރީ ބައްދަލުވުމެއްގައިވެސް އެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވާފައިވާނެ ކަމަށާ އެކަމަށް ލުއި ގޮތްތަކެއް ހޯދުމަށް ފިނޭންސް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް އޮފީހުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވި ބައްދަލްވުމުގައި ރައީސް ސޯލިހް ވަނީ އިސަންސް ނެތި ވެހިކަލް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ނުދެއްކި ޒުވާނުން ކަންބޮޑުވުމެއްގައި އެބަތިބި ކަމަށާ އެ ކަމަަށް ރަނގަޅު ހައްލެއް ހޯއްދަވާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ރޭ ރައީސް ފުރަތަމަ ވިދާޅުވީ އެންމެ ފުރަތަމަ ކަމަކީ ލައިސަންސް ނެތި ނުދުއްވުން ކަމަށެވެ. އަދި
ލައިސަންސް ނެތި ދުއްވުން މަނާ ކުރުމަށް ބެލެނިވެރިން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ކުރަންވީ ކަމަކީ ލައިސަންސް ނެތި ނުދުއްވުން. ބެލެނިވެރިންވެސް އަދި އެންމެންވެސް ބާރުއަޅަންވީ 18 އަހަރު ނުފުރޭ ކުދިން ލައިސަންސް ނެތި ދުއްވުން ހުއްޓުވަން. މަނާކުރުވުން،"
ރައީސް ސޯލިހު އެހެން ވިދާޅުވުން ބައްދަލްވުންތައް ޗެއާ ކުރައްވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެފަދަ މައްސަލަތަކުގައި އަމަލު ކުރެވިދާނެ ގޮތްތަކެއް ބައެއް ބޭފުޅުން ވިދާޅުވާ ކަމަށެވެ. އެ ގޮތުން ދައުލަތުން ޖޫރިމަނާއެއް މައާފުކޮށްދޭ ކޮންމެ ފަހަރަކު ކޮމިއުނިޓީ ހިދުމަތެއް ކުރަން ޖެހޭ ގޮތަށް ބަދަލު ކުރުމަށް އެމަނިކުފާނު ހުށައެޅުއްވިއެވެ.
"ރައީސް.. މިކަމުގައި ބައެއް ބޭފުޅުން ދެއްވިޔޭ ހިޔާލެއް ކޮމިއުނިޓީ ހިދުމަތެއް ކުރަން އެފަދަ ޖޫރިމަނާއެއް ކޮށްފައިވާ މީހަކު. ދައުލަތުން ޖޫރިމަނާ ފަހަރު ފަހަރު ކޮމިއުނިޓީ ހިދުމަތެއް ކުރުމަށް މަތިކުރުން. އޭގެ ތެރޭގައި ރިސޯޓްތަކުގެ ޖޫރިމަނާ މާފުކުރީމަވެސް ކޮމިއުނިޓީ ހިދުމަތެއް ކުރަން ޖެހޭ ގޮތަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވި ނަމަވެސް އެކަމަށް ރައީސް ސޯލިހް އެއްވެސް އެއްޗެއް ވިދާޅެއްނުވިއެވެ. އަދި ތާއީދު ކުރައްވާ ކަމެއްވެސް އިޝާރާތެއް ނުކުރެއްވިއެވެ.