ޔަމަނާއި ގަތަރު ގުޅުން އަލުން ބަދަހިކޮށްފި އެވެ. މިއީ 2017 ގައި ސައޫދިއާ ބައިވެރިން ގަތަރާ ގުޅުން ކަނޑާލާފައި އޮތުމަށް ފަހު ގުޅުން ބަދަހިކުރަން ކުރާ މަސައްކަތްތަކެވެ. ޔަމަންގެ ފޮރިން މިނިސްޓްރީން ވެސް ވަނީ މިކަން އާންމުކޮށްފަ އެވެ.
ޔަމަންގެ ފޮރިން މިނިސްޓްރީ ބުނީ ދެގައުމުގެ ގުޅުން ރަނގަޅުކުރުމަށް މިނިސްޓަރު އަހްމަދު އަވާދު ބިން މުބާރަކް އަދި ގަތަރުގެ ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްދުއްރަޙްމާން އަލް ސާނީ ދޯހާގައި ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަމަށެވެ. ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގައި ފުށުއަރާ ކަމެއް ނެތް ކަމަށާއި ބައްދަލުވުމުން ފެނިގެން ދިޔައީ އެކުވެރިކަން ކަމަށެވެ.
ސައޫދީ އަރަބިއާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހުރެއިން އަދި މިސްރުން ގަތަރާ ގުޅުން ކަނޑާލީ 2017 އިގެ މެދުތެރޭގަ އެވެ. އެއީ މެދުއިރުމަތީގައި ހަމަނުޖެހުން ހިންގާ ބައެއް ޖަމާއަތްތަކާ ގަތަރުން މާ ބޮޑަށް ކައިރިވާތީއާ އީރާނާ ގުޅުން ބަދަހި ކުރާތީ އެވެ. އެހެން ނަމަވެސް، މިއީ ގަތަރުން އެއްބަސްވާން ބޭނުން ތުހުމަތުތަކެއް ނޫނެވެ.
ޔަމަނުން ވެސް ގަތަރާ ގުޅުން ކަނޑާލީ ހޫސީ ބާގިންނާ ގުޅުން އޮންނަ ކަމަށް ބުނެ އެވެ. އަދި މެދުއިރުމަތީގައި އީރާނުންގެ ޕްރޮކީސީތަކަށް ގަތަރުން ޚަރަދުކުރާ ކަމަށް ބުނެ އެވެ.
ސައޫދީއާ ބައިވެރިން ގަތަރާ އަލުން ގުޅުމަށް 13 ނުކުތާއެއްގެ މައްޗަށް ޝަރުތުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި އީރާނާއެކު ގުޅުން އިތުރަށް ބަދަހިނުކުރުން، ގަތަރުގައި ހުންނަ ތުރުކީ މިލިޓަރީ ބޭސް ބަންދުކުރުން، އަލްޖަޒީރާ ޓީވީ ކޮންޓެންޓަށް ބަދަލުގެނައުން އަދި އަވައްޓެރި ގައުމުތަކުގެ އަމިއްލަ ކަންތައްތަކުގެ ތެރެއަށް ދޯހާއިން ނުބެހުން ހިމެނެ އެވެ. އަވައްޓި ގައުމުތަކުގެ މަސްލަހަތާ ދޯހާއިން ކުޅެނީ އަލްޖަޒީރާ ޚަބަރު ނެޓްވޯކް މެދުވެރިކޮށެވެ.
ސައޫދީއާ ބައިވެރިން އަލުން ގަަތަރާ ގުޅުނީ މިއަހަރު ޖެނުއަރީގައި ސައޫދީގައި އޮތް 41 ވަނަ ގަލްފް ކޯޕަރޭޝަން ކައުންސިލް ސަމިޓް ހިނގަމުން ދަނިކޮށެވެ.