މޯލްޑިވް ގޭހުން ބާ ސިލިންޑަރުތަކެއް ގެނައި މައްސަލާގައި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަލީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރުމުން ތުހުމަތުތައް ދޮގުކުރައްވާ އޮޑިޓް ރިޕޯޓް އެކުލަވައި މީހުންނަށް ތުހުމަތުތަކެއް ކުރައްވައިފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ހެދި ފެސިލިޓީތަކަށް އޮކްސިޖަން ސިލިންޑަރުތައް މޯލްޑިވް ގޭހުން ގެނައުމުގައި 16 މިލިއަނެއްހާ ރުފިޔާގެ ކޮރަޕްޝަން އެކުލެވޭ ކަމަށް ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވާ އިކްރާމް ވިދާޅުވީ ސިލިންޑަރުތައް އޯޑަރުކުރުމަށް އެޕްރޫވް ދިން އަގަށް ވުރެ ބޮޑު އަގެއް އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ ކަމަށެވެ. އެ އޮޑިޓް ރިޕޯޓް ހެދި ހުރިހާ ފަރާތަކުން ވެސް މަސައްކަތް ކުރަމުން އަންނަނީ އޭނާ ފްރޭމް ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑް-19އާ ގުޅިގެން 4،128 އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ހިޔާނާތް ހިންގާފައި ނުވާނެ ކަމަށާއި އެ މައްސަލާގައި އިހުމާލުވެފައި ވަނީ ކަމާ ބެހޭ ޑިޕާޓްމެންޓްތަކުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޑިޕާޓްމެންޓްތަކުން އެޕްރޮސެސް ހިންގާފައިވާ ގޮތުގެ ތަފްސީލް ނޭންގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އާ ސިލިންޑަރުތަކަކަށް އޯޑަރު ދިނުމުން ބާ ސިލިންޑަރުތަކެއް ލިބުމުން އެތަކެތި ބަލައިގަތީ ކީއްވެތޯ އާއި އެކަމާ ގުޅިގެން ތަހުގީގު ނުކުރީ ކީއްވެތޯ އާއި ޑިސްކައުންޓް ހޯދަން މަސައްކަތް ނުކުރީ ކީއްވެތޯ ކޮމެޓީން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެއީ އޭނާ ބަލާ ކަންކަން ނޫން ކަމަށެވެ.
"އެއްވެސް އެކްޝަނެއް ނުނަގަން. ޖީއާރްއެން [ގުޑްސް ރިސީވިން ނޯޓް] ލިބުނީ އޭގެ ތިން ދުވަސް ފަހުން. އޭރު އޮތީ އެމައްސަލައިގެ އޮޑިޓް ފެށިފަ. ދެން އޭގެތެރެއަށް ވަންނަން ބޭނުން ނުވީ" އޭވާ ވިދާޅުވި އެވެ.
މިފަދަ ބޮޑު މައްސަލައެއް ހިނގާ ދިޔައިރު ކުންފުންޏާއި ހަވާލުވެ ހުރި އިސް ފަރާތަކަށް އެކަމުގެ ތަފްސީލް ނޭންގުމަކީވެސް މައްސަލައެއް ކަމަށް ކޮމިޓީ މެންބަރުން ފާހަގަކުރި އެވެ. އަދި އާ އެއްޗިއްސަށް އޯޑަރުކޮށް އެއްޗިއްސަށް ވާވަރަށް ފައިސާ ދެއްކުމަށްފަހު ބާ އެއްޗެހި ލިބުމުން ބާކީ ފައިސާ ހޯދަން މަސައްކަތް ނުކުރުން މެންބަރުން ފާހަގަކުރިއެވެ.
މީގެއިތުރުން ސިލިންޑަރު ސަޕްލައިކުރި ސިންގަޕޫރުގެ ކުންފުނި ޕްރޯބިޒް އާއި އިކްރާމާއި ގުޅުމެއް އޮންނަކަމާއި އެކުންފުނީގެ ޓިކެޓެއްގައި ސިންގަޕޯރަށް ޗުއްޓީއަކަށް ދިޔަ މައްސަލައެއް ފެންމަތިވެފައި ވާތީ އެކަމާ ގުޅިގެންވެސް ވަނީ ސުވާލުކޮށްފަ އެވެ. އިކްރާމް ވިދާޅުވީ އެކުންފުންޏާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި ސިންގަޕޫރަށް އޭނާ ދިޔައީ ރައްޓިއްސަކު ދިން ދައުވަތަކަށް އޭނާ ދިން ޓިކެޓެއްގައި ކަމަށެވެ. އެކުންފުންޏާއި ގުޅުން އޮތީ އޭނާ އާއި އެދަތުރުގައި ދެން ބައިވެރިވި މީހާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.