ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓް ނަގާ މަގާމުން ދުރުކުރި ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޕެއިންގައި ބައިވެރިވެ ވަޑައިގަންނަވަން ފައްޓަވައިފި އެވެ.
މަލީހު މިއަދު ވަނީ ފުވައްމުލަކުގައި ޕީޕީއެމްގެ ކެންޕެއިން އޮފީހެއް ހުޅުވުމަށް ބޭއްވި ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންފައެވެ. މާލެ އާއި ފުވައްމުލަކު ސިޓީގައި ބޭއްވި ބައްދަލްވުމުގައި މަލީހު ބައިވެރިވެވަޑައިގެންފައި ވަނީ އޭނާގެ ބޭބޭ ކުރީގެ ނައިބު ރަައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އަރިހުގައެވެ. އެ ދެ ބޭފުޅުން ނިސްބަތްވަނީ ފުވައްމުލަކަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގައި އިތުރުބާރު ނެތް ކަމަށް ވޯޓެއް ނަގައި ފާސްކޮށް އޭނާ މަގާމުން ދުރުކުރީ މާޗް އެއްވަނަ ދުވަހުއެވެ. މަލީހު، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކަމުގެ މަގާމުން ދުރު ކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީގެ ސާފު މެޖޯރިޓީގެ 59 މެންބަރަކު ވޯޓް ދެއްވި އެވެ. މަލީހް ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ހަތަރު މެންބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިއްބެވި އެވެ. މިއީ މި ސަރުކާރުގެ މިނިސްޓަރެއްގެ މައްޗަށް ނެގި މި ފަދަ ފުރަތަމަ ވޯޓެވެ.
މަލީހަކީ 2013 ވަނަ އަހަރުވެސް ޕީޕީއެމްގެ ރިޔާސީ ކެންޕެއިންގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ޕީޕީއެމް ސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރަކީވެސް މަލީހެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު މަލީހު މަގާމުން ދުރުކުރިއެވެ.