އިނގިރޭސި ޝާހީ އާއިލާގެ އެންމެ މަގްބޫލު އެއް ޕްރިންސް ކަމަށްވާ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މެގަން މާކްލް އޮޕްރާ ވިންފްރީއަށް ދެއްވި އިންޓަވިއު އަކީ މިހާތަނަށް ދުވަހަކު ވެސް މީހަކު ދީފައިވާ ހަމަލާއަށް ވުރެ ވަރުގަދަ ހަމަލައެކެވެ. އެހެން ގޮތަކަށް ބުނާނަމަ ބުނެވޭނީ މެގަން އާއި ހެރީ އިނގިރޭސި ޝާހީ އާއިލާއަށް ވައްޓާލީ ވަރުގަދަ ބޮމެއް ކަމަށެވެ.
މި އިންޓަވިއުގައި ޝާހީ އާއިލާއާ ގުޅޭ މިހާތަނަށް މީހުންނަށް އެނގިފައި ނެތް ވަރަށް ގިނަ މައުލޫމާތުތައް ހެރީ އާއި މެގަން ވިދާޅުވެ ދެއްވާފައި ވެއެވެ.
ޑަޗަސް އޮފް ސަސެކްސް ކިޔައި ދެއްވި ގޮތުގައި ހެރީއާ ކައިވެނި ކުރެއްވުމަށް ފަހު ޝާހީ އާއިލާއާއެކު ހޭދަކުރެއްވި ދުވަސްތަކަކީ ވަރަށް އެކަނިވެރި ކަމާއި ހިތްދަތިކަން އިހުސާސް ކުރެއްވުނު ދުވަސް ތަކެކެވެ.
މެގަން އަކީ އެފްރިކަން-އެމެރިކަން އަކަށް ވެފައި ކަޅު ނަސްލުގެ ބޭފުޅަކަށް ވާތީ އޭނާއަށް ކުރިމަތިވެ ވަޑައިގެންނެވި ބައެއް ކަންކަން ވެސް މެގަން މި އިންޓަވިއުގައި ވިދާޅުވެ ދެއްވި އެވެ. ހާއްސަކޮށް އާޗީއަށް އާލާސްވެ އިންނެވި އިރު ޝާހީ އާއިލާގެ ބައެއް ބޭފުޅުންގެ މެދުގައި އޭނާ ވިހާ ދަރިފުޅުގެ ހަމުގެ ކުލަ ކަޅުވެދާނެ ކަމަށް ބުނެ ދެކެވުނު ވާހަކަތައް މެގަން ވިދާޅުވެ ދެއްވީ އަސަރާ އެކުގަ އެވެ.
އިނގިރޭސި މީޑިއާގެ ސަމާލުކަން މެގަން އަށް އިންތިހާއަށް ލިބި އޭނާއަށް ދިރިއުޅެން ދަތިވާ ހިސާބަށް ދިޔައިރު ޝާހީ ގަނޑުވަރުން އެއްވެސް އެހީތެރި ކަމެއް އެކަމަށް ފޯރުކޮށް ނުދިން ކަމަށް ވެސް މެގަން ވިދާޅުވި އެވެ. މީޑިއާގެ އުނދަގޫ ބޮޑުވެ ދިރިއުޅުން ދެކެ ފޫހިވެ އިތުރަށް ދިރިއުޅެން ބޭނުންވެ ވަޑައި ނުގަންނަވާ ދަރަޖައަށް ހާލަތު ދިޔަ ކަމަށް ވެސް މެގަން ވިދާޅުވި އެވެ.
މެގަން އެއްބަސްވެ ވަޑައިގެންނެވި ގޮތުގައި އަމިއްލަފުޅަށް މަރުވާން ވެސް އޭނާގެ ހިތަށް އެރި އެވެ. އޮޕްރާ ތިޔައީ ހަމަ ތެދެއްތޯ އެހުމުން މެގަން ވިދާޅުވީ އޭނާ މަރުވެއްޖެ ނަމަ ހުރިހާ އެންމެންގެ ހުރިހާ މައްސަލައެއް އޭނާއާ ހައްލުވާނެ ކަމަށް ހީފުޅު ކުރެވުނު އިރެއް ވެސް ދިޔަ ކަމަށެވެ. އަދި އެ ހާލުގައި އުޅުއްވިއިރު ވެސް ނަފްސާނީ ޑޮކްޓަރުންނަށް ދައްކައިދީ އޭނާގެ ނަފްސާނީ މައްސަލަތައް ހައްލު ކޮށްދޭން ޝާހީ އާއިލާއިން އެއްވެސް މަސައްކަތެއް ނުކޮށްދިން ކަމަށް ވެސް މެގަން ވިދާޅުވި އެވެ.
ހެރީގެ ވާހަކަފުޅުން ޔަގީންވީ އަނެއް ކަމަކީ ޝާހީ އާއިލާއިން ދީފައިވާ އެކި ލަގަބު ތަކާއި މަގާމުތައް އަނބުރާ ރައްދުކުރީ އޭނާ އަމިއްލަފުޅަށް ނޫން ކަމެވެ. އެމީހުން ޝާހީ އާއިލާ އާ ދުރަށް އެހެން ގައުމަކަށް ހިޖުރަކުރަން އުޅުއްވާތީ އެކަމާ ހިތްހަމަ ނުޖެހިގެން ޝާހީ އާއިލާއިން އެމީހުންގެ ލަގަބުތައް އަތުލީ ކަމެވެ. އަދި އެމީހުންނަށް ދީފައިވާ ސެކިއުރިޓީ ވެސް ޝާހީ އާއިލާއިން ހުއްޓާލާފައިވާ ކަމަށް ވެސް މެގަން ވިދާޅުވި އެވެ.
ހެރީ ވިދާޅުވި ގޮތުގައި މާމަ (އިނގިރޭސި ރާނީ) ދެކެ އޭނާ ވަރަށް ލޯބިވެ ވަޑައިގަންނަވަ އެވެ. އަދި މާމައާ މެދު އޭނާގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. ނަމަވެސް ބައްޕަ (އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސް) އޭނާގެ ފޯނު ކޯލުތައް މިހާރު ނުނަންގަވާ ކަމަށާއި އެހެންވެ ބައްޕައާ މުޅިން ގުޅުން ކެނޑިފައިވާ ކަމަށެވެ.
ހެރީ ވިދާޅުވީ ޝާހީ ގަނޑުވަރު މެގަން އާ ދެކޮޅުވީ މެގަންގެ ކިބައިގައި މަންމާފުޅު، ޑަޔާނާގެ ހުރި ކަހަލަ އާންމުންގެ ހިތްތައް ލަންބުވާ ގޮތްތަކެއް ހުރިކަން ފާހަގަ ކުރެވެން ފެށި ހިސާބުން ކަމަށެވެ. އެހިސާބުން ގަނޑުވަރުގެ ބޭފުޅުން މެގަން އާ ދެކޮޅަށް މަސައްކަތް ފެށި ކަމަށެވެ.
އަދި ހެރީއަށް ޝާހީ އާއިލާއިން ދެމުން އައި ފައިސާގެ އެހީތައް މުޅިން ކަނޑާލާފައިވާ ކަމަށް ވެސް ހެރީ ވިދާޅުވި އެވެ. އޭނާއަށް އެހެން ގައުމަކަށް ހިޖުރަކޮށް ދިރިއުޅުމެއް ފެށޭގޮތްވީ މަންމާފުޅު ޑަޔާނާގެ ފަރާތުން ވާރުތަވެފައިވާ ފައިސާ އާއި މުދާ ލިބިފައި ހުރުމުން ކަމަށް ވެސް ހެރީ ވިދާޅުވި އެވެ.
"އާއިލާއިން އަހަންނަށް ފައިސާގެ އެހީ ދިނުން 2020 ގެ ފުރަތަމަ ކޮޅު ހުއްޓާލައިފި. ނަމަވެސް މަންމަގެ ފަރާތުން ވާރުތަވެފައިވާ މުދަލާއި ފައިސާ ހުރުމުން އަހަރެންނަށް މިގޮތަށް މި ދިރިއުޅެވެނީ،" ހެރީ ވިދާޅުވި އެވެ.
ޝާހީ އާއިލާ އާއި ވަކިވެ އެހެން ގައުމަކަށް ހިޖުރަ ކުރަން ނިންމެވި ނިންމުން ދިފާއު ކުރައްވައި ހެރީ ވިދާޅުވީ އޭނާ އެގޮތަށް ކަންތައް ކުރެއްވީ މަންމާފުޅު ޑަޔާނާއަށް ދިމާވި ފަދަ ގޮތެއް މެގަން އަށް ދިމާވެދާނެކަމުގެ ބިރަށްޓަކައި ކަމަށެވެ.
ހެރީ އާއި ކައިވެނި ކުރަން މެގަން ތައްޔާރު ވަމުން ދިޔަ ދުވަސްވަރު ހެރީގެ ބޭބެ ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް ކޮންމެވެސް ވާހަކަތަކެއް ދައްކައިގެން މެގަން ރޮއްވާލި ކަމަށް ވެސް މެގަން ވިދާޅުވި އެވެ. ނަމަވެސް ފަހުން ކޭޓް އެކަމާ މައާފަށް އެދި ވަޑައިގަތެވެ.
ދެ ގަޑިއިރުގެ ދިގު އިންޓަވިއުގައި މެގަން އާއި ހެރީ ދެއްކެވި ވާހަކަ ތަކަކީ އިއްޔެ މުޅި ދުނިޔޭގައި އެންމެ ބާރަށް ދެކެވުނު ވާހަކައަށް ވިއެވެ. އޮޕްރާމެގަންހެރީ ހޭޝްޓެގްގެ ދަށުން މި ވާހަކަ ވައިރަލްވެ މުޅި ދުނިޔޭގައި ހުރީ އަޑު ހިއްޕާލާފަ އެވެ.
މި އިންޓަވިއު ބަލާފައި އެއްބަޔަކު ބުނީ ޝާހީ އާއިލާއިން ހެރީއާއި މެގަންގެ ދަރިފުޅު އާޗީގެ ކުލައާ މެދު ކަންބޮޑުވުމަކީ ނަސްލީ ގޮތުން ދިމާކޮށްލުމެއް ކަމަށެވެ.
އަނެއް ބަޔަކު ބުނީ ވިނީ މަންޑޭލާ، ޕްރިންސަސް ޑަޔާނާ އަދި މެގަން މާކަލް ކަހަލަ ހިތްވަރުގަދަ އަންހެނުން މިހާރު މި އޮތް ސިސްޓަމުން ގަބޫލު ނުކުރާނެ ކަމަށެވެ.
މޯގަން ކިޔާ މީހަކު ކުރި ޓުވީޓެއްގައި ބުނީ ހެރީ އާއި މެގަން އަށް މިފަހަރު ލިބޭ އަންހެން ދަރިފުޅަށް ޑަޔާނާގެ ނަން ދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އޭރުން ޝާހީ އާއިލާ ރަނގަޅަށް އިނދަޖެހޭނެ ކަމަށެވެ.
ހެރީ އާއި މެގަންގެ މި އިންޓަވިއު އަކީ ޕްރިންސަސް ޑަޔާނާ 1995 ގައި ދެއްވި އިންޓަވިއު އަށްފަހު އިނގިރޭސި ޝާހީ އާއިލާގެ ހަގީގަތްތައް އާންމުންނަށް ހާމަވި ފުރަތަމަ ފަހަރެވެ. އެ ފަހަރު ޑަޔާނާ ވަނީ ޗާލްސް އާއި އޭނާގެ ކައިވެނީގައި ޖެހުނު މައްސަލަތަކާއި ވަރިވާން މެދުވެރިވީ ސަބަބުތައް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވާފަ އެވެ.
ޝާހީ އާއިލާއާ އޮތް ރަސްމީ ހުރިހާ ގުޅުމެއް ކަނޑާލުމަށްފަހު މެގަން އާއި ހެރީ އެމެރިކާގެ ކެލިފޯނިއާއަށް ހިޖުރަކުރީ މިދިޔަ އަހަރު އެވެ.