ޓޫރިޒަމް

ރިސޯޓް މުވައްޒަފުން އާއިލާތަކަށް ކައިރިޔަށް ދާން ދަތިވާތީ ކުއްލި މައްސަލައެއް

ކޮވިޑާ ގުޅިގެން ރިސޯޓްތަކުގެ މުވައްޒަފުންނަށް އެމީހުންގެ އާއިލާތަކަަށް ދިއުމުގަިއ ދިމާވާ ދަތިތައް ހައްލުކުރަން ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ފެންނަކަމަށް 33 މެމްބަރަކު މިއަދު ވޯޓު ދެއްވި އެވެ.

މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ލަތީފް ވިދާޅުވީ ރިސޯޓްތަކުގެ މުވައްޒަފުންނަށް އެމީހުންގެ އާއިލާތައް ކައިރިއަށް ނުދެވި އެތައް މަހެއް ހޭދަވަމުންދާތީ ބޮޑެތި ހިތްދަތިކަމެއް ކުރިމަތިވެފައިވާ ކަމަށެވެ. މިހާރު އޮންނަ އުސޫލުތަކުގެ ދަށުން އާއިލާތަކަށް ދާން ބޭނުންނަމަ 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހެ އެވެ. ނަމަވެސް އެ މުއްދަތު މުސާރަ ނުލިބޭ ދުވަސްތަކެއްގެ ގޮތުގައި ބައެއް ރިސޯޓްތަކުން ގުނަމުންދާކަމަށް ލަތީފް ވިދާޅުވި އެވެ.

" ކޮންމެ ހަފްތާއަކު އެއްފަހަރު އޮފް ނަގަން މެޖުބޫރުވެފައި އޮތުމާއި އޮފް އެއްކޮށް ލިބޭނެގޮތެއް ނެތުމާއި ބައެއް ރަށްރަށުގައި ކަރަންޓީނުވާނެ ގޮތެއް ނެތުމާއި، ކުއްޔަށް ތަންތަން ހިފައިގެން ކަރަންޓީނު ވާންޖެހުމާއި މުވައްޒަފުން ޑޮކްޓަރަަށް ދައްކަން ދާންވެސް ބޮޑެތި ތަކުލީފްތަކެއް އުުފުލަން ޖެހޭ ފަދަ ގޮތަކަށް އޮތީ ތަރުތީބުވެފައި" ލަތީފް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތް ނަމަވެސް ރިސޯޓްތަކުގައި ތިބޭ ފަތުރުވެރިން މާސްކު އެޅުން މަޖުބޫރެއް ނޫނެވެ. އޭގެ ސަބަބުން ރިސޯޓްތަކުގެ މުވައްޒަފުންނަަށް ނުރައްކާ އޮންނައިރު ރިސޯޓްތަކުގައި އެކަށީގެންވާ ވަރަށް ވެކްސިން ނުދެވޭތީ ލަތީފް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.