ޓެކްނޯލޮޖީ

ގޫގުލް ޕިކްސެލް ފޯނުތަކުން ވިންދުބަލައިދެނީ

މިއީ އެންޑްރޮއިޑް ފޯނުތަކަށް އަންނަން ހުރި ފީޗާތަކެކެވެ. އެކަމަކު ފުރަތަމަ ގޫގުލް ޕިކްސެލް ފޯނުތަކަށެވެ. އެވެސް މި ޚިދުމަތް ސަޕޯޓްކުރާ ޕިކްސެލް ފޯނުތަކަށެވެ. ބުނެވޭ ގޮތުގައި ޕިކްސެލް 3 އިން މަތީ ގިނަ މޮޑެލްތަކަށް މި ހަފުތާގައި މި ފީޗާތައް ލިބޭނެ އެވެ.

ގޫގުލް ޕިކްސެލް ފޯނުތަކުން ވިންދު ބަލައި ނޭވާލާ ވަރު ބަލައި ފޯނު ބޭނުންކުރާ މީހާ ހުރީ ހެޔޮ ހާލުގައިތޯ ބަލަނީ އެވެ. ހެޔޮ ހާލުގައި ހުރެގެން ނޫން ގޮތަކަށް ފޯނު ވެސް ބޭނުން ކުރުމަކީ ކުރެވޭ ވަރުގެ ކަމަކަށް ނުވާނެތީ އެވެ.

ޕިކްސެލް ފޯނުތަކަށް އިތުރު ހާޑްވެއާއެއް ނުގުޅައި ވިންދާއި ނޭވާލާ ވަރު ބަލައި ދެނީ ފޯނުގެ ފަހަތު ކެމެރާއިންނެވެ. މީގެ މާނައަކީ ސްމާޓްފޯން ކެމެރާ ދަންނަނީ ހަމައެކަނި ވީޑިއޯކުރާށާއި ފޮޓޯ ނަގަން ނޫން ކަމެވެ. އެހަރެމެންގެ ލޮލަށް ނުފެންނަ ކިތަންމެ ކަމެއް ކެމެރާއަށް ރެކޯޑް ކުރެވޭ ކަމެވެ.

ޕިކްސެލް ފޯނުން ވިންދު ބަލަން އެދޭނަމަ "ގޫގުލް ފިޓް" ހުޅުވާލާށެވެ. މި އެޕް ފޯނުގައި ނެތް ނަމަ ޕްލޭ ސްޓޯރުން ލިބޭނެ އެވެ. މިއީ އަދި މިވަގުތަށް ގޫގުލް ޕިކްސެލް ފޯނުތަކަށް ހާއްސަ ފީޗާއަކަށް ވާތީ އެހްނެ މޮޑެލްއެއްގެ ފޯނަކުން މި ފީޗާ ނުފެނިދާނެ އެވެ.

ގޫގުްލ ފިޓް ހޯމް ސްކްރީންގައި "ހާޓް ރޭޓް" އަށް ފިތާލުމަށް ފަހު ފަހަތު ކެމެރާ ނިވައިވާ ވަރަށް ކެމެރާ މަތިގައި އިންގިލި އަަޅާށެވެ. ލަސްތަކެއް ނުވެ ހިތުގެ ވިންދު ބުނެދޭނެ އެވެ. އެ އަދަދު ސްކްރީންނަށް އަރާނެ އެވެ. އަދި ޑާޓާ ސްޓާކުރެވޭނެ އެވެ.

ނޭވާލާ މިންވަރު ބެލުމަށް ފުރަތަމަ ކުރަންވި ކަމަކީ ތިރީގައި އެވާ ޔޫޓިއުބް ވީޑިއޯ ބަލާލަންވީ އެވެ. އެއަށް ފަހު ޕިކްސެލް ފޯނު ސްޓޭންޑެއްގައި ހަރުކުރިއަސް ރަނގަޅުވާނެ އެވެ. ހަރުދަނާ ތަނެއްގައި ބަހައްޓާށެވެ.

ފޯނު ތަނެއްގައި ބެހެއްޓުމަށް ފަހު މޭކަށިގަނޑުން މަތި ކެމެރާއަށް އަރާ ގޮތަށް އިށީއިނދެ ނޭވާލާށޭވެ. ނޭވާލާ މިންވަރު ކެމެރާ ބުނެދޭނެ އެވެ. އަދި ޑާޓާ ސޭވްކުރަން ބުނާނެ އެވެ.

މިބުނެދިން ފަދައިން ވިންދާއި ނޭވާލާ މިންވަރު ޕިކްސެލް ފޯނުގެ ކެމެރާ ބޭނުންކޮށްގެން ބަލަން އެދޭ ނަމަ ކެމެރާއަށް މީހާގެ އެހިސާބު ރަނގަޅަށް ފެންނާނެ ގޮތް ހަދަންވާނެ އެވެ.

ޕިކްސެލް ފޯނެއް ނުގެންގުޅޭ ނަމަ މިކަން ތަޖުރިބާކުރުން ދަތިކަމަކަށް ވެދާނެ އެވެ. އެހެން ނަމަވެސް، ގޫގުލުން ބުނީ ޕިކްްސެލް ފޯނުތަކުން މިކަން ކުރެވޭނެ ކަމަށެވެ. މިއީ ކަމުދާ ކަމެއް ނަމަ ޕިކްސެލް ފޯނު ގެންގުޅޭ ކުދިން އަންގާލަދިނުން އެދެމެވެ.