ދުނިޔެ

ބައިޑަން ސަރުކާރުން ޓައިވާން ހަތިޔާރާ ދިފާއީ ނިޒާމްތައް ވިއްކަންޖެހޭ

ޗައިނާއިން އެ ސަރަހައްދުގައި ގަދަ ކުރަމުން އަންނައިރު ދިފާއު ވުމަށް ޓައިވާނަށް ހަތިޔާރު ލިބެން ޖެހޭ ކަމަށާއި ރައީސް ބައިޑަންގެ ސަރުކާރުން ޓައިވާނަށް ދިފާއީ ނިޒާމްތައް ވެސް ސަޕްލައިކޮށްދޭން ޖެހޭ ކަމަށް އެޑްމިރަލް ފިލިޕް ޑޭވިޑްސަން ވިދާޅު ވެއްޖެ އެވެ. އޭނާއަކީ އިންޑޯ-ޕެސިފިކް ކޯމާންޑްގެ ވެރިޔާ އެވެ.

"ޓައިވާންގެ ކިބައިގައި ދިފާއީ ކުޅެދުންތެރިކަން ހުރިކަން އެ ގައުމަށް ވިސްނައިދޭންޖެހޭ،" ޑޭވިޑްސަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ދެމެހެއްޓެނިވި ގޮތެއްގައި ޓައިވާނަށް ހަތިޔާރު ސަޕްލައި ކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ޓައިވާނަށް ހަތިޔާރު ވިއްކުމުގެ އަސާސަކީ ދިފާއު ވުން،" ޑޭވިޑްސަން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން ހަނގުރާމައެއްގެ ހާލަތުގައި ވެސް ގައުމު ދިފާއު ކުރެވޭ ވަރުގެ ބަޔަކަށް ޓައިވާން ވާންޖެހެ އެވެ.

ޗައިނާގެ ހަރަކާތްތަކަށް ފާރަލައިގެން ތިބި އެމެރިކާ ސިފައިން އަންދާޒާ ކުރަނީ ޗައިނާއިން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށެވެ. އެމެރިކާ ސިފައިން ބަލަބަލާ ތިއްބައި ޗައިނާ މަނަވަރުތައް ޓައިވާން ކަނޑަށް ނުކުމެ މުޅި ހިސާބުގަނޑު އަގުމަގުކޮށްފައި އެނބުރި ވަނީ ގޮސްފަ އެވެ. އެމެރިކާ ސިފައިން މިކަމާ މެދު ބުނަނީ ޗައިނާ ކަނޑުގެ ސިފައިން ވަކި ކަމެއް ކުރަން އުޅޭތަން ނުފެންނަ ކަމަށާއި ބާރުވެރިކަން ހުރީ ސިހޭ ކަހަލަ ގޮތަކަށް ކަމަށެވެ.

އެމެރިކާގެ ވިސްނުމަކީ ސައުތު ކޮރެއާގައި ބަހައްޓާފައި ހުރި ކަހަލަ ދިފާއީ ނިޒާމެއް ޓައިވާންގައި ވެސް ބެހެއްޓުމެވެ. އެހެން ނަމަވެސް ތަޖުރިބާކާރުން ބުނަނީ ޓާމިނަލް ހައި އަލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) ސިސްޓަމެއް ޓައިވާނަށް މުހިންމު ނޫން ކަމަށާއި ޗައިނާއިން ޓައިވާންއަށް ހަމަލާދޭ ނަމަ ދޭނީ ކުރު ރާސްތާ މިސައިލުން ކަމަށެވެ.

ޗައިނާއިން އެ ސަރަަހައްދުގައި މިލިޓަރީ ޕްލޭން ރާވަނީ ޕްރޮކްސީ އުޅަނދު ފަހަރުން ހަމަލާދޭ ގޮތަށެވެ. މިއީ ހަމަލާ އަންނަ ވަކިތަނެއް ކުއްލިއަކަށް ދެނެގަންނަން ދަތި ގޮތެކެވެ.