އާއްމުކޮށް މީހުން ކައި ނޫޅޭ އެއްޗެތި ކާން އާދަވެފައިވާ މީހުން ދުނިޔޭގައި އުޅެ އެވެ. އިންޑިޔާގެ މަހަރަޝްތުރާގައި ދިރިއުޅޭ ރާމްދާސް ބޮކްޑޭ އަކީ މިފަދަ މީހެކެވެ. ފާއިތުވީ 32 އަހަރުއްސުރެ އޭނާ ކޮންމެ ދުވަހަކުވެސް ހިލަ ކަޔެވެ.
ރާމްދާސް އަކީ އެހެން މީހުން ފަދައިން ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. ނަމަވެސް އެހެން މީހުންނާއި އޭނާގެ ހުރި ތަފާތަކީ އޭނާއަށް އާއްމުކޮށް މީހުން ކައި އުޅޭ ކާނާ ނުލިބުނަސް ހިލަކޮޅެއް ކާލަން ލިބެން ޖެހޭނެ އެވެ. ކާނާގެ ބަދަލުގައި އޭނާ ކާލަން ބޭނުންވަނީ ހިލަ އެވެ.
އުމުރުން މިހާރު 78 އަހަރު ވެފައިވާ މި މީހާ ދުވާލަކު މަދުވެގެން 250 ގްރާމް ހިލަ ކައެވެ.
ހިލަ ކާން ފަށަން މެދުވެރިވީ ސަބަބު އިންޑިޔާގެ ނޫހަކަށް ރާމްދާސް ކިޔައިދީފައި ވެއެވެ. އޭނާ ބުނީ ވަރަށް ގަދަޔަށް ބަނޑުގައި ރިއްސާތީ ގިނަ ދުވަސްތަކަކު އުޅެން ޖެހުނު ކަމަށެވެ. ޑޮކްޓަރަށް ދައްކައިގެން ވަރަށް ދިގު މުއްދަތަކަށް ފަރުވާ ހޯދި ނަމަވެސް އޭނާގެ ބަނޑުގެ ރިހުމަށް ލުޔެއް ނުލިބުނު ކަމަށެވެ.
ބަނޑުގައި ރިހުން ނުފިލައިގެން ހަދާނެގޮތް ހުސްވެގެން ރާމްދާސް އުޅެނިކޮށް ހިލަ ކެއުމަށް އިރުޝާދު ދިނީ އޭނާއާ ބައްދަލުވި އުމުރުން ދުވަސްވީ އަންހެނަކު ކަމަށް ވެސް ރާމްދާސް ބުންޏެވެ.
އެމީހާގެ ބަސް އަހައިގެން ހިލަ ކާން ފެށުމުން ބަނޑުގެ ރިހުން ފިލި ކަމަށާއި އޭގެ ފަހުން ގަވާއިދުން ކޮންމެ ދުވަހަކުވެސް އޭނާ ހިލަ ކާ ކަމަށް ރާމްދާސް ބުންޏެވެ.
ރާމްދާސްގެ ވާހަކަ މި ފަހަކަށް އައިސް މާ މަޝްހޫރުވެގެން އުޅެނީ އޭނާ ވަރަށް ހަމަޖެހިލައިގެން އިނދެ މީރު އެއްޗެއް ކާހެން ހިލަ ކާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވެގެންނެވެ.
ރާމްދާސް ހިލަ ކެއުމަކީ އޭނާގެ އާއިލާގެ މީހުން ރުހޭ ކަމެއް ނޫނެވެ. އެހެންވެ އޭނާއަށް ހިލަކާން ފުރުސަތު ނުލިބޭތޯ އެމީހުން ވަރަށް މަސައްކަތް ކުރެ އެވެ. ނަމަވެސް އެމީހުންނަށް ސިއްރުން ފޮރުވައިގެން ކޮންމެވެސް ގޮތަކުން އޭނާ ކޮންމެ ދުވަހަކުވެސް ހިލަކޮޅެއް ކާލަ އެވެ.
ޑޮކްޓަރުން ބުނަނީ ރާމްދާސް ހިލަ ކަނީ ނަފްސާނީ މައްސަލަތަކެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.